އަސްކަރީ ކަންތަކުގައި މިހާރު ބަރޯސާވަނީ ތުރުކީއަށް, އެ ގުޅުން އޮންނަން ވާނީ އިންޑިއާ, ލަންކާއާއެކު: އުމަރު

ތުރުކީވިލާތުގެ ރައީސް ތައްޔިބް އުރުދުގާން އާއި ރައީސް ޑރ. މުޙައްމަދު މުއިއްޒު-- ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގެ އަސްކަރީ ކަންތަކުގައި މިހާރު ބަރޯސާވަނީ ތުރުކީއަށް ކަމަށާއި އެ ގުޅުން އޮންނަން ވާނީ އިންޑިއާއާއި ލަންކާއާއެކުގައި ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

ސަރުކާރުން ވަނީ، ދިވެހި އަސްކަރިއްޔާގެ ވައިގެ ޚިދުމަތަށް އަންމޭންޑް އޭރިއަލް ވެހިކަލް (ޔޫއޭވީ)ތަކެއް ތުރުކީން ގެނެސްފައެވެ. އަދި، 44 އަހަރުގެ މަނަވަރެއް ނުވަތަ މިސައިލް ބޯޓެއް ވެސް ސަރުކާރަށް ހަދިޔާކުރަނީ ތުރުކީންނެވެ.

އެސްއެސްޓީވީގެ ބާރުހަތަރެއް ޕްރޮގްރާމުގައި އުމަރު ވިދާޅުވީ، ތުރުކީން ގެނައި ޑްރޯންތައް މިއަދާ ހަމައަށް ވެސް އޮޕަރޭޓުކުރަނީ ތަމްރީނު ހަދައިދޭން އެ ގައުމުން އައި ސިފައިން ކަމަށެވެ.

ޑްރޯންތަކުގެ އިތުރުން އުމަރު ވަނީ އަސްކަރީ ކަންތައްތަކުގެ ވާހަކަ ދައްކަވާފައެވެ. އެގޮތުން އެ ގުޅުން ގާއިމުކުރާއިރު ވެސް ގާތް ގައުމުތަކަށް ބަލަންވާނެ ކަމަށް އުމަރު ވަނީ ވިދާޅުވެފައެވެ. ނަމަވެސް، ރާއްޖެއަކީ އިންޑިޕެންޑެންޓް ގައުމުކަށްވާތީ އެހެން ގައުމުތަކާ ވެސް ގުޅުންތައް ގާއިމުކުރަން ޖެހޭނެ ކަމަށް އުމަރު ވިދާޅުވެފައިވެއެވެ.

ސިފައިންތަކެއް: އުމަރު ވިދާޅުވީ އަސްކަރީ ކަންކަމުގައި މިހާރު ބަރޯސާވަނީ ތުރުކީއަށް ކަމަށް ވިދާޅުވެފައި -- ފޮޓޯ/ އެމްއެންޑީއެފް

އަޅުގަނޑު ހަމަ ދަންނަވާނީ ގުޅުންތައް އޮންނަން ވާނީ ޑައިވާސިފައިކޮށްފަ ހުރިހާ އެންމެނާ ގުޅޭ ގޮތަށޭ. އެކަމަކު، އަޅުގަނޑުމެންނާއެކު އަސްކަރީ ގޮތުން އެންމެ ގާތް ގުޅުމެއް އޮންނަން ވާނީ ސްރީލަންކާއާއި އިންޑިއާއެކުގައި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު

އޭނާ ވިދާޅުވީ، ރާއްޖޭގެ މިނިވަން ދަމަހައްޓަން ބޭނުންނަމަ ވަރަށް ސަމާލުވާން ޖެހޭނެ ކަމަށެވެ. އޭގެއިތުރުން، އުމަރު ވަނީ ތުރުކީން ހަދިޔާކުރާ 44 އަހަރުގެ މަނަވަރުގެ ވާހަކައަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން، ތުރުކީގައި އާންމުކޮށް އުޅަނދު ފަހަރު 35 އަހަރުވުމުން އަސްކަރީ ޚިދުމަތުން ނަގައި، ކާގޯ ފަދަ ޚިދުމަތަކަށް ބަދަލުކުރާކަން އޭނާ ފާހަގަކުރެއްވިއެވެ.

އެކަމުގައި އުމަރުގެ ކަންބޮޑުވުމަކީ އެހެން ގައުމެއްގެ އަސްކަރިއްޔާއިން ރިޓަޔާކުރާ އުޅަނދެއް ބޭނުންކުރާތީއެވެ. އެއީ، ރާއްޖެއަށް ލިބޭ ހުތުރެއް ކަމަށް އުމަރު ދެކިވަޑައިގަންނަވައެވެ.

ތުރުކީން ރާއްޖެއަށް ހަދިޔާ ކުރާ މަނަވަރު -----

އަޅުގަނޑުމެންނަކީ އަމިއްލަ މިނިވަން ގައުމެއް. އަޅުގަނޑުމެން ތިބެން ޖެހޭނީ އަޅުގަނޑުމެންގެ އަމިއްލަ ފައިމަތީގައި. ތިބޭއިރު މީހުންނަށް ސަލާން ޖަހައިގެން އެއްޗެހި ހޯދާއިރުގައި އެ ގައުމުތަކުން ގޮނޑަށް އުކާލާ އެއްޗެހި ގެނެސް ބޭނުންކުރާ ގައުމުކަށް ވެއްޖިއްޔާ އެއީ އަޅުގަނޑުމެންގެ ނަފުސުތަކަށް ލިބޭ ހުތުރުވެސް ކަމެއްކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު

އަސްކަރީ ޚިދުމަތަކީ ރާއްޖޭގެ އަމިއްލަ އެއްޗަކަށް ވާން ޖެހޭނެ ކަމަށް އުމަރު ވިދާޅުވިއެވެ. މިސާލެއްގެ ގޮތުން އޭނާ ފާހަގަކުރެއްވީ، ދިވެހި ސިފައިން އެހެން ގައުމުތަކުން ހަދިޔާކުރާ ޔުނިފޯމާއި ބޫޓަށް އަރާކަމަށާއި އެކަން އެހެން ކުރާކަށް ނުޖެހޭނެ ކަމަށެވެ.

https://sun.mv/204706

ޑިފެންސް މިނިސްޓްރީން ބުނީ، ބޯޓު ހަދިޔާކުރުމަށް ހަމަޖެހިފައިވަނީ ރާއްޖެއާ ތުރުކީވިލާތާ ދެމެދު ގާއިމުކޮށްފައިވާ އަސްކަރީ ގާބިލުކަން އިތުރު ކުރުމުގެ އެއްބަސްވުމެއްގެ ދަށުން ކަމަށެވެ. އެއީ ރާއްޖޭގެ އަސްކަރީ ގާބިލުކަން އިތުރުކުރުމަށް ވަސީލަތް ފޯރުކޮށްދިނުމާއި އަސްކަރީ ތަމްރީނު ދިނުމާގުޅޭ އެއްބަސްވުމެކެވެ. އަދި، ސިފައިންގެ ގާބިލްކަން އިތުރު ކުރުމަށް އެޅި އެ ފިޔަވަޅަކީ، ރައީސްގެ ލަނޑުދަނޑިއަށް ވާސިލުވުުމަށް ނެގުނު ވަރަށް މުހިންމު ފިޔަވަޅެއް ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

ކަނޑުމަގުން ޑޮކްލޭންޑިން ބޯޓެއްގައި ރާއްޖެއަށް މި މަނަވަރު ޖޫން މަހުގެ ނިޔަލަށް ގެނެވޭނެކަމަށް ބެލެވެއެވެ. އެއާއެކު ތުރުކީ ނޭވީގެ ޚާއްސަ ޓީމަކުން އެ ބޯޓު ދިވެހި އަސްކަރިއްޔާއާ ހަވާލުކުރާނެއެވެ. އެ މަސައްކަތް ޖުލައި މަހުގެ ތެރޭ ނިންމާނެއެވެ.

comment ކޮމެންޓް