ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް މަސްވެރީންނަށް ދޭންޖެހޭ ފައިސާ 24 ގަޑިއިރު ލިބޭ ގޮތް ހަދައި، ބަރާބަރަށް ފައިސާ ދިނުމުގެ ނަތީޖާއަކީ މަސްވެރިކަން ދޫކޮށްލި ގިނަ ބަޔަކު އެނބުރި މަސްވެރިކަން ކުރަން ފެށުން ކަމަށް އެމަނިކުފާނު މިއަދު ވިދާޅުވެއްޖެއެވެ.
މަސްވެރިންނަށް 48 ގަޑިއިރުތެރޭ ފައިސާ ދޫކުރަން ފެށީ ޑިސެމްބަރު 10، 2024ގައެވެ.
ކޮންމެ ބުރާސްފަތު ދުވަހެއްގައި ބާއްވާ 'ރައްޔިތުންނާ އެކު' ޕޮޑްކާސްޓުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގަތުމުގެ ކުރިން މަސްވެރިކަން އޮތީ ވަރަށް ބޮޑަށް 'ވަޅުޖެހިފައި' ކަމަށެވެ. އެއާއެކު އެމަނިކުފާނުގެ އަމާޒަކަށްވީ މަސްވެރިންނަށް ދިމާވެފައިވާ ތަކުލީފުތަކަށް ލުއިތަކެއް ހޯއްދަވައިދެއްވުން ކަމަށް ވިދާޅުވިއެވެ.
އެގޮތުން 48 ގަޑިއިރުތެރޭ ފައިސާ ދެވޭ ގޮތަށް ކަންތައްތައް އިންތިޒާމުކުރުމުގެ ނަތީޖާ ވަރަށް ރަނގަޅު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"އެންމެ ދުވަހެއް ވެސް ވައްޓާނުލައި މި އަންނަނީ އިރާދަކުރެއްވީތީ [މަސްވެރިންނަށް] ފައިސާ ދެމުން. މިއަދާ ހަމައަށް އައިއިރު 470 މިލިއަނެއްހާ ރުފިޔާ، ހަމަ ބަރާބަރަށް، ދުވަހުން ދުވަހަށް ފައިސާ ދެމުން ގޮސް މަސްވެރިންނަށް ދެވިއްޖެ،" ރައީސް ވިދާޅުވިއެވެ.

'ރައްޔިތުންނާ އެކު' ޕޮޑްކާސްޓުގައި ރައީސް ވާހަކަދައްކަވަނީ -- ފޮޓޯ/ ރައީސް އޮފީސް
"...ކުރީގައި މަސްވެރިކަމުން ފައިސާ ނުލިބޭތީ ދޯނިން ފޭބި އެތައް ބަޔަކު، ޒުވާނުން ޚާއްސަކޮށް، އަނބުރާ މަސްވެރިކަން ކުރަން ފަށައިފި. އެހެން މަސައްކަތްތައް ފަށާފައި، އޮފީސްތަކަށް، އާންމުކޮށް މި ހުންނަ ކަހަލަ ވަޒީފާތަކަށް ދާން ފެށި ބައެއް މީހުން މިހާރު އެބަ އަނބުރި އާދޭ،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މަސްވެރިންނަށް ބޭނުންވާ ކަންކަން ފުރިހަމަ ކޮށްދެއްވުމަށްޓަކައި މި ސަރުކާރުން ފައްޓަވާފައިވާ ގިނަ މަސައްކަތްތަކެއް މިއަހަރާއި އަންނަ އަހަރު ތެރޭ ނިމި، އަމަލީ ގޮތުން އޭގެ ފައިދާ ކުރަން ފަށާނެ ކަމަށެވެ.
އެގޮތުން، މި ދައުރުގެ ބާކީ އޮތް މުއްދަތުގެ ތެރޭގައި ކަޅުބިލަމަސް ރައްކާކުރުމުގެ ގާބިލުކަން، 8،500 ޓަނުން 25،000 ޓަނާ ހަމައަށް އިތުރުކުރެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ޕްރޮސެސިން ކެޕޭސިޓީ، މިހާރު ހުރި 115 ޓަނުން 355 ޓަނާ ހަމައަށް އިތުރުކުރެވޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ހަމައެއާއެކު އެކި ރަށްރަށުގައި ފަށާފައިވާ އައިސް ޕްލާންޓްތަކުގެ މަސައްކަތްތަކާއި، ކޯލްޑް ސްޓޯރޭޖް އަދި ޕްރޮސެސިން ފެސިލިޓީތަކުގެ މަސައްކަތް ބާރު ދުވެލީގައި ކުރިއަށްދާކަމުގެ މައުލޫމާތު އެމަނިކުފާނު ދެއްވިއެވެ.
އާރްއެސްޑަބްލިއު ނިޒާމުތަކަކީ މަސްވެރިކަމުގެ މުސްތަގުބަލުގެ ގޮތުގައި ސިފަކުރައްވަމުން އެމަނިކުފާނު ވަނީ، އެކަމަށް ބޭނުންވާ އިތުރު ލޯނުތައް ދޫކުރެއްވުމަށް ހަމަޖެހިފައިވާކަން ވެސް ހާމަކުރައްވާފައެވެ.

"ރައްޔިތުންނާއެކު" ޕޮޑްކާސްޓުގައި ރައީސް ވާހަކަދައްކަވަނީ -- ފޮޓޯ/ ރައީސް އޮފީސް
މަސްވެރިންނަށް މާލީ ބާރުވެރިކަން ކަށަވަރުކޮށްދިނުމަށްޓަކައި އުފެއްދެވި މަސްވެރިންގެ ދަފުތަރުގައި މަސްވެރި ދޯނިތަކުގެ 95 އިންސައްތަ މިހާތަނަށް ދަފުތަރުވެފައިވާކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިހާތަނަށް 18 ވަދު ކަނދުފަތި މި ދައުރުގައި ގާއިމުކުރެވިފައިވާކަމަށާއި، ކަނޑައިގެންދިޔަ 21 ކަނދުފަތިވެސް އަލުން ގާއިމުކުރެވިފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ބީއެމްއެލްގައި އެކައުންޓް ހުޅުވާފައިވާ މަސް ދޯނިތަކުން މަސް ކިރާތާ 48 ގަޑިއިރު ތެރޭ ފައިސާ ޖަމާކުރަން ބީއެމްއެލްއާ އެކުވަނީ އެއްބަސްވުމެއްގައި ވެސް ސޮއިކޮށްފައެވެ.
އެހެން ނަމަވެސް އިސްލާމިކް ބޭންކް (އެމްއައިބީ)ގައި އެކައުންޓް ހުޅުވާފައި ހުރި މަސް ދޯނިތަކަށް 48 ގަޑިއިރު ތެރޭ އަދި ފައިސާ ޖަމައެއް ނުވާނެއެވެ. އެ ދޯނިތަކަށް ވެސް 48 ގަޑިއިރު ތެރޭ ފައިސާ ޖަމާކުރެވޭނެ ގޮތެއް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ސަރުކާރުން ބުނެއެވެ.