ކަރަންޓު މަސައްކަތެއް ކުރަނިކޮށް 27 އަހަރުގެ ޒުވާނަކު މަރުވެއްޖެ

ފުވައްމުލަކުގައި ނިޔާވި ޒުވާނާ: އޭނާ ނިޔާވީ ކަރަންޓު މަސައްކަތެއް ކުރަން ހުއްޓައި --

ޏ. ފުވައްމުލަކު ކޮންސްޓަރްކަޝްނަ ސައިޓެއްގައި މަސައްކަތް ކުރަން ހުއްޓައި ޒުވާނަކު މިއަދު މަރުވެއްޖެއެވެ.

މި ހާދިސާގައި މަރުވެފައި ވަނީ، ރ. އަލިފުށީ، އަބަދަށްހިޔާގެ 27 އަހަރުގެ އަބްދުﷲ ރިޝްދާނެވެ.

ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައިވަނީ، ފުވައްމުލަކު ހޮސްޕިޓަލަށް ގެންދިޔަ މީހަކު އެ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ މައްސަލައެއް 12:11 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އެގޮތުން، މިހާތަނަށް ބެލިބެލުމުން ރިޝްދާން ހޮސްޕިޓަލަށް ގެންދިޔައީ ކޮންޓްރަކްޝަން ސައިޓެއްގައި މަސައްކަތް ކުރަން ހުއްޓާ ޚަބަރު ހުސްވެގެންކަން އެނގިފައިވާ ކަމަށް ފުލުހުން މައުލޫމާތުދީފައިވެއެވެ. އަދި، ރިޝްވާންގެ މޫނު މައްޗަށް އަނިޔާވެފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

މި ހާދިސާއާ ގުޅިގެން ފުވައްމުލައް ސިޓީގެ މޭޔަރު އިސްމާއިލް ރަފީގް 'ސަން'އަށް ވިދާޅުވީ، އޭނާ މަރުވީ ކަރަންޓު މަސައްކަތެއް ކުރަން ހުއްޓައި ކަމަށެވެ. ނަމަވެސް، މަރުވީ ކަރަންޓުގައި ޖެހިގެންކަން ޔަގީންނުވާ ކަމަށް ރަފީގް ވިދާޅުވިއެވެ.

ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

comment ކޮމެންޓް