ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީގެ ސިސްޓަމް އެޑްމިނިސްޓްރޭޓަރުގެ މަގާމަށް މީހަކު އައްޔަނުކުރުމުގައި މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނުހައްގު މީހާކަށް 2017ވަނަ އަހަރު ވަޒީފާދިން މައްސަލައިގައި އޭރު އެ ޔުނިވާސިޓީގެ އިސްވެރިންގެ ގޮތުގައި ތިއްބެވި ދެ ބޭފުޅަކަށް ދައުވާކޮށްދޭން އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް (ޕީޖީ)އަށް ފޮނުވައިފިއެވެ.
މީޑިއާތަކަށް މައުލޫމާތު ދެމުން އޭސީސީން ބުނީ ދަޢުވާކޮށްދިނުމަށް އެދި މިދިޔަ އަންގާރަ ދުވަހު ޕީޖީ އޮފީހަށް ފޮނުވައިފައިވާ ކަމަށެވެ.
މި މައްސަލާގައި ދަޢުވާކޮށްދިނުމަށްއެދި ފޮނުވާފައިވަނީ، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީގެ ހިއުމަން ރިސޯސް ޑިޕާޓްމަންޓްގެ ޑިރެކްޓަރުގެ މަގާމުގައި އޭރުހުރި ތ. ތިމަރަފުށީ، ނަރުގިސްވިލާ ޑރ. އިބްރާހީމް ސަމީރުގެ މައްޗަށާއި، ޑެޕިއުޓީ ވައިސް ޗާންސެލަރުގެ މަގާމުގައި އޭރުހުރި ބ. އޭދަފުށީ، ގުލްބަކާގެ، އަލީ ރަޝީދުގެ މައްޗަށެވެ.
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީގެ ސިސްޓަމް އެޑްމިނިސްޓްރޭޓަރުގެ މަޤާމަށް މީހަކު ހޯދުމަށް ފަހެއް ނޮވެންބަރު 2017 ގައި ކޮށްފައިވާ އިޢުލާނަކާ ގުޅިގެން، ފޯމު ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން، އެ މަޤާމަށް ހޮވާފައިވާ ފަރާތަކީ އިޢުލާނުގައި ބަޔާންކޮށްފައިވާ ތަޢުލީމާއި ތަޖުރިބާގެ ޝަރުތު ހަމަވާ ފަރާތެއް ނޫން ކަމަށް އޭސީސީން ބުންޏެވެ.
އެ އިޢުލާނުގައި ބަޔާންކޮށްފައިވާ އެ މަޤާމަށް ޝަރުޠު ހަމަވާ ތަޢުލީމީ ސެޓްފިކެޓެއް އަދި ޝަރުޠު ހަމަވާ ތަޖުރިބާގެ ލިޔުމެއް ވެސް، އެ ފަރާތުން ހުށަހަޅާފައި ނުވާ ކަމަށް އޭސީސީން ވަނީ ބުނެފައެވެ.
މީގެ އިތުރުން އެ އިޢުލާނާ ގުޅިގެން ތައްޔާރު ކޮށްފައިވާ R2 ޝީޓްގައި ޕޮއިންޓް ދީފައިވަނީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލާ ޚިލާފަށް ކަމަށް ވެސް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.
އަދި އިންޓަވިއުގައި އެ ފަރާތަށް ގިނައިން ޕޮއިންޓް ދީ، އެ ފަރާތަށް ލިބޭ ޖުމުލަ ޕޮއިންޓް މަތިކޮށްފައިވަނީ، މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމަށްކަން ތަޙުޤީޤަށް ހޯދިފައިވާ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.
މި މައްސަލާގައި ދަޢުވާކޮށްދިނުމަށްއެދި ހުށަހަޅާފައިވަނީ، ދައުލަތުގެ މުވައްޒަފެއްގެ ހައިސިއްޔަތުން ލިބިގެންވާ ސިއްރު މަޢުލޫމާތު ނަހަމަގޮތުގައި ބޭނުންކޮށްގެން، ނާޖާއިޒު މަންފާ ހޯދައިދިނުމުގެ ކުށުގެ ދަޢުވާއާއި، ރަސްމީ ހައިސިއްޔަތާއި އެ ހައިސިއްޔަތުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ނާޖާއިޒު މަންފާ ހޯދައިދިނުމުގެ ކުށުގެ ދަޢުވާއެވެ.
މި މައްސަލައިގެ އިތުރުން ވެސް މި ހަފުތާ ތެރޭ އޭސީސީން ވަނީ ކޮރަޕްޝަންގެ ބައެއް މައްސަލަތަކުގައި ދައުވާ ކުރަން ޕީޖީއަށް ފޮނުވައިފައެވެ.