ރިޔާސީ އިންތިޚާބުގައި ދެވަނަ ބުރަކަށް ނުދާހެން، އެއްބުރުން ރައީސަކު ހޮވޭގޮތަށް ގާނޫނު އަސާސީ ބަދަލުކުރުމަށާއި، އަތޮޅު ކައުންސިލްތައް އުވައިލުމަށް ރައްޔިތުންގެ މަޖިލީހުގެ ޕީއެންސީ މެންބަރުންގެ ތާއީދަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު އެދިވަޑައިގެންފިއެވެ.
"ސަން"އަށް އެނގިފައިވާ ގޮތުގައި އިއްޔެ މެންދުރުފަހު މުލީއާގޭގައި ވަނީ މަޖިލިސް މެންބަރުންނާ ރައީސް ބައްދަލުކުރައްވައިފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސްވަނީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު އުވައިލުމާމެދު ފެންނަ ނުފެން ވޯޓެއް ނެގުމަށް މަސައްކަތްކުރައްވަމުން ގެންދަވާކަމަށް ވިދާޅުވެފައެވެ.
މީގެ އިތުރުން މަޖިލިސް އިންތިޚާބާއި، ރިޔާސީ އިންތިޚާބު އެކުއެކީ ބޭއްވުމާމެދު ފެންނަ ނުފެންނަ ވޯޓެއް ނަގަން މަސައްކަތް ކުރައްވާކަމަށް އެ ބައްދަލުވުމުގައި އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.
ދެ އިންތިޚާބު އެކީ ބާއްވަން ހުށަހަޅުއްވާނެކަމަށް މިިދިޔަ އަހަރުގެ ޖުލައި ހަތަރުވަނަ ދުވަހު ރައީސް ވިދާޅުވިއެވެ.
އެ ދުވަހު ރައީސް ވިދާޅުވީ ގާނޫނު އަސާސީއަށް އެ އިސްލާހު ގެނައުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނަގައި، ރައްޔިތުން އެ ގޮތަށް ނިންމައިފި ނަމަ ގާނޫނު އަސާސީއަށް އިސްލާހު ގެނެސް 2028 ގައި މި ދެ އިންތިޚާބު އެއްކޮށް ބޭއްވުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ.
ހަމައެއާއެކު އިއްޔެ މުލިއާގޭގައި އޮތް ބައްދަލުވުމުގައި ރައީސް ވަނީ އަތޮޅު ކައުންސިލްތައް އުވައިލުމަށް ނިންމައި، ރަށްރަށުގެ ކައުންސިލަރުންގެ އަދަދު މަދުކުރުމާމެދު ވެސް ވާހަކަދައްކަވައިފައެވެ.
ކައުންސިލަރުންގެ އަަދަދު މަދުކުރުމަކީ އެންމެ ފުރަތަމަ ރައީސް މީޑިއާއަށް ހާމަކުރެއްވި ޚިޔާލުފުޅެވެ.
އެއާއެކު އިދިކޮޅުގެ އެމްޑީޕީގެ ފާޑުކިޔުމާއި، ކަންބޮޑުވުން ވަރަށް ބޮޑަށް އަމާޒުވިއެވެ. އަދި ބައެއް ކައުންސިލަރުންނާއި، ކައުންސިލްތަކުން ވެސް ކަންބޮޑުވުން ފާޅުކުރިއިރު އާންމުންގެ ތެރެއިން ވެސް ނުރުހުން އަމާޒުވިއެވެ.
އޭގެ ދުވަސްތަތަކަށްފަހު މި އަހަރުގެ ޖެނުއަރީ ހަތްވަނަ ދުވަހު ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އެއިރު ލިބިވަޑައިގެންނެވި އެއް ކަންބޮޑުވުމަކީ ކައުންސިލަރުންގެ އަދަދު މަދުކޮށްފިނަމަ ޑިމޮކްރެޓިކް ރިޕްރެޒެންޓޭޝަނަށް އަސަރު ކޮށްފާނެކަމުގެ ކަންބޮޑުވުން ކަމަށެވެ.
އެހެންކަމުން އެ ކަންކަމަށް އަލިއަޅުވައިލައި، މި ނިޒާމު އިސްލާހު ކުރެވިދާނެ ގޮތެއްގެ ގޮތުގައި ފެނިވަޑައިގަންނަވަނީ ކައުންސިލަރުންގެ އަދަދު މަދުނުކޮށް، ފުލްޓައިމްކޮށް ކައުންސިލްގެ ރައީސާއި ނައިބު ރައީސް މަސައްކަތްކުރާ ގޮތަށް ކަނޑައެޅުން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.