ފަލަސްތީނަށް އިސްރާއިލުން ދެމުންދާ ހަމަލާތައް ހުއްޓާލުމަށް ގޮވާލައި، މިރޭ ގިނަބަޔަކާއެކު މާލޭގައި ހިނގާލުމެއް ބާއްވައިފިއެވެ.
"އުންމަތް ފަލަސްތީނާ އެކު"ގެ ނަމުގައި މިރޭ 8:20 ހާއިރު އެ ހިނގާލުން ފެށީ މަޖީދީ މަގުގެ ރަސްފަންނު ސަރަހައްދުންނެވެ. މަޖީދީ މަގުން ހެންވޭރަށް ކުރިއަށްގެންދިޔަ މި ހިނގާލުން ނިންމާލުމަށް ފަހު، އާޓިފިޝަލް ބީޗަށް ހިނގާލުމުގެ ބައިވެރިން އެއްވެ، އެތަނުގައި ވަނީ ފަލަސްތީނާ ގުޅޭ ވީޑިއޯއެއް ދައްކާފައެވެ.

ފަލަސްތީނުގެ ހައްގުގައި އަޑު އުފުލުމަށް ބޭއްވި ހަރަކާތުގެ ތެރެއިން ---- ސަންފޮޓޯ/ ހުސައިން ހާފިޒު
އެ ވީޑިއޯގައި ވަނީ، ފަލަސްތީނާ ދެކޮޅަށް އިސްރާއިލުން ދެމުންދާ ލާއިންސާނީ ހަމަލާތައް ހުއްޓާލުމަށް ވަގުތުން ފިޔަވަޅު އަޅަން ޖެހޭ ކަމަށާއި އިސްރާއީލް ޕާސްޕޯޓު މަނާކުރުން ނިންމުމަކީ ހިތްވަރު ގަދަ ނިންމުމެއް ކަމަށް ބުނެފައެވެ. އަދި، ފަލަސްތީނާ ގުޅޭ ޚާއްސަ ދަރުސެއް ވެސް ވަނީ މި ހިނގާލުން ނިންމާލުމަށްފަހު ބާއްވާފައެވެ.
މި ހަރަކާތުގައި ގިނަ އަދަދެއްގެ އާންމުން ވަނީ ބައިވެރިވެ، އަޑު އުފާލާ ޝުއޫރު ފާޅުކޮށްފައިވެއެވެ. އެގޮތުން، ފަލަސްތީނުގެ ބޯޑަރު ހުޅުވާލުމަށާއި ފަލަސްތީނު މިނިވަން ކުރުމަށް ވަނީ ގޮވާލާފައެވެ.
"މުސްލިމުންނަކީ އެއް އުންމަތެއް. ބޯޑަރުތައް ހުޅުވާލާ. ފްރީ ފްރީ ފަލަސްތީން" ހިނގާލުމުގެ ބައިވެރިން އެއް އަޑަކުން ގޮވިއެވެ. ޕޯސްޓަރުތައް ބޭނުންކޮށްގެން ވެސް އެ ހިނގާލުމުގައި ވަނީ ޝުއޫރު ފާޅުކޮށްފައެވެ.

ފަލަސްތީނުގެ ހައްގުގައި ބޭއްވި ހަރަކާތުގެ ތެރެއިން --- ސަން ފޮޓޯ/ ހުސައިން ހާފިޒް
މިދިޔަ އަންގާރަ ދުވަހު ސަރުކާރުން ވަނީ ހަމަލާތައް ހުއްޓާލަން ދެން، އިޒްރޭލް ޕާސްޕޯޓުގައި ދިވެހިރާއްޖެއަށް އެތެރެވުން މަނާކޮށްފައެވެ.
އިޒްރޭލު ޕާސްޕޯޓު މަނާކުރަން ވަޒީރުންގެ މަޖިލީހުން ނިންމައި، ސަރުކާރުން އެކަން އެންމެ ފުރަތަމަ އިއުލާނުކުރީ މިދިޔަ އަހަރުގެ ޖޫން ދެވަނަ ދުވަހެވެ. އެ ޚަބަރަށް ދުނިޔޭގެ ސަމާލުކަން ލިބުނެވެ.

ފަލަސްތީނުގެ ހައްގުގައި ބޭއްވި ހަރަކާތުގެ ތެރެއިން ---- ސަން ފޮޓޯ/ ހުސައިން ހާފިޒް
ސަރުކާރުން އެނިންމުން އިއުލާނުކުރިއިރު، އިޒްރޭލު ޕާސްޕޯޓު މަނާކުރަން ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއިލް އަހުމަދު ނަސީމް އޮތީ ބިލެއް ހުށަހަޅާފައެވެ.
އެހެންވެ، ޕީއެންސީން ނިންމީ އެ ބިލު ބަލައިގަނެ، އެ ބިލަށް ސަރުކާރުން ބޭނުންވާ އިސްލާހުތައް ގެންނާށެވެ. ބިލު ބަލައިގަނެ، ސަލާމަތީ ޚިދުމަތްތަކާ ބެހޭ (241 ކޮމިޓީ)އަށް ފޮނުވީ މިދިޔަ އަހަރުގެ ޖޫން 10 ވަނަ ދުވަހެވެ.
ދެހާސް ތޭވީސް ވަނަ އަހަރުގެ އޮކްޓޫބަރު ހަތް ވަނަ ދުވަހު އިސްރާއީލުން ޣައްޒާއަށް ދޭން ފެށި ހަމަލާތަކުގައި 48،200 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލާފައެވެ.
މި ހަނގުރާމައިގައި 69 އިންސައްތަ ގެދޮރު ހަލާކުކޮށް ގާތްގަޑަކަށް މުޅި ޣައްޒާގެ އާބާދީގެ ގެދޮރު ގެއްލުވާލައި، ބަނޑަށް ޖައްސާފައިވާ ކަމަށް އދ. އިން ވަނީ ހާމަކޮށްފައެވެ.
މި ހަނގުރާމައިގެ ސަބަބުން ލިބުނު އަނިޔާތަކުގައި ގިނަ ބަޔަކު ވަނީ ދުނިޔެ އުމުރު ތަހައްމަލުކުރަން ޖެހޭ ބަލިތަކާއި، ނުކުޅެދުންތެރިކަމަށް ހުށަހެޅިފައެވެ.