ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓުވުމަށް ބާރު އެޅުމަށް ޓަކައި މި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، އެ ތަކެތިން ނަގާ ޑިއުޓީ ބޮޑުކުރިޔަސް، ނަތީޖާ ނިކުންނާނީ ކަމާގުޅޭ ގަވާއިދުތައް ތަންފީޒު ކުރަން ފެށުމުން ކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ.
"ސަން"ގެ 'އެޑިޓަރުގެ ސުވާލު'ގައި ވާހަކަ ދައްކަވަމުން އެޗްޕީއޭގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް ހަސަން މުހައްމަދު ވިދާޅުވީ މިހައިތަނަށް އެކި ގޮތްގޮތުން ދުންފަތް ކޮންޓްރޯލް ކުރަން އެކަށީގެންވާ މަސައްކަތްތަކެއް ކުރެވިފައި ނެތް ކަމަށެވެ.

އެޗްޕީއޭގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް ހަސަން މުހައްމަދު: ވިދާޅުވީ ޑިއުޓީ ބޮޑުކޮށްގެން ދުންފަތެއް ނުހުއްޓުވޭނެ ކަމަށް، އެ ކަން ކުރެވޭނީ ގަވާއިދުތައް ތަންފީޒުކުރެވިގެން ކަމަށް --
މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 31ގައި ސިނގިރޭޓުގެ އިމްޕޯޓް ޑިއުޓީ ބޮޑުކުރުމާއެކު، ސިނގިރޭޓުގެ އަގުތައް ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ. އެގޮތުން ކުރިން 110 އަށް ލިބެމުން އައި ސިނގިރޭޓް ފޮއްޓެއްގެ އަގު ވަނީ 250އަށް އަރައިފައެވެ.
ސިނގިރޭޓުން އިތުރަށް ނަގާ ޑިއުޓީން ލިބޭ އާމްދަނީން ބައެއް ޚަރަދު ކުރުމަށް ސަރުކާރުން ނިންމާފައިވަނީ އާންމު ސިއްހަތު ރައްކާތެރި ކުރުމަށެވެ. އޭގެ ތެރޭގައި ދުންފަތުގެ އިސްތިއުމާލު ކުރުމުން ދުރުވާން ބޭނުންވާ މީހުންނަށް ޚާއްސަކޮށްގެން މި ސަރުކާރުން ފުޅާކުރި ސެޒޭޝަންގެ ފަރުވާ ހިމެނެއެވެ.
މީގެ ކުރިން ވެސް އާންމު ތަންތަނުގައި ދުންފަތުގެ އިސްތިއުމާލު ކުރުމާއި ވަކިން ސިނގިރޭޓު ވިއްކުން ގަވާއިދުތަކުން ވަނީ މަނާކޮށްފައެވެ. އެހެން ނަމަވެސް އެކަށީގެންވާ ގޮތެއްގައި އެ ފިޔަވަޅުތައް ތަންފީޒު ކުރެވިފައި ނެތް ކަމުގެ ކަންބޮޑުވުން ހަސަން ފާހަގަ ކުރެއްވިއެވެ.
އޭނާ ވިދާޅުވާ ގޮތުގައި މިހައިތަނަށް އެކަށީގެންވާ ގޮތެއްގައި ދުންފަތް ކޮންޓްރޯލް ކުރެވިފައި ނެތީ އިދާރާތަކުން ގަވާއިދުތައް ތަންފީޒު ކުރަން ފެއިލްވުމުންނެވެ. އޭނާ ވިދާޅުވީ އުންމީދަކީ އެކަން ބަދަލުވުން ކަމަށެވެ.
"އެހެންވީމަ [ދުންފަތް ކޮންޓްރޯލް ކުރުމަށް އެޅޭ ފިޔަވަޅުތައް ތަންފީޒު ކުރުމަށް ޓަކައި] ފައިސާ ވެސް ހުންނަން ޖެހޭނެ، އެ ބަހަނާއެއް ވެސް ނެތް ދެއްކޭކަށް. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެއީ އިދާރާތައް މިހާތަނަށް ވެސް ފެއިލްވުން. އެ ޗޭންޖު އަޅުގަނޑުމެން މި އުންމީދު ކުރަނީ،" ހަސަން ވިދާޅުވިއެވެ.
ދުންފަތް ކޮންޓްރޯލް ކުރުމަށް ޓަކައި ސަރުކާރުން އެޅި އެންމެ މުހިންމު އެއް ފިޔަވަޅަކީ 2007ވަނަ އަހަރުން ފެށިގެން އުފަންވީ ކުދީންނަށް ސިނގިރޭޓު މަނާ ކުރުން، ނުވަތަ 'ޖެނެރޭޝަނަލް ބޭން'އެއް ތަންފީޒު ކުރުމެވެ.
އެމީހުންގެ އުމުރުން ކިތަންމެ ބޮޑުވި ކަމުގައި ވީނަމަވެސް، މި ބޭން ދެމިއޮތްހާ ހިނދަކު އެ ޖީލުގެ މީހުންނަށް ދުންފަތުގެ އިސްތިއުމާލު ކުރުމާއި ދުންފަތުގެ އިސްތިއުމާލު ކުރާ ތަކެތި ގަތުން މަނާވާނެއެވެ.
ހަސަން ވިދާޅުވީ، މިކަން ތަންފީޒު ކުރުމަކީ އިތުރު ޚަރަދުތަކެއް ހިނގާނެ ކަމެއް ނޫން ކަމަށާއި، މިކަން ތަންފީޒުކުރަން ބޭނުންވަނީ ދުންފަތުގެ ވިޔަފާރި ކުރާ ފަރާތްތައް ޒިންމާދާރުވެ ގާނޫނާއި ގަވާއިދާ އެއްގޮތަށް އަމަލު ކުރުވުން ކަމަށް އޭނާ ވިދާޅުވިއެވެ.
ދުންފަތް ކޮންޓްރޯލް ކުރުމާގުޅޭ އާންމު ގަވާއިދު ހަދައި، މިދިޔަ ފެބްރުއަރީގައި އާންމުކުރިއިރު، އެ ގަވާއިދުގެ ތެރެއިން ގިނަ ކަންތައްތަކެއް ތަންފީޒުކުރަން ފެށުމަށް ވަނީ ތިން މަސްދުވަހުގެ މުއްދަތެއް ދީފައެވެ.
މީގެ އިތުރުން، ދުންފަތުގެ ބާވަތްތަކުން ވިޔަފާރިކުރާ ފަރާތްތަކުން ކުރިޔަށް އޮތް ތިން މަސްދުވަހުގެ ތެރޭގައި އެ ކަމަށް ދޫކުރާ ޚާއްސަ ލައިސެންސް ނަގަން ވެސް ހެލްތް މިނިސްޓްރީން ވަނީ އަންގާފައެވެ.