ދުންފަތުގެ ގަވާއިދުތައް ތަންފީޒު ނުވަނީ އިހުމާލާއި ފަރުވާކުޑަވުމުގެ ސަބަބުން: އެޗްޕީއޭ

ދުންފަތުގެ އިސްތިއުމާލު ކުރުމާ ގުޅޭ ގަވާއިދުތައް ތަންފީޒު ނުވަނީ އިދާރާތަކުގެ އިހުމާލާއި ފަރުވާކުޑަކަމުން ކަމަށް އެޗްޕީއޭއިން ބުނެފިއެވެ.

ދިވެހި ރާއްޖޭން އެންމެ ގިނަ މީހުން މަރުވަނީ ގައިންގަޔަށް ނާރާ ބަލިތަކުގައި ކަމަށްވާއިރު އެ ބަލިތަކަށް މަގުފަހި ކުރުވާ ސަބަބުތަކުގެ ތެރޭގައި ދުންފަތުގެ އިސްތިއުމާލު ހިމެނެއެވެ. މި ނުރައްކާތެރި ވަބާއިން އާއްމުން ރައްކާތެރި ކޮށް ދިނުމަށް ގިނަ ގަވާއިދުތަކެއް ހަދާފައި ހުރި ނަމަވެސް އެކަންކަން ތަންފީޒެއް ނުވެއެވެ.

އެހެންކަމުން ހަމައެއް ލަމައެއް ނެތި ދުންފަތުގެ އިސްތިއުމާލު ކުރަން އޮތީ ދިވެހި މުޖުތަމައުގައި ދޫކޮށްލައިފައެވެ.

"ސަން"ގެ 'އެޑިޓަރުގެ ސުވާލު'ގައި ވާހަކަ ދައްކަވަމުން އެޗްޕީއޭގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް ހަސަން މުހައްމަދު ވިދާޅުވީ މިހައިތަނަށް އެކި ގޮތްގޮތުން ދުންފަތް ކޮންޓްރޯލް ކުރަން އެކަށީގެންވާ މަސައްކަތްތަކެއް ކުރެވިފައި ނެތް ކަމަށެވެ.

ސަންގެ އެޑިޓަރުގެ ސުވާލު ޕްރޮގްރާމްގެ ތެރެއިން:

އޭނާ ވިދާޅުވާ ގޮތުގައި މިހައިތަނަށް އެކަށީގެންވާ ގޮތެއްގައި ދުންފަތް ކޮންޓްރޯލް ކުރެވިފައި ނެތީ އިދާރާތަކުން ގަވާއިދުތައް ތަންފީޒު ކުރަން ފެއިލްވުމުންނެވެ. ތަންފީޒީ އިދާރާތަކުގެ އިހުމާލުގެ ނަތީޖާއެއްގެ ގޮތުން، ތިން ޖީލެއް ދުންފަތުގެ ތެރެއަށް "ގެއްލިފައިވާ" ކަމަށް ހަސަން ވިދާޅުވިއެވެ.

މީގެ ކުރިން ވެސް އާންމު ތަންތަނުގައި ދުންފަތުގެ އިސްތިއުމާލު ކުރުމާއި ވަކިން ސިނގިރޭޓު ވިއްކުން ގަވާއިދުތަކުން ވަނީ މަނާކޮށްފައެވެ. މިއަދާ ހަމައަށް ވެސް އެކަށީގެންވާ ގޮތެއްގައި އެ ފިޔަވަޅުތައް ތަންފީޒު ކުރެވިފައެއް ނެތެވެ.

"ރާއްޖޭގައި ތަންފީޒީ ކަންތައްތަކަށް އިހުމާލުވެފައި އޮތް އޮތުމުގެ ނަތީޖާއަކީ މިއަދު، ކާފަ މާމައާއި، މަންމަ ބައްޕައާއި، ދަރިންނާއި، މި ތިން ޖީލު މި އޮތީ ދުންފަތުގެ ތެރެއަށް ގެއްލިފައި," ހަސަން ވިދާޅުވިއެވެ.

ދުންފަތުގެ އިސްތިއުމާލު ކުރުން ދިވެހީންގެ މެދުގައި ދެކެވެނީ ވަރަށް "ޗިލް" ކަމެއްގެ ގޮތުގައި ނަމަވެސް، އަވައްޓެރި ބައެއް ގައުމުތަކުގައި އެއީ ލަދު ކަމެއް ކަމަށް ހަސަން ވިދާޅުވިއެވެ. އެ ހިސާބަށް ރާއްޖެ ގެންދިއުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށާއި، އެކަށީގެންވާ މަސައްކަތްތަކެއް ކުރެވިއްޖެ ނަމަ، ނަތީޖާ ނެރެވޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ހަސަން ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އޭގެ މާނައަކީ ދުވަހަކު ވެސް ރާއްޖޭގައި ދުންފަތުގެ އިސްތިއުމާލު ނުކުރުން ނޫން ކަމަށާއި، ބޭނުމަކީ އޭގެ ބޭނުންކުރާ މީހުންގެ އަދަދު މަދުވެގެން ދިއުން ކަމަށެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 31ގައި ސިނގިރޭޓުގެ އިމްޕޯޓް ޑިއުޓީ ބޮޑުކުރުމާއެކު، ސިނގިރޭޓުގެ އަގުތައް ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ. އެގޮތުން ކުރިން 110 އަށް ލިބެމުން އައި ސިނގިރޭޓް ފޮއްޓެއްގެ އަގު ވަނީ 250އަށް އަރައިފައެވެ.

ސިނގިރޭޓުން އިތުރަށް ނަގާ ޑިއުޓީން ލިބޭ އާމްދަނީން ބައެއް ޚަރަދު ކުރުމަށް ސަރުކާރުން ނިންމާފައިވަނީ އާންމު ސިއްހަތު ރައްކާތެރި ކުރުމަށެވެ. އޭގެ ތެރޭގައި ދުންފަތުގެ އިސްތިއުމާލު ކުރުމުން ދުރުވާން ބޭނުންވާ މީހުންނަށް ޚާއްސަކޮށްގެން މި ސަރުކާރުން ފުޅާކުރި ސެޒޭޝަންގެ ފަރުވާ ހިމެނެއެވެ.

ހަސަން ވިދާޅުވީ ސެޒޭޝަންގެ ޚިދުމަތް ހޯދާ މީހުންގެ އަދަދުތައް އިތުރުވަމުން އަންނަ ކަމަށެވެ.

މިދިޔަ އަހަރުގެ ޖެނުއަރީން ފެށިގެން މި އަހަރުގެ މާޗުގެ ނިޔަލަށް، 492 މީހުން ސެޒޭޝަނުގެ ޚިދުމަތް ހޯދާފައިވާ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

comment ކޮމެންޓް