މިޔަރެއްގެ ހަމަލާގައި ކޮނޑުހުޅު ނެއްޓި ފުން ޒަޚަމްތަކެއް؛ ފަރުވާއަށް ކުޅުދުއްފުށިން މާލެ ގެންނަނީ

މިޔަރުގެ ހަމަލާގައި އަނިޔާ ލިބުނު މީހާ: އޭނާ އިތުރު ފަރުވާއަށް މާލެ ގެނައުމުގެ މަސައްކަތް އަންނަނީ ކުރަމުން -- ފޮޓޯ/ ސޯޝަލް މީޑިއާ

މިއަދު ކުޅުދުއްފުށި ސިޓީ ކައިރިއަށް މޫދަށް މަސް ހިފަން ފޭބި މީހަކަށް މިޔަރެއް ހަމަލާދީ ޒަޚަމްކޮށްލައިފިއެވެ.

ކުޅުދުއްފުށީ މޭޔަރު މުޙައްމަދު އާތިފް "ސަން"އަށް ވިދާޅުވީ މިޔަރެއް ހަމަލާގައި ޒަޚަމްވެފައި ވަނީ އެ ސިޓީއަށް ނިސްބަތްވާ 30 އަހަރުގެ ފިރިހެނެއް ކަމަށެވެ. އޭނާއަށް ހަމަލާދީފަ ވަނީ މަސްހިފަން ފައިބާ އުޅެނިކޮށް ކަމަށް އާތިފް ވިދާޅުވިއެވެ.

އެ މީހާއަށް ލިބިފައިވާ އަނިޔާއާ ގުޅޭ ގޮތުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ މީޑިއާ އޮފިޝިއަލް "ސަން"އަށް ވިދާޅުވީ މިޔަރު ހަމަލާދީފައި ވަނީ ކަނާއަތު ކޮޑުހުޅު ކައިރިއަށް ކަމަށާއި އޭނާގެ ހާލަތު މިހާރު ސްޓޭބަލް ކަމަށެވެ.

އެ މީހާ ހޮސްޕިޓަލަށް ގެންދިޔައިރު ކޮނޑުހުޅު ނެއްޓިފައިވާ ކަމަށާއި އަތުގެ އެ ހިސާބުގެ ހަންގަނޑު ނެއްޓިފައިވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ. މިހާރު ކޮނޑުހުޅު އެޅުވިއްޖެ ކަމަށް ވެސް އޮފިޝަލް ވިދާޅުވިއެވެ.

އޮފިޝަލް ވިދާޅުވީ މިހާރު މަސައްކަތް ކުރަމުން ދަނީ އެ މީހާ އިތުރު ފަރުވާއަށް މާލޭގެ އައިޖީއެމްއެޗަށް ފޮނުވަން ކަމަށެވެ. އެގޮތުން ރާއްޖޭގައި ހުރި ހަމައެކަނި ޕްލާސްޓިކް ސާޖަން ޑރ. މުޙައްމަދު ވަހީދުގެ ފަރާތުން ފަރުވާ ހޯދުމަށް ރިފާކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެ މައްސަލައާ ގުޅޭ ގޮތުން ފުލުހުން ބުނީ، އެ މައްސަލަ އެ އިދާރާގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި ބަލަންޖެހޭ ކަންކަން ބަލަމުންދާކަމަށެވެ.

މީގެ ކުރިން ވެސް މިޔަރު ހަމަލާ ދީގެން މީހުންނަށް އަނިޔާވެ، ދުނިޔެ ދޫކޮށްފައި ވެސް އެބަހުއްޓެވެ.

comment ކޮމެންޓް