ޝައިހާގެ ކޮންމެ ދުވަހެއް ކްލޭގެ ދުނިޔެއެއްގައި

ޝައިހާ އޭނާގެ ސެރެމިކް ވާހެއް ހިފައިގެން:

އުފެއްދުންތެރި މަސައްކަތްތަކަށް ޝައުގުވެރިކަން އުފެދުނު ހިސާބުން މި ވާހަކަ ފަށާނަމަ، ވާހަކަ ފަށާނެ ހިސާބެއް ފާތިމަތު ޝައިހާއަކަށް ނޭންގޭނެއެވެ. އޭނާ އެންމެ ކުޑައިރުން ފެށިގެން އެކި ބާވަތްތަކުގެ އާޓަށް ޝައުގުވެރިކަން ހުރެއެވެ. ނަތީޖާއަކަށް ވީ ހަގު އުމުރުގައި އެފެއްދުންތެރި މަސައްކަތްތައް އަމިއްލައަށް ކުރަން ފެށުމެވެ.

އޭނާ ކުރަހައެވެ. ވިޔެއެވެ. ޒީނަތްތެރިވުމަށް ބޭނުންކުރާ ސާމާނު އަމިއްލައަށް އުފައްދައެވެ. ނަމަވެސް، އުމުރުން 19 އަހަރުގެ ޝައިހާ މިހާރު ޚާއްސަ ވަނީ މާ ތަފާތު މަސައްކަތަކަށެވެ.

އެއީ ސެރެމިކް އާޓެވެ. އޭނާއަކީ ރާއްޖޭގައި ތިބި މަދު ސެރަމިކް އާޓިސްޓުންގެ ތެރޭގައި ހިމެނޭ ޒުވާން އާޓިސްޓެކެވެ. މިކަމަށް އޭނާ ގެންގޮސް ވެއްދީ ވެސް އޭނާގެ ހުނަރާއި މިފަދަ ކަންކަމަށް ހުންނަ ޝައުގެވެ.

އެންމެ ބޭނުންވި ތަޖުރިބާ ހޯދީ އިންޓާންޝިޕަކުން

ކުޑައިރުގެ ހަނދާންތަކުގެ ތެރެއިން ވަރަށް ހަނދާންވާ ވާހަކައެއް އޭނާ ހިއްސާކުރިއެވެ.

"ތަންކޮޅެއް ކުޑައިރު ބައްޕަ ކައިރި އަބަދު ހަމަ އާދޭސް ކުރަން އެއާ ޑްރައި ކްލޭ ގަންނަން. އަސްލު އެއާ ޑްރައި ކްލޭ ވަރަށް އަގުބޮޑުވާނެ. އެކަމަކު ވަރަށް ގިނައިން ކިޔަން ގަންނަން،" އޭނާ ބުންޏެވެ.

އޭރު އެއާ ޑްރައި ކްލޭ ބޭނުންކޮށްގެން އޭނާ ކޮންމެވެސް ވަރަކަށް އެއްޗެހި ހެދިއެވެ. އަދި އިތުރު ބާވަތެއްގެ ކްލޭއެއް ކަމަށްވާ ފޯމް ކްލޭ ވެސް ތަޖުރިބާ ކުރިއެވެ.

އެހެން އުޅެނިކޮށް 2023ވަނަ އަހަރު ފެނުނީ ކްލޭ ސްޓޫޑިއޯއިން އިންޓާންޝިޕަށް ކުދިން ހޯދަން އިއުލާނުކޮށްފައި ވަނިކޮށެވެ. މިއީ ސެރަމިކް ކްލޭ ތަޖުރިބަކުރަން ލިބޭނެ ފުރުސަތުކަމަށް ބަލައި އޭނާ މި ފުރުސަތުގެ ބޭނުން ހިފީއެވެ.

ޝައިހާ ކްލޭސްޓޫޑިއޯގައި މަސައްކަތް ކުރަނީ --

ސެރަމިކް ކްލޭއިން ތަކެތި ތައްޔާރުކުރަނީ ވަރަށް ގިނަ އާލާތްތައް ބޭނުންކޮށްގެންނެވެ. މި އާލާތްތަކަކީ ރާއްޖެއިން ލިބޭ ތަކެއްޗަށް ނުވުމުން ރާއްޖޭގައި ސެރެމިކް އާޓިސްޓުން މަދީއެވެ. ސެރެމިކް ކްލޭ ތަޖުރިބާ ކުރުމުގެ ފުރުސަތު މިވަގުތު ރާއްޖޭގައި ފޮރުކޮށްދެނީ ހަމައެކަނި ކްލޭ ސްޓޫޑިއޯއިންނެވެ.

"މި އިންޓާންޝިޕުން ދިމާވީ އިންޑިއާ މީހެއްކަމަށްވަ ނަންދިތާއާ. ނަންދިތާއަކީ ސެރެމިކް ކްލޭ ވަރަށް ރަނގަޅަށް އެނގޭ މީހެއް. ނަންދިތާ ކައިރިން ހުރިހާ ބޭސިކް ބައެއް ދަސްކުރީ،" ޝައިހާ ކިޔައިދިނެވެ.

އިތުރު ކަންކަން އޭނާ ދަސްކުރީ ކްލޭ ސްޓޫޑިއޯގައި މަސައްކަތް ކުރާ މީހުންގެ ފަރާތުންނެވެ.

ދެން ފެށީ މަސައްކަތްކުރަން، މިއީ މާ ގަޔާވާ ކަމެއް

ޓްރެއިނިންގެ ތެރޭ ފުރަތަމަ އޭނާއަށް މާ މޮޅަށް މިކަމެއް ނުކުރެވުނެވެ. އެއީ ބަލާބެލުމަށް ފަސޭހަ ނަމަވެސް، ސެރެމިކް ކްލޭއިން ތަކެތި އުފައްދަން ހަގީގަތުގައި އުނދަގޫވުމުންނެވެ.

ސެރެމިކް ކްލޭއިން ތަކެތި ހެދުމަށް ފުރަތަމަ "ވީލް"ގައި ކްލޭގަނޑު އަނބުރައިގެން ވަކި ބައްޓަމަކަށް ކްލޭގަނޑު ޑިޒައިން ކުރާނީއެވެ. ބޭނުންވާ ބައްޓަމަށް ޑިޒައިން ކުރެވުމުން މި ކްލޭ ހިއްކުމަށް ދެތިން ހަފުތާ ހޭދަވެއެވެ. ކްލޭ ހިކުމުން އެ ކުލޭ ޑިޒައިން ބޮޑު އަވަނެއްގެ ތެރެއަށް ލާ ހޫނުކުރެއެވެ. މިކަމަށް ކިޔަނީ ފަޔަރިންއެވެ.

ފަޔާ ކުރުމަށްފަހު ދެން އޭގައި ގްލޭޒް ކުރުމުގެ ގޮތުން ފިއްސެއް ބޭނުންކޮށްގެން ސެރެމިކް ގްލޭޒް އުނގުޅާނީއެވެ. ސެރެމިކް ކްލޭއިން އުފައްދާ އެއްޗެއްސަށް ކުލަ އަންނަނީ ގްލޭޒް ކުރުމުންނެވެ. ގްލޭޒް ކުރުމަށްފަހު އެންމެ ފަހު ކަމެއްގެ ގޮތުން އަނެއްކާ ވެސް އަވަނަށް ލައި ހޫނުކުރާނެއެވެ.

ޝައިހާ ތައްޔާރުކޮށްފައިވާ ސެރެމިކް ވާހެއް --

"ކުޑަ ވާސްއެއް ހަދަން ވެސް ހޭދަވާނެ ދެ ހަފުތާވަރު. އެއީ ކްލޭ ހިކެން ގިނަ ދުވަސް ނަގާތީ،" ޝައިހާ ކިޔައިދިނެވެ.

ސެރެމިކުން އުފައްދާ އުފެއްދުން ފަޔާ ކުރަން ބޭނުންކުރާ އަވަނަކީ ވަރަށް ބޮޑު އަވަނެއްކަން ފާހަގަކޮށް ޝައިހާ ބުނީ، އެ އަވަނަށް ފަޔާ ކުރުމަށް އެއްފަހަރާ 200އެއްހައި ސެރެމިކް އުފެއްދުން ލާން ޖެހޭނެ ކަމަށެވެ.

"ބޮޑު އަވަނަކަށް އެންމެ އެއްޗެއް ލައިގެން ފަޔާއެއް ނުކުރެވޭނެ. އެއްފަހަރާ 200 ވަރަކަށް އެއްޗެހި ލާންޖެހޭނެ ފަޔާކުރަން. އެކަމަކީ ވަރަށް ބޮޑަށް ކަރަންޓު ވެސް ޚަރަދުވާ ކަމަކަށް ވުމުން އެންމެ އެއްޗެއް ފަޔާކުރުމަކީ އެހާ އެދެވިގެންވާ ކަމެއް ނޫން،" އޭނާ ކިޔައިދިނެވެ.

މިއީ މިހާރު އޭނާ އެންމެ ގަޔާވާ ކަންތަކެވެ. ކުރެހުމާއި އެހެން ކަންކަމަކީ ޝައިހާ ހޮބީގެ ގޮތުގައި ހުސްވަގުތުގައި ކުރާ ކަންކަމެވެ.

ޝައިހާ ކްލޭ ސްޓޫޑިއޯގައި މަސައްކަތް ކުރަނީ --

"އަސްލު މި މަސައްކަތަކީ ހަމަ ޑްރީމް ވޯކް މިހާރު. މިކަން ހުއްޓާލާކަށް ނުވިސްނަން،" އޭނާ ބުންޏެވެ.

ކޮންމެ އުފެއްދުމެއް ވެސް ތަފާތު، ޚިޔާލު ހޯދަނީ ގުދުރަތީ މަންޒަރުތަކުން

މިއަދު ހުރި ހިސާބަށް ވާސިލްވުމަށް އޭނާ ގިނަ ގޮންޖެހުންތަކެއް ގިރާކުރިއެވެ. އެތައް އިރަކު ވީލްގެ ދަށުގައި އިނދެގެން އެތައް ފަރިތަކުރުންތަކެއް ކުރިއަށް ގެންދިޔައެވެ.

ޝައިހާ އެންމެ ޝައުގުވެރިކަމާ އެކު އުފައްދަނީ ސައިބޯ ޖޯޑު، ވާސް އަދި ތަށިފަދަ ތަކެއްޗެވެ.

"ޖަނަވާރު ސްކަލްޕްޗާ، ރާޅު، މާ، ފަތް ކަހަލަ އެއްޗެހި ވަރަށް ހަދާހިތްވޭ. ބޮޑަށް ހަމަ ގުދުރަތީ އެއްޗެހި ބަލައިގެން ސެރެމިކްސް ހަދަނީ،"

މީގެ އިތުރުން ރޯމަން އާތިޓެކްޗާ އަކީ ވެސް ޝައިހާ ވަރަށް ޝައުގުވެރިވާ ދާއިރާއެކެވެ. އެހެންކަމުން ސެރަމިކް އާޓުގައި އޭނާ އެފަދަ ޑިޒައިންތައް ހިމެނުމަށް ވެސް މަސައްކަތް ކުރެއެވެ.

ޝައިހާ ތައްޔާރުކޮށްފައިވާ ސެރެމިކް އާޓްވޯކެއް

ވޭތުވެދިޔަ ދެ އަހަރުތެރޭ އޭނާ ވަނީ 700އާއި 800 ސެރެމިކް އާޓްވޯކް ތައްޔާރުކޮށްފައެވެ. އޭގެތެރެއިން އެންމެ ރީތި އާޓްވޯކެއްގެ ގޮތުގައި އޭނާ ފާހަގަކުރަނީ ހިމަޔައެއް ހިޔަލަށް ގެނެސްގެން ތައްޔާރުކޮށްފައިވާ ގަހަނާ އަޅާފަދަ މަތިޖެހޭ ކުޑަ ތައްޓެކެވެ.

"އޭތި ހަދަން ހޭދަވި އެއްގަޑިއިރު އެކައްޗަށް. އެއީ އަސްލު ވަރަށް ގިނައިރު އެކައްޗަށް ހޭދަވާ ވަގުތައް ބަލާއިރު. މީގެ އެއްޗެއް ހަދަން އަސްލު ހޭދާނީ 20 ނުވަތަ 15 މިނިޓު"

މި ތަށި އުފައްދަން ގިނައިރުވީ ކަށިތައް ހަރުކުރަން އުނގަދޫވުމުންނެވެ.

އުންމީދަކީ އަމިއްލަ ކްލޭ ސްޓޫޑިއޯއެއް

ޝައިހާ ކްލޭސްޓޫޑިއޯއާ އިންޓާންޝިޕަށް ގުޅުނުއިރު އޭނާއަކީ އެތަނުގެ އެންމެ ހަގު މުވައްޒަފެވެ. ދެ އަހަރުތެރޭ އެތައް ކުރިއެރުމެއް މި މަސައްކަތުން އޭނާ ވަނީ ހޯދާފައެވެ. އަދި މުސްތަގުބަލަށް އޭނާ ދެކޭ ހުވަފެން މާ ބޮޑެވެ.

"އަމިއްލަ ސްޓޫޑިއޯއެއް ހުޅުވުމަކީ މިހާރު ހަމަ އެންމެ ބޭނުންވާ ކަންތައް،" އޭނާ ބުންޏެވެ.

އަމިއްލަ ސްޓޫޑިއޯއެއް ހުޅުވުމުން އޯޑަރަށް ސެރެމިކް އާޓްވޯކް ހަދައިދެވޭނެ ކަމަށް ޝައިހާ ބުންޏެވެ. ނަމަވެސް، ފިހާރަތަކުން ގަންނަން ލިބޭ އާދައިގެ ސެރަމިކް ތައްޠާއި ޖޯޑާ ޚިލާފަށް ޝައިހާ ބޭނުންވަނީ އަމިއްލަވަންތަ އާޓު ތައްޔާރު ކުރާށެވެ.

ސެރަމިކް އާޓްވޯކެއް ފެނުމުން އެއީ ޝައިހާގެ އުފެއްދުމެއްކަން މީހުންނަށް އެނގޭނެ ވަރަށް އޭނާގެ މަސައްކަތް ތަފާތު ކުރަން ޝައިހާ ބޭނުންވެއެވެ.

މި މަސައްކަތް ހުއްޓާލާކަށް ޝައިހާ ބޭނުމެއް ނުވެއެވެ. ކްލޭގެ ދުނިޔޭގައި އޭނާގެ އަމިއްލަވަންތަކަމުގެ ވަރަ ހުޅުވައި ފިޔަ ޖެހުމަކީ މިހާރު އޭނާ ދެކޭ ހުވަފެނެވެ.

comment ކޮމެންޓް