'ޓޫ އޮފް އަސް'އަށް އަނޫ މަލިކަށްފަހު ލަވަކިޔުންތެރިޔާ އަބިޖީތުގެ ތައުރީފު

އިންޑިއާގެ ދޫރުދަރްޝަން ނޭޝަނަލްއިން ދައްކަމުން އަންނަ މިއުޒިކް ރިއަލިޓީ ޝޯ "ބެޓްލް އޮފް ދަ ބޭންޑްސް އިންޓަނޭޝަނަލް"ގެ އެންމެ ވިދުން ގަދަ އެއް ބޭންޑަކީ ދިވެހިރާއްޖެއަށް ނިސްބަތްވާ ޒުވާން ބޭންޑު "ޓޫ އޮފް އަސް"އެވެ.

"ޓޫ އޮފް އަސް" ބޭންޑުން މި ޝޯގައި ހުށަހެޅި ދެވަނަ ލަވައަށް ޝޯގެ ފަނޑިޔާރުންގެ ފަރާތުން ލިބުނު ހޫނު ތަރުހީބާ އެކު މި ބޭންޑުން ދެން ހުށަހަޅާނެ ހުށަހެޅުމަކަށް ފަނޑިޔާރުންގެ އިތުރުން ބެލުންތެރިން ވެސް އިންތިޒާރުކުރެއެވެ.

"ޓޫ އޮފް އަސް"އިން އެންމެ ފަހުން ސްޓޭޖްގައި ގެނެސްދިނީ ވެސް ހަމަ އެހާމެ ފޯރިގަދަ ހުށަހެޅުމެކެވެ. މިފަހަރު ފަނޑިޔާރުންނާއި ބެލުންތެރިންގެ ހިތް އަތުލީ ކުރީގެ މަޝްހޫރު ހިންދީ ލަވައެއް ކަމަށްވާ 'ބަދަން ޕެ ސިތާރޭ ލަޕޭޓޭ ހުވޭ" މި ލަވައިންނެވެ.

މިއީ 1969ވަނަ އަހަރު ރިލީޒްވި ފިލްމު "ޕްރިންސް"އަށް އިންޑިއާގެ ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ މުޙައްމަދު ރަފީޢު ކިޔައިދިން ލަވައެކެވެ.

"ޓޫ އޮފް އަސް"އިން މި ލަވަ ހުށަހަޅާ ނިމުމާއެކު މެހެމާނެއްގެ ގޮތުގައި ޝޯގައި ބައިވެރިވި އިންޑިއާގެ ކުޅަދާނަ ލަވަކިޔުންތެރިޔާ އަބިޖީތު ބަޓަޗަރިޔާ ވަނީ ދިވެހި ޒުވާން ބޭންޑުގެ ހުށަހެޅުމަށް ތައުރީފުގެ ބަސްތައް އޮއްސާލާފައެވެ.

އަބިޖީތު ބުނި ގޮތުގައި "ޓޫ އޮފް އަސް"އިން މިފަހަރު ގެނެސްދިނީ ވެސް ވަރަށް ފުރިހަމަ ހުށަހެޅުމެކެވެ. ހަމައެއާއެކު އެފަދަ ހުށަހެޅުމެއް އެހާ މިނިވަންކަމާ އެކު ރާއްޖޭގެ ސްޓޭޖެއްގައި "ޓޫ އޮފް އަސް"އިން މިހާތަނަށް ހުށަހަޅާފައިވާނެ ކަމަށް ގަބޫލުކުރަން ދަތި ކަމަށް އަބިޖީތު ވަނީ ބުނެފައެވެ.

އަބިޖީތު ބުނެފައި ވަނީ "ޓޫ އޮފް އަސް" ބޭންޑަކީ އެ ޤައުމަށް އައިސްތިބި މެހެމާނުން ކަމަށާއި ކޮންމެ ގޮތަކަށް ޕާފޯމް ކުރިއަސް އެ ޕާފޮމެންސެއް އުފަލާއެކު ބަލައިގަންނާނެ ކަމަށެވެ. ހަމައެއާއެކު ބޭންޑުގެ ހުރިހާ މެމްބަރުން ދެކެ ވެސް ވަރަށް ލޯބިވާ ކަމަށް އަބިޖީތު ވަނީ ބުނެފައެވެ.

ޝޯއިން ވަކިވުމުގެ ކުރިން އަބިޖީތު ވަނީ ސްޓޭޖަށް އެރުމަށްފަހު "ޓޫ އޮފް އަސް"ގެ ލަވަކިޔުންތެރިޔާ އަދުހަމްގެ ލަވަކިޔުމުގެ ހުނަރު ފާހަގަކޮށް އަދުހަމްއަށް އިހުތިރާމް އަދާކުރުމުގެ ގޮތުން ރަން ފަށެއް ހަދިޔާކޮށްފައެވެ.

މި ބޭންޑުން ޝޯގައި ދައްކަމުން އަންނަ ހުނަރު ފާހަގަ ކުރަމުން ލަވަކިޔުންތެރިޔާ އަދި ޝީގެ ފަނޑިޔާރު ޝްރައްދާ ޕަންޑިތު ބުނެފައި ވަނީ "ޓޫ އޮފް އަސް" ޝޯއަށް އަންނަނީ އަބަދުވެސް ވަރަށް ބޮޑަށް ތައްޔާރުވެގެން ކަން ފާހަގަކުރާ ކަމަށާއި މިފަހަރު ފެނިގެން މިދިޔައީ 'ބަދަން ޕެ ސިތާރޭ ލަޕޭޓޭ ހުވޭ"ގެ 2.0ވާޝަން ކަމަށެވެ.

ޖުމްލަ ފަސް މެމްބަރުންގެ މައްޗަށް ހިމެނޭ މި ބޭންޑުން "ބެޓްލް އޮފް ދަ ބޭންޑްސް އިންޓަނޭޝަނަލް" ފަދަ ރިއަލިޓީ ޝޯއެއްގައި ބައިވެރިވުމަކީ ރާއްޖޭގެ މިއުޒިކީ ފަންނާނުންނަށް ލިބޭ ޝަރަފެއް ކަމަށާއި ދިވެހި ޤައުމަށް ލިބޭ ފަޚުރެއް ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

ހަމައެއާއެކު ދިވެހީންގެ ގިނަ ބައެއްގެ ތައުރީފު މި ބޭންޑުގެ މެމްބަރުންނަށް އަންނަނީ ސޯޝަލް މީޑިއާގައި ވެސް އޮހެމުންނެވެ.

comment ކޮމެންޓް