ޖަރުމަނު ބުންޑެސްލީގާގެ އެއްވަނައިގައި އޮތް ބަޔާން މިޔުނިކުން ހެއިޑެންހެއިމް ބަލިކޮށް، އެއްވަނައިގައި ނުވަ ޕޮއިންޓުގެ ލީޑެއް ނަގައިފިއެވެ.
ހެއިޑެންހެއިމްގެ ދަނޑުގައި ކުޅުނު މި މެޗު ބަޔާނުން ކާމިޔާބުކޮށްފައިވަނީ 4-0 އިންނެވެ.
ބަޔާނުން މެޗު ފެށީ ވަރަށް ފޯރީގައެވެ. އެ ގޮތުން، 12 ވަނަ މިނެޓުގައި ބަޔާނުން ވަނީ ލީޑު ނަގައިފައެވެ. އެ ލަނޑު ޖަހައިދިނީ ހެރީ ކޭންއެވެ. މިއީ އޭނާ މި ސީޒަންގައި ބުންޑެސްލީގާގައި ކާމިޔާބުކޮށްދިން 24 ވަނަ ލަނޑެވެ.
މި ލަނޑު ޖެހިތާ ހަތް މިނެޓްގެ ތެރޭގައި ބަޔާނުން ވަނީ އެ ޓީމުގެ ދެވަނަ ލަނޑު ކާމިޔާބުކޮށް، ލީޑު ފުޅާ ވެސް ކޮށްފައެވެ. މި ލަނޑު ކާމިޔާބުކޮށްދީފައިވަނީ ކޮންރަޑް ލެއިމާއެވެ. ބަޔާންއިން މެޗުގައި ކާމިޔާބުކުރި ތިންވަނަ ލަނޑު 36 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ކިންގްލީ ކޯމަންއެވެ. އަދި، ބަޔާންއިން މެޗުގައި ކާމިޔާބުކުރި ފަހު ލަނޑު 56 ވަނަ މިނެޓުގައި ކާމިޔާބުކޮށްދީފައިވަނީ ޖޯޝުއާ ކިމިޗެވެ.
މި ކާމިޔާބީއާ އެކު ބަޔާން މިހާރު އޮތީ 30 މެޗުން ލިބިފައިވާ 72 ޕޮއިންޓާ އެކު އެއްވަނައިގައި ނުވަ ޕޮއިންޓްގެ ލީޑެއްގައެވެ. މިހާރު ބާކީ ހަތަރު މެޗު އޮތްއިރު މި ފަހަރުގެ ލީގު ކާމިޔާބުކުރުމުގެ ފުރުސަތު އެ ޓީމަށް ވަރަށް ބޮޑެވެ. ދެވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން ބަޔާ ލެވަކޫސެން މިރޭ ކުޅޭ މެޗު ކާމިޔާބުކޮށްފި ނަމަ، ބަޔާންގެ ލީޑު ހަ ޕޮއިންޓަށް ކުޑަކުރުމުގެ ފުރުސަތު އޮންނާނެއެވެ. ރޭގެ މެޗުން ބަލިވުމުން ހެއިޑެންހެއިމް އޮތީ 22 ޕޮއިންޓާ އެކު 16 ވަނައިގައެވެ.
މި މުބާރާތުގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތިޖާއަށް ބަލައިލާއިރު އާރްބީ ލެއިޕްޒިގާއި ހޯލްސްޓެއިން ބައްދަލުކުރި މެޗު 1-1 އިން ދެ ޓީމު އެއްވަރުވީއިރު ފްރެއިބާގާއި ހޯފެންހެއިމް ބައްދަލުކުރި މެޗު 3-2 އިން ކާމިޔާބުކޮށްފައިވަނީ ފްރެއިބާގުންނެވެ. މެއިންޒް ޒީރޯ ފައިވްއާއި ވުލްފްސްބާގް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވީއިރު ވާޑާ ބްރޭމަންއާއި ބޯކުމް ބައްދަލުކުރި މެޗު 1-0 އިން ކާމިޔާބުކޮށްފައިވަނީ ބްރޭމަންއިންނެވެ. ޔޫނިއަން ބާލިންއާއި ސްޓުޓްގާޓް ބައްދަލުކުރި މެޗު4-4 އިންވީ އެއްވަރެވެ.