ޖަރުމަނު ލީގުގައި ހެރީ ކޭން ކާމިޔާބުކޮށްދިން 99 ވަނަ ލީގު ލަނޑާއެކު، ބަޔާން މިއުނިކުން އެލްވާސްބާގް އަތުން އުނދަގޫ މޮޅެއް ހޯދައިފިއެވެ.
ރަށުން ބޭރުގައި ބަޔާން މިއުނިކު ކުޅުނު މި މެޗު ކާމިޔާބުކޮށްފައިވަނީ 2-1 ގެ ނަތީޖާއަކުންނެވެ. މި މޮޅާއެކު ބަޔާން މިއުނިކް ވަނީ ބުންޑެސްލީގާ 2026-27 ވަނަ އަހަރުގެ ސީޒަންގައި މިހާތަނަށް ރަނގަޅު ނަތީޖާތަކެއް ނެރެފައެވެ. ތާވަލުގެ ދެވަނައިގައި ބޮރޫޝިއާ ޑޯޓްމަންޑް އޮތްއިރު، ބަޔާ ލެވަކޫސަން އަދި އާރްބީ ލައިޕްޒިގް ވެސް އަންނަނީ ތާވަލުގެ ކުރީގެ މަގާމުތަކަށް ވާދަކުރަމުންނެވެ.
މެޗުގެ 26 ވަނަ މިނެޓުގައި ލެނާޓް ކާލް ޖަހައިދިން ލަނޑުން ފުރަތަމަ ހާފު ނިމުނުއިރު ބަޔާން އޮތީ ކުރީގައެވެ. ނަމަވެސް، ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް މޮރިސް ކްރަޓެންމާކާ 30 ޔާޑު ދުރުން ފޮނުވާލި ހަމަލާއަކުން އެލްވާސްބާގުން މެޗުގެ ނަތީޖާ ހަމަހަމަކުރިއެވެ.
ނަތީޖާ ހަމަހަމަވުމާ ގުޅިގެން ކޯޗު ވިންސެންޓް ކޮމްޕެނީ ވަނީ ލުއިސް ޑިއާޒް ހިމެނޭހެން ބަޔާންގެ ޓީމަށް ހަތަރު ބަދަލެއް ގެނެސް ކުޅުން ވަރުގަދަކޮށްފައެވެ. މައިކަލް އޮލީސޭ ފޮނުވާލި ހަމަލާއެއް ގޯލުގެ ހުރަސްދަނޑިއަށް އަމާޒުވިއިރު، ބަޔާން މޮޅުކޮށްދިން ލަނޑު 72 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އަލެކްސަންޑާ ޕަވްލޮވިޗް ތަނަވަސްކޮށްދިން ފުރުސަތަކުން ކޭންއެވެ.
ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި އެލްވާސްބާގް ބައްދަލުކުރި މެޗުގެ ތެރެއިން-- މިއީ އޭނާ ބުންޑެސްލީގާގައި ކުޅުނު 97 މެޗުން ކާމިޔާބުކުރި 99 ވަނަ ލީގު ލަނޑެވެ. މުޅި ޖުމްލަ ބަޔާންއަށް ކުޅެދިން 153 މެޗުގައި ކޭން ވަނީ 150 ލަނޑު ހަމަކޮށްފައެވެ.
މި މެޗުގައި އެލްވާސްބާގުން ވެސް ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކުރިއެވެ. ފުރަތަމަ ހާފުގައި ކޯލް ކެމްޕެލް ޖެހި ލަނޑު އޮފްސައިޑްވުމުގެ ސަބަބުން ބަލައިނުގަތްއިރު، މެޗުގެ ފަހުކޮޅު ނޯއެލް ފުޓްކެއަށް ލިބުނު ރަން ފުރުސަތުގައި އޭނާ ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ އަރިމަތީ ދަނޑިކައިރިން ބޭރަށެވެ.
މީގެއިތުރުން، މި މެޗަކީ ބަޔާންގެ ޖޯޝުއާ ކިމިޗް އެ ކްލަބަށް ކުޅެދިން 500 ވަނަ މެޗެވެ. މި މޮޅާއެކު ބަޔާން ވަނީ ލީގުގައި ރަށުން ބޭރުގައި ބަލިނުވެ ޖެހިޖެހިގެން 28 މެޗު ހަމަކޮށްފައެވެ.