މި އަހަރު ގައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު، ގައުމީ އިނާމާބެހޭ ކޮމިޓީން މިއަދު ހުޅުއްވާލައިފިއެވެ.
ގައުމީ އިނާމަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މިއަދުން ފެށިގެން އަންނަ މެއި މަހުގެ 29ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށެވެ.
ރައީސް އޮފީހުން ބުނީ، ގައުމީ އިނާމު ދެވޭ ދާއިރާތަކުގެ ތެރެއަށް މި އަހަރު ދާއިރާއެއް އިތުރު ކޮށްފައިވާ ކަމަށެވެ. އެއީ، ޕެޓިޝަރީ އެންޑް ބޭކިންގެ ދާއިރާއެވެ. މި ދާއިރާއިން އިނާމު ދިނުމުގައި ކޮމިޓީން ބައްލާނެ ރޮނގުތަކުގެ ތެރޭގައި، ކޭކުއެޅުމާއި، ކޭކު ޑެކަރޭޓްކުރުމުގެ ފަންނު ކުރިއެރުވުމާއި، ޕޭސްޓްރީއާއި ތަފާތު ޑެޒާޓް އުފެއްދުން ހިމެނެއެވެ.
ގައުމީ އިނާމުގެ ގޮތުގައި ދިނުމަށް ހަމަޖެހިފައިވަނީ ޝަރަފުވެރިކަމުގެ ގައުމީ އިނާމާއި، ހިތްވަރު ދިނުމުގެ ގައުމީ އިނާމެވެ. ޝަރަފުވެރިކަމުގެ ގައުމީ އިނާމުގެ ގޮތުގައި ރައީސް ދެއްވާނީ، އައްޑަނައަކާއި، ޝަރަފުގެ ބެޖަކާއި، ހަނދާނީ ލިޔުމެކެވެ. ހިތްވަރު ދިނުމުގެ ގައުމީ އިނާމުގެ ގޮތުގައި ރައީސް ދެއްވާނީ، ހަނދާނީ ފިލަޔަކާއި، ހަނދާނީ ލިޔުމެކެވެ.
ރައީސް އޮފީހުން ބުނީ، ގައުމީ އިނާމަށް އެދޭ ފޯމާއި، ފޯމާއެކުގައި ހުށަހަޅާންޖެހޭ ތަކެތި ހުށަހަޅާނީ، ޕޯޓަލް މެދުވެރިކޮށްގެންނާއި، ފޯމާއި ފޯމާއެކުގައި ހުށަހަޅަންޖެހޭ ލިޔުންތައް ރައީސް އޮފީހަށް ހުށަހަޅުއްވައިގެން ކަމަށެވެ.
ފޯމު ފުރިހަމަކުރުމަށްފަހު ލިޔުމުން ހުށަހަޅާނަމަ ހުށަހަޅާނީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރިސެޕްޝަނަށެވެ.