ވަކާލާތު ކުރަނީ ޕްރިފަރެންޝަލް ވޯޓިންގެ ނިޒާމަކުން ރާއްޖޭގެ ވެރިއަކު ހޮވުމަށް ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިޚާބުގައި ދެވަނަ ބުރަކަށް ނުދާހެން، އެއްބުރުން ރައީސަކު ހޮވޭގޮތަށް ގާނޫނުއަސާސީ ބަދަލުކުރުމަށް ރައީސް ވަނީ ޕީއެންސީގެ މަޖިލިސް މެންބަރުންގެ ތާއީދަށް އެދިވަޑައިގެންފައެވެ.
"ސަން"އަށް އެނގިފައިވާ ގޮތުގައި މި ބައްދަލުކުރެއްވުމުގައި ރައީސްވަނީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު އުވައިލުމާމެދު ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް މަސައްކަތްކުރައްވަމުން ގެންދަވާކަމަށް ވިދާޅުވެފައެވެ.
އާންމުންނަށް ވަދެވޭގޮތަށް ހުޅުވާފައިވާ އެމަނިކުފާނުގެ ރަސްމީ ވަޓްއެޕް ގުރޫޕަށް ފޮނުއްވި މެސެޖެއްގައި ރައީސް ވަނީ، ޕްރިފަރެންޝަލް ވޯޓިންގެ ނިޒާމަށް ތާއިދުކުރައްވާކަން މިއަދު ހާމަކުރައްވާފައެވެ. ނަމަވެސް، މިކަމާ ގުޅިގެން އިތުރު އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.

ރައީސް ޑރ. މުޙައްމަދު މުއިއްޒު: ވިދާޅުވީ ވަކާލާތު ކުރަނީ ޕްރިފަރެންޝަލް ވޯޓިންގެ ނިޒާމަކުން ވެރިއަކު ހޮވަން ކަމަށް -- ފޮޓޯ: ރައީސް އޮފީސް
ޕްރިފަރެންޝަން ވޯޓިން ނިޒާމެއްގައި ވޯޓު ދޭން ޖެހޭނީ ކުރިމަތިލާ ކެންޑިޑޭޓުން ގިންތިކޮށްގެންނެވެ. އެންމެ ބޮޑަށް ކަމުދާ ކެންޑިޑޭޓަށް އެކެއް، އަދި ދެވަނައަށް އެންމެ ކަމުދާ ކެންޑިޑޭޓަށް ދޭއް، އެ ފަދަ ގޮތަކަށެވެ.
މިފަދަ ނިޒާމަކަށް ވޯޓުލާ ނިޒާމު ބަދަލުކުރުމުން ދެވަނަ ބުރަކަށް ނުގޮސް ރައީސަކު ހޮވޭނެއެވެ. މިއީ ރާއްޖޭން ބޭރުގެ ބައެއް ގައުމުތަކުގައި އަމަލުކުރާ ނިޒާމެކެވެ.
އެ ބަދަލަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވަނީ ތާއިދު ކުރައްވާފައެވެ. މިކަމާ ގުޅިގެން ނަޝީދު ކުރެއްވި ޕޯސްޓެއްގައި ވަނީ އޭނާގެ ޚިޔާލަށް އެމްޑީޕީއާއި ޑިމޮކްރެޓްސްއިން ތާއީދު ކުރާނެކަމަށް އުންމީދު ކުރައްވާނެކަމަށެވެ.
އެހެންނަމަވެސް، އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލާއި ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވަނީ އެއްބުރުން ރައީސަކު ހޮވުމާ ދެކޮޅު ހައްދަވާފައެވެ.
ފައްޔާޒް ވިދާޅުވީ، ޚަރަދު ކުޑަކުރުމަށް ޓަކައި ރިޔާސީ އިންތިޚާބުގެ ވޯޓުލުން އެއްބުރުން ނިންމައި، ރައީސަކު ހޮވުމަށް ހުށަހެޅި ބަދަލުގެ ފަހަތުގައި އެއްވެސް އިޚުލާސްތެރިކަމެއް ނެތް ކަމަށެވެ.
އަދި، ވެރިކަމުގެ އިތުރު ދައުރެއް ހޯދުމަށް ޤާނޫނު އަސާސީއަށް ބަދަލު ގެނައުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށާއި އެއީ ގާނޫނު އަސާސީގެ ރޫހާ މުޅިން ޚިލާފު ކަމެއް ކަމަށް ފައިސަލް ވަނީ ވިދާޅުވެފައިވެއެވެ.
އިންތިޚާބަށް ބަދަލު ގެންނަން ތާއީދުކުރާކަން ރައީސް ހާމަކުރެއްވީ އެ ވާހަކަ ދެކެވެތާ ދުވަސްކޮޅެއް ފަހުންނެވެ.