ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ދަރިކަލުންގެ ކަރަމާތާއި ރައްކާތެރިކަން ނިގުޅައިގެންފައިވާ ކަމަށް ތުހުމަތުކޮށް، ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު ކޯޓަށް ހުށަހެޅުއްވި މައްސަލައާ, އެމްޑީޕީގެ އެކްޓިވިސްޓު މަރިޔަމް ޒުބައިރު (މަންދީ)އާ ގުޅޭގޮތުން ފުލުހުން ހިންގާ ޖިނާއީ ތަހުގީގާ ގުޅުމެއް ނެތް ކަމަށް ސާޖިދާގެ ގާނޫނީ ވަކީލު އާއިޝަތު އާޒިމާ ޝަކޫރު މިރޭ ވިދާޅުވެއްޖެއެވެ.
މި މައްސަލައިގައި އާޒިމާގެ ލޯފާމް 'ރެހެންދި ޗެމްބާސް'ގެ ފަރާތުން ވަނީ ބަޔާނެއް ނެރެފައެވެ.
އެ ބަޔާނުގައި ވަނީ، އިދިކޮޅު އެމްޑީޕީގެ މުޒާހަރާއެއްގައި މަންދީ ދެއްކި ވާހަކައަކާ ގުޅިގެން މެޑަމް ސާޖިދާ ސިވިލް ކޯޓަށް ހުށަހެޅުއްވީ މަދަނީ މައްސަލައެއް ކަމަށާއި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ފެމިލީ ކޯޓަށް ވެސް ހުށަހަޅާފައި ވަނީ މަދަނީ ދައުވާއެއް ކަމަށެވެ. އެ މައްސަލަތައް ހުށަހަޅާފައި ވަނިކޮށް، ފުލުހުން ވެސް ވަނީ މަންދީގެ ޖިނާއީ ތަހުގީގެއް ފަށާފައެވެ.
މަންދީގެ މައްޗަށް ފުލުހުން ހިންގާ ތަހުގީގަކީ މެޑަމް ސާޖިދާގެ އިސްނެގެންގެވުމުގެ މަތިން ހިންގާ ތަހުގީގެއް ކަމަށް ދޭހަވާ ގޮތަކަށް ބައެއް ފަރާތްތަކުން މައުލޫމާތު ފަތުރަމުންދާ ކަމަށާއި އެއީ ހަގީގަތެއް ނޫން ކަމަށް އާޒިމާ ވިދާޅުވެފައިވެއެވެ.
އޭގެއިތުރުން، ކްރިމިނަލް ކޯޓުން ނެރޭ އަމުރަކާ ނުވަތަ ފުލުހުން ހިންގާ ތަހުގީގުތަކާ މެޑަމް ސާޖިދާއާ ގުޅުވައި ދައްކަނީ އެންމެ ރަނގަޅު ވާހަކަތަކެއް ނޫން ކަން އެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ. މިފަދަ ވާހަކަތައް ފެތުރުމުގެ ނަތީޖާއަކީ މައްސަލަތަކުގެ މަގުސަދު އާންމުންނަށް އޮޅުންކަން ފާހަގަކުރައްވައި އާޒިމާ ވަނީ ސާޖިދާ ހުށަހެޅުއްވި މައްސަލަތަކުގައި ޖިނާއީ ތަހުގީގެއް ނުހިމެނޭނެ ކަން ފާހަގަކުރައްވާފައެވެ.
ފުލުހުން ހިންގާ ތަހުގީގުތަކާ މެޑަމް ސާޖިދާ ހުށަހެޅުއްވި މައްސަލަތަކާ ގުޅުމެއް ނެތް ކަމަށް ބުނެ، 'ރެހެންދި ޗެމްބާސް'ގެ ފަރާތުން ބަޔާނެއް ނެރެފައި ވަނީ، މަންދީއާއި އެމްޑީޕީގެ ގައުމީ މަޖިލިސް މެންބަރު އަހުމަދު ސަލީމް (މާޒް ސަލީމް)ގެ ޖިންސީ ގުނަވަން ފިޔަވައި, ހަށިގަނޑުގެ ބޭރު ފޮޓޯ ނަގަން ކްރިމިނަލް ކޯޓުން އަމުރުކޮށް، ޗިޓު ފޮނުވައިފައި ވަނިކޮށެވެ.
މަންދީއާއި މާޒް ސަލީމްގެ މައްޗަށް އެ ކޯޓުން އެފަދައިން އަމުރުކޮށްފައި ވަނީ، އެމްޑީޕީން ކުރިއަށްގެންދިޔަ މުޒަހަރާއެއްގައި ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ދަރިކަލުންގެ ކަރާމާތާއި ރައްކާތެރިކަން ނިގުޅައިގެންފައިވާ ކަމަށް ތުހުމަތުކޮށް, ފުލުހުން މިހާރު ހިންގާ ތަހުގީގާ ގުޅިގެންނެވެ.
ޖިންސީ ގުނަވަން ފިޔަވާ ހަށިގަނޑުގެ ބޭރު ފޮޓޯ ނަގަން އަމުރުގައި އޮތުމުން މި މައްސަލާގައި ތުހުމަތުވާ މާޒް ސަލީމާއި ބައެއް އާއްމުން ވެސް އެކަން ސިފަ ކުރީ އެ މީހުންގެ ބަރަހަނާ ފޮޓޯއެއް, ތަހުގީގަށް ނަގަން އުޅެނީ ކަމަށެވެ.
މިކަމުގައި ފުލުހުން އަމަލު ކުރާގޮތް "ސަން"އިން ބެލުމުން އެނގުނީ ފުލުހުން އެފަދަ އަމުރު ހޯދަނީ ފޮރެންސިކް ތަހުގީގަށް އެނަލިސިސް ހެދުމަށްޓަކައި މީހާގެ ފޮޓޯއެއް ނެގުމަށް ކަމަށެވެ. އެކަމަށް ނަގާ ފޮޓޯ ނަގަނީ ހެދުން ލައިގެން ތިއްބާކަން ވެސް ވަނީ އެނގިފައެވެ.
އެމްޑީޕީން ވަނީ، އެ މުޒާހަރާގައި ދައްކައިފައި ވަނީ އެއްވެސް ހާލެއްގައި ކުޑަކުއްޖަކަށް ނިސްބަތްކޮށް، އަދި ކުޑަކުއްޖެއްގެ ކަރާމާތަށް އުނިކަން އަންނަ ފަދަ ވާހަކައެއް ނޫން ކަމަށް ބުނެފައެވެ.