ފައިނު އެއާޕޯޓު އަޅަން 21 ގޯތި ބަދަލުކުރަންޖެހޭތީ ކަންބޮޑުވުން

ރ. ފައިނު: އެ ރަށުގައި އެއާޕޯޓެއް އެޅުމަކީ ރައީސްގެ ވައުދުފުޅެއް -- ފޮޓޯ/ އިބްރާހިމް ތާއިފް

ރ. ފައިނުގައި އެއާޕޯޓު އަޅަން ޕްލޭނިން މިނިސްޓްރީން ހެދި ކޮންސެޕްޓްގައި ވާގޮތުން މީހުން ދިރިއުޅެން ދޫކޮށްފައިވާ 21 ގޯއްޗެއް އެއާޕޯޓަށް އަރާ ކަމަށް އެ ރަށު ކައުންސިލުން މިއަދު ބުނެފިއެވެ.

ފައިނުގައި އެއާޕޯޓެއް ތަރައްގީކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

'ސަން'އާ ވާހަކަދައްކަވަމުން ފައިނު ކައުންސިލްގެ ރައީސް އަޙްމަދު ރިޝްފާން މިއަދު ވިދާޅުވީ، އެއާޕޯޓުގެ ސާވޭ ޓީމުން އެއާޕޯޓުގެ ކޮންސެޕްޓް ތައްޔާރުކޮށް ކައުންސިލާ ހިއްސާކޮށްފައިވާ ކަމަށެވެ. އެ ކުރެހުމުގައި ވާގޮތުން އެއާޕޯޓު އަޅަން ރަށުގެ އިހުތިސާސުން ވަކިކުރާ ބަޔަށް މިހާރު މީހުން ދިރިއުޅެން ދޫކޮށްފައިވާ 21 ގޯތި އަރާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެކަމަކު، އެއީ ފައިނަލް ކުރެހުން ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

"ސާވޭ ޓީމުން ކައުންސިލަށް ކުރެހުން ހިއްސާކުރުމަށް ފަހު، ރައްޔިތުންނާއި ކައުންސިލްގެ ކަންބޮޑުވުންތަކާ ގުޅިގެން ބަދަލުތައް ގެނެވޭތޯ ޖެހޭނީ ބަލަން ކަމަށް ބުނީ،" އޭނާ ވިދާޅުވިއެވެ.

https://sun.mv/202915

ރިޝްފާން ވިދާޅުވީ، ރައްޔިތުންގެ ހިޔާލާ އެއްގޮތަށް ކުރެހުމަށް ބަދަލު ގެނެވޭތޯ މަސައްކަތްކުރާނެ ކަމަށް ސާވޭ ޓީމުން ބުނި ނަމަވެސް އެއާޕޯޓު އިތުރަށް ފުއްޓަރު ފަރާތަށް ޖެއްސުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށް އެ ޓީމުން ބުނި ކަމަށެވެ.

"މާ ބޮޑަށް ޝޯ އޭރިއާއާ ގާތްވީމާ، އަބަދު ވެސް މެއިންޓެނަންސް ކޮށްކޮށް ހުންނަން ޖެހޭނެ ވާހަކަ،" އޭނާ ވިދާޅުވިއެވެ.

ރަށުގެ އިރުމަތީ ފަރާތުން ނަގަންޖެހޭ ގެވަޅުތައް ރަށުގެ ހުޅަނގު ފަޅިން ގޯތި ދޫކުރަން ހުރި ބިންތަކަށް ބަދަލުކުރަންޖެހޭކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ، ހުޅަނގު ފަރާތުން އާރްއޯ ޕްލާންޓާއި ލޭންޑް ޔޫސް ޕްލޭންގައިވާ މިސްކިތާއި އަދި އިރުމަތީ ފަޅިން ނަގަންޖެހޭ ބިންތަކަށް ޖާގަ ދިނުމުން މިހާރު ގޯތި ދޫކުރަން ހުރި ބިންތަކުން ގޯތި ދޫކުރަން ދަތިވާނެ ކަމަށެވެ.

"ގާތްގަނޑަކަށް 1992 ވަނަ އަހަރުން ފެށިގެން އަބަދު ވެސް މި [އެއާޕޯޓުގެ] ވިސްނުން އިންނާތީ އެއް ގޮތަކަށް ދެކުނު ފަޅީގެ ބޭނުމަށް އިތުރު ޕްލޭނަށް ނުކުރެވިގެން މި އުޅެނީ،" އޭނާ ވިދާޅުވިއެވެ.

އެހެންވެ، އެއާޕޯޓާ މެދު ރައްޔިތުން ގޮތެއް ނިންމުމަކީ ކައުންސިލް ހިންގަން ވެސް ލުއިވާނެ ކަމެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

https://sun.mv/111628

އެ ރަށުގައި އެއާޕޯޓު ތަރައްގީކުރަން ރަށުގެ އިހުތިސާސުން ވަކިކުރާ ބިމަށް މިހާރު މީހުން ދިރިއުޅެން ދޫކޮށްފައިވާ 21 ގޯއްޗެއް އަރާތީ ކަންބޮޑުވުން ވަނީ ބޮޑުވެފައެވެ. އެ ގޯތިތަކުގެ ތެރޭގައި މިހާރު މީހުން ދިރިއުޅެން ފަށާފައިވާ ގެތައް ވެސް ހިމެނެއެވެ.

ސަރުކާރުން ވަނީ 500 މީހުންގެ އާބާދީއެއް އޮންނަ ފައިނު އެއާޕޯޓުގެ މަސައްކަތް އެމްޓީސީއާ ހަވާލުކޮށްފައެވެ. ރައީސް މުއިއްޒު ވަނީ ދެން ފައިނަށް ވަޑައިގަންނަވާނީ އެއާޕޯޓުގެ މަސައްކަތް ނިންމާފައި ކަމަށް އެ ރަށަށް ކުރެއްވި ދަތުރުފުޅުގައި ވިދާޅުވެފައެވެ.

އެއީ، ބޮޑުމިނުގައި ގާތްގަނޑަކަށް 66 ހެކްޓަރު ހުރި ރަށެކެވެ.

ޕީޕީއެމްގެ ފުރަތަމަ ސަރުކާރުން ވެސް ފައިނުގައި އެއާޕޯޓެއް އަޅަން މަސައްކަތްކުރިއެވެ. އެކަމަކު، އޭރު އެ ރަށުގެ ގިނަ ބަޔަކު އެ ކަމާ ދެކޮޅު ހެދުމުން މަޝްރޫއު ވަނީ ކުރިއަށް ނުގެންގޮސް ހުއްޓާލައިފައެވެ. ފަހުން އައި އެމްޑީޕީގެ ދެވަނަ ސަރުކާރުން މަސައްކަތްކުރީ ފައިނުގެ ބަދަލުގައި އެ އަތޮޅު ބެރިޔަންފަރުގައި އެއާޕޯޓެއް އަޅާށެވެ. އެ މަޝްރޫއު ވެސް ކުރިއަށް ގެންދެވިފައެއް ނުވެއެވެ.

comment ކޮމެންޓް