ރާއްޖޭގައި ކޮންސްޓްރަކްޝަން މަސައްކަތްކުރާ ރާއްޖޭން ބޭރު ކޮންޓްރެކްޓަރުން ދައްކަން ޖެހޭ ވިތުހޯލްޑިން ޓެކްސް ދެ ގުނަ ބޮޑުކުރަން ހުށަހަޅައިފިއެވެ.
ސަރުކާރު ފަރާތުން މަތިވެރި ދާއިރާގެ ޕީއެންސީ މެންބަރު ޙަސަން ޒަރީރު އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނަށް މި އިސްލާހު ހުށަހެޅުއްވީ ރާއްޖޭގައި ހިންގާ ކޮންސްޓްރަކްޝަން މަޝްރޫއުތަކުގެ ކޮންޓްރެކްޓްތަކަށް ވާދަކުރުމުގައި ރާއްޖޭން ބޭރު ކޮންޓްރެކްޓަރުންނާ ދެމެދު ހަމަހަމަ އަދި ވާދަވެރި މާހައުލެއް ގާއިމުކުރުމުގެ ގޮތުން ކަމަށެވެ.
ވިތުހޯލްޑިން ޓެކުހަކީ އާމްދަނީ ލިބޭ ފަރާތަށް ފައިސާ ދޫކުރުމުގެ ކުރިން، ފައިސާ ދައްކާ ފަރާތުން އެ ފައިސާއިން އުނިކޮށް، ދައުލަތުގެ ޓެކްސް އިދާރާއަށް ދައްކަން ޖެހޭ ޓެކުހެކެވެ. ރާއްޖޭގައި މި ޓެކްސް ނަގަނީ ރާއްޖޭގައި ވަޒަންވެރިވެފައި ނުވާ ފަރާތްތަކުން ރާއްޖޭގައި ހިންގާ ވިޔަފާރީގެ މުއާމަލާތްތަކުން ލިބޭ އާމްދަނީންނެވެ. މީގެ ބޭނުމަކީ ބޭރު ފަރާތްތަކުން ރާއްޖޭގައި ހޯދާ އާމްދަނީން ދައުލަތަށް ލިބެން ޖެހޭ ޓެކްސް ކަށަވަރުކުރުމެވެ. އާންމު ގޮތެއްގައި މި ޓެކްސް ނަގަނީ ރޯޔަލްޓީ، ޓެކްނިކަލް ފީ، ޑިވިޑެންޑް އަދި ކޮންޓްރެކްޓް މަސައްކަތްތަކަށް ދައްކާ ފައިސާއިންނެވެ. މި ނިޒާމުގެ ސަބަބުން ޓެކްސް ނުދައްކައި ފައިސާ ބޭރުވުން ހުއްޓުވައި، ދައުލަތުގެ އާމްދަނީ ރައްކާތެރިކޮށްދެއެވެ.
އެގޮތުން، ރާއްޖޭގައި ވިޔަފާރިކުރާ ފަރާތަކުން ރާއްޖޭން ބޭރު ކޮންޓްރެކްޓަރަކަށް ފައިސާއެއް ދައްކާ ނަމަ، ރާއްޖޭން ބޭރު ފަރާތްތަކުގެ ވިތުހޯލްޑިން ޓެކުހުގެ ގޮތުގައި 10 އިންސައްތަ އުނިކުރުމަށް ޒަރީރު ވަނީ ހުށަހަޅައިފައެވެ.
ގާނޫނުގައި މިހާރު އޮންނަ ގޮތުން ބޭރު ކޮންޓްރެކްޓަރުންގެ އަތުން ވިތުހޯލްޑިން ޓެކުހުގެ ގޮތުގައި މިހާރު އުނިކުރަނީ ފަސް އިންސައްތައެވެ.
ފާހަގަކުރެވޭ ގޮތުގައި ރާއްޖޭން ބޭރުގެ ޓުއާ އޮޕަރޭޓަރުންނާއި ބޭރުގެ ބުކިން ޕްލެޓްފޯމުތަކުން ދޭ ޚިދުމަތްތަކުން ޖީއެސްޓީ ނަގަން ލާޒިމުކުރުމަށް ވެސް މަޖިލީހަށް ސަރުކާރުން ހުށަހެޅިއެވެ.
ސަރުކާރު ފަރާތުން ކުޅުދުއްފުށީ އުތުރު ދާއިރާގެ ޕީއެންސީ މެންބަރު މުޙައްމަދު ދާއޫދު މި އިސްލާހު ހުށަހެޅުއްވި މަގުސަދެއް ކަމަށް ވަނީ، ރާއްޖޭގައި ޑެސްޓިނޭޝަން ޕްރިންސިޕަލް ތަންފީޒުކުރަން ފެށުމަށްޓަކައި އޮފްޝޯ ބުކިން ޕްލެޓްފޯމުތަކާއި ބޭރު ޓުއާ އޮޕަރޭޓަރުންނާއި ޓްރެވަލް އޭޖެންޓުން ފޯރުކޮށްދޭ ޚިދުމަތްތަކާއި އުސޫލުތައް ގާނޫނުގައި ބަޔާންކުރުމެވެ.
މި އިސްލާހުގައި ވަނީ، ފަތުރުވެރިކަމުގެ ދާއިރާގެ ޚިދުމަތްތަކުގެ ތެރޭގައި، ރާއްޖޭގައި ވިޔަފާރީގެ ދާއިމީ ތަނެއް ނެތް ފަރާތަކުން ފޯރުކޮށްދޭ އިންބައުންޑް ޓޫރިޒަމް ޚިދުމަތް ހިމަނަން ހުށަހަޅައިފައެވެ.
ބިލާއެކު ސަރުކާރުން ހުށަހަޅައިފައިވާ ކޯސްޓް އެސްޓިމޭޓު ނުވަތަ ޚަރަދުގެ އަންދާޒާގައިވާ ގޮތުން، ދައުލަތުން އެއް ފަހަރު ކުރަން ޖެހޭ ޚަރަދުގެ ގޮތުގައި 2.8 މިލިއަން ރުފިޔާ، އަދި މުވައްޒަފުންނަށް ރިކަރަންޓް ޚަރަދުގެ ގޮތުގައި އިތުރަށް 5.1 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް ބެލެވެއެވެ.
މި އިސްލާހު ފާސްވެއްޖެ ނަމަ ދައުލަތަށް އަހަރަކު 1.61 ބިލިއަން ރުފިޔާ ވަންނާނެ ކަމަށް ކޯސްޓް އެސްޓިމޭޓުގައި ލަފާކޮށްފައިވެއެވެ.
އެމްޑީޕީ މެންބަރުންގެ ވެސް ތާއީދާއެކު ރައްޔިތުންގެ މަޖިލީހުން އިއްޔެ ވަނީ މި އިސްލާހު ބަލައިގަނެ، ދިރާސާކުރަން މާލިއްޔަތު ކޮމިޓީއަށް ފޮނުވައިލައިފައެވެ.