ކުއާޒޯ ދި މެންގްރޫވް އައިލެންޑް ފުޓްބޯލް ޗެމްޕިއަންޝިޕްގެ ގްރޫޕް އޭގެ ދެވަނަ މެޗް މިރޭ ކުޅެފިއެވެ.
މި މެޗްގައި ވާދަކޮށްފައިވަނީ ގްރޫޕް އޭގެ ދެ ޓީމް ކަމުގައިވާ ކޮމެޓްސް އެސްސީ އަދި ވިންޑް ވޯރިއޯސް އެސްސީއެވެ. ކޮމެޓްސް އެސްސީ އަކީ ވިދިވިދިގެން ދެ އަހަރު މި މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވާ ޓީމެކެވެ. އަދި ވިންޑް ވޯރިއޮސް އެސްސީ އަކީ ނިމިދިޔަ އަހަރުގެ ޗެމްޕިއަން ޓީމެވެ. މި ދެ ޓީމަކީވެސް ކެނދިކުޅުދޫ އަށް ނިސްބަތްވާ ދެ ޓީމެވެ.
މެޗްގެ ފުރަތަމަ ހާފްގެ ހަ ވަނަ މިނެޓްގައި ވިންޑް ވޯރިއޯސް އެސްސީ އިން ވަނީ ގޯލެއް ކާމިޔާބުކޮށް މެޗްގެ ލީޑް ނަގާފައެވެ. މި ގޯލް ކާމިޔާބުކޮށްދީފައިވަނީ އެ ޓީމްގެ ޖޯޒީ ނަންބަރު ހަތެއް, އަބްދުﷲ ޔާމީން (ޔާނު) އެވެ. މި ގޯލާއެކު ވިންޑް ވޯރިއޯސް އެސްސީއިން ވަނީ ވަރަށް ބޮޑަށް މެޗް ޑޮމިނެންޓް ކޮށްގެން ކުޅެފައެވެ.

ކުއާޒޯ ދި މެންގްރޫވް އައިލެންޑް ފުޓްބޯލް ޗެމްޕިއަންޝިޕް 2025ގެ ދެ ވަނަ މެޗުގެ ތެރެއިން: މި މެޗު ކާމިޔާބުކޮށްފައި ވިންޑް ވޯރިއޯސް އެސްސީއިން -- ފޮޓޯ/ މުހައްމަދު އަފްވާން
މި ނަތީޖާގައި ފުރަތަމަ ހާފް ނިމިގެން ގޮސްފައިވާއިރު ދެވަނަ ހާފް ފެށިގެން 51 ވަނަ މިނެޓްގައި ވިންޑް ވޯރިއޯސް އެސްސީ އިން ވަނީ އިތުރު ގޯލެއް ޖަހައި ލީޑް ފުޅާކޮށްފައެވެ. މި ގޯލް އެ ޓީމަށް ކާމިޔާބުކޮށްދިނީ އެ ޓީމްގެ ޖޯޒީ ނަންބަރު ފަހެއް, މުޙައްމަދު ވަޙީދު (ކޮކީ) އެވެ. މީގެ އިތުރުން ކޮކީ ވަނީ މެޗްގެ 68 ވަނަ މިނެޓްގައި އިތުރު ގޯލެއް ކާމިޔާބުކޮށް ލީޑް ފުޅާކޮށްދީފައެވެ.
އަދި 89 ވަނަ މިނެޓްގައި ވިންޑް ވޯރިއޯސް އެސްސީއިން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް މެޗްގެ ނަތީޖާ 4-0 އަށް ބަދަލުކޮށްލާފައެވެ. މި ލަނޑު ކާމިޔާބުކޮށްދީފައިވަނީ އެ ޓީމްގެ ކެޕްޓަން އަބްދުﷲ ޖުނައިދު (ޖޭންނޭ) އެވެ.
މި ނަތީޖާއާއެކު މެޗް ނިމިގެންދިޔަ އިރު މުޅި މެޗް ވިންޑް ވޯރިއޯސް އެސްސީ އިން ޑޮމިނެންޓް ކޮށްގެން ކުޅުނު ކަމުގައިވީނަމަވެސް ކޮމެޓްސް އެސްސީއިން ވެސް ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ.
މި މެޗްގެ މޭ އޮފް ދަ މެޗަކަށް ހޮވިފައިވަނީ ވިންޑް ވޯރިއޯސް ގެ ޖޯޒީ ނަންބަރު 11 އަބްދުﷲ ޖުނައިދު (ޖޭންނޭ) އެވެ.

ކުއާޒޯ ދި މެންގްރޫވް އައިލެންޑް ފުޓްބޯލް ޗެމްޕިއަންޝިޕް 2025 ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން: ފެށުމުގެ ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ މާލޭގެ މޭޔަރު އާދަމް އާޒިމް-- ފޮޓޯ/ މުހައްމަދު އަފްވާން
ކުއާޒޯ ދި މެންގރޫވް އައިލެންޑް ފުޓްބޯލް ޗެމްޕިއަންޝިޕް 2025 ގެ ފެށުމުގެ ރަސްމިއްޔާތު ވެސް ވަނީ ރޭ ބާއްވައިފިއެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މާލެ ސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމްއެވެ. ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އާޒިމް ވަނީ ކެނދިކުޅުދޫ ކައުންސިލްއިން ރަށުގެ ތަރައްޤީއަށް ކުރައްވަމުންގެންދަވާ ކަންކަމަށް ފަށްފަށުން ތަޢުރީފު ކުރައްވާފައެވެ.
މި މުބާރާތުގެ ތިން ވަނަ މެޗް މިއަދު ހަވީރު ކުޅުމަށް ހަމަޖެހިފައިވާއިރު އެ މެޗްގައި ވާދަކުރާނީ ގްރޫޕް ބީގެ ދެ ޓީމް ކަމުގައިވާ މާފަރު އެފްސީ އަދި ހެނބަދޫ އެފްޓީއެވެ. މުބާރާތުގެ ހުރިހާ މެޗެއްވެސް އެސްއެސް ޓީވީ ގެ ފޭސްބުކް އަދި ޔޫޓިއުބް އިން ލައިވްކުރާނެވެ.