ބޭސް ލިބުމުގައި ދިމާވާ ދަތިތައް ހައްލުކުރާނެ ކަމަށް ސަރުކާރުން ބުނި ތާރީޚު ފަހަނައަޅައި ދިޔައިރު ވެސް ފަމާސީތަކުން އަސާސީ ބޭސް ނުލިބޭ ކަމަށް ބުނެ، އާންމުންގެ ކަންބޮޑުވުން ބޮޑުވެއްޖެއެވެ.
މި މައްސަލަ ބޮޑުވެފައިވަނީ، މޯލްޑިވްސް ފުޑް އެންޑް ޑުރަގު އޮތޯރިޓީ (އެމްއެފްޑީއޭ)އިން ހުއްދަ ދީފައިވާ ލިސްޓުގައި ހިމެނޭ ހުރިހާ ބާވަތެއްގެ ބޭހެއް ވެސް، އޭޕްރީލް 15އިން ފެށިގެން އެސްޓީއޯ ބޭސްފިހާރަތަކުން ދަތިކަމެއް ނެތި ލިބޭނެ ކަމަށް މިދިޔަ ފެބްރުއަރީ 24ގައި ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެފައި ވަނިކޮށެވެ.
އެ މުއްދަތު ހަމަވެ، މިއަދަށް ހަފުތާއެއްވީއިރު ވެސް މާލޭގެ ގިނަ ފާމަސީތަކުންނާއި އަތޮޅުތެރޭގެ ރަށްރަށުގެ ފާމަސީތަކުން ބޭސް ނުލިބޭ ކަމަށް ބުނެ، ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އެގޮތުން، މީހަކު ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓެއްގައިވަނީ މާލޭގެ ދިހަ ބޭސް ފިހާރައަށް ވުރެ ގިނަ ތަންތަނަށް ދެވުނުއިރު ހަމައަށް ބޭސް ގަންނަން ނުލިބުނު ކަމަށެވެ.
މިއީ ޚަރަދު ކުޑަކޮށްގެން ވިޔަސް ހައްލުކުރަން ޖެހޭ ސީރިއަސް މައްސަލައެއްގެ ގޮތުގައި ސިފަކޮށް އެ މީހާ ބުނީ، ހަމައަށް ބޭސް ލިބޭނެ ކަމަށް ބުނި ތާރީޚުތަކުގައި އެކަންވެފައި ނެތް ކަމަށެވެ.

އާސަންދަ ބޭސް ފިހާރައެއް: ފާމަސީތަކުން ބޭސް ނުލިބޭތީ އެކަމުގެ ކަންބޮޑުވުން ވަނީ ވަރަށް ބޮޑުވެފައި ---- ސަން ފޮޓޯ
"އޭޕްރީލް 15،މާޗް 15، މެއި 15، މިއީ ސަރުކާރުން ބޭސް ހަމައަސް ލިބޭނެ ކަމަށް ބުނި ދުވަސްތައް. ބޭހެއް ނުލިބޭ. ބޭސް ފިހާރަތަކުން ބޭސް ހަމަނުވެގެން ކަންބޮޑުވެފައި ތިބި ކިތަންމެ ބަޔަކާ ދިމާވި. ރައްޔިތުންނާ ގުޅުން ހުންނަ މިކަހަލަ ކަންކަމާ ދިމާވާއިރު [ދައުލަތުގައި] ފައިސާއެއް ނުހުރޭ،" އެ މީހާ ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.
ބޭހުގެ މައްސަލައިގައި އިތުރު މީހަކު ބުނެފައިވަނީ، ހުން އައިސްގެން ގައިގައި ރިއްސާތީ ޑޮކްޓަރަށް ދައްކައިގެން ބޭސް ސިޓީއަށް ލިބުނީ އެންމެ ބޭހެއްގެ ތިން ގުޅަ ކަމަށެވެ. ބޭސް ސިޓީގައިވާ، ޕެނަޑިންނާއި އެލެގްރާ ހުސްވެފައި ހުރިކަން އެ މީހާ ފާހަގަކޮށްފައިވެއެވެ.
ފާމަސީތަކުން ބޭސް ނުލިބޭ ކަމަށް ގިނަ ބަޔަކު ބަޔަކު ބުނަމުންދާއިރު، މި މައްސަލައިގައި މިހާތަނަށް އެސްޓީއޯގެ ބަހެއް ލިބިފައެއް ނުވެއެވެ. އަދި، ބޭސް ނުލިބޭ މައްސަލައިގައި އެންސްޕާގެ ބަހެއް ހޯދަން ކުރި މަސައްކަތް ވެސް މިހާތަނަށް ކާމިޔާބުވެފައެއް ނުވެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، ބޭސް ލިބުމުގައި ދިމާވާ ދަތިތައް ހައްލުކުރަން ސަރުކާރުން ކުރާ މަސައްކަތުން ރަނގަޅު ނަތީޖާއެއް ފެންނަ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް މި މަހު 10ގައި ވިދާޅުވިއެވެ. އެ ދުވަހު މިނިސްޓަރު ވަނީ ބޭހުގެ ދަތިކަން ހައްލުކުރަން މި ފަހުން ސަރުކާރުން ކުރި މަސައްކަތްތައް ކިޔައިދެއްވާފައެވެ.
އެގޮތުން:
- އެސްޓީއޯގެ ބޭސް ސަޕްލައި އިތުރުކުރުމަށްޓަކައި ނިޒާމު ހަރުދަނާކުރުން
- ބޭހުގެ ކަންކަން ބެލެއްހެޓުމަށް ގަވަނަންސް ހަރުދަނާ ކުރުމަށް މަސައްކަތް ބަލަހައްޓާ މުވައްޒަފުން އިތުރުކުރުމާއި ޒިންމާދާރުކުރުމަށް އެސްއޯޕީތައް އެކުލާވައިގެން ބެލެހެއްޓުން
- ބޭސް ޕްރެސްކްރައިބް ކުރުމަށް އާސަންދަ ޕޯޓަލަށް އިސްލާހުތައް ގެނެސް ތަންފީޒުކުރަން ފެށުން
- އިތުރު ޓްރީޓްމަންޓް ގައިޑްލައިންތައް ހަދައި، އެ ކަމަށް ހެލްތު ޕްރޮފެޝަނަލްސް ތާޒާކޮށްގެން ކުރިއަށް ގެންދިޔުން
- އެމްއެފްޑީއޭގެ ނިޒާމު ހަރުދަނާކުރުން
- އެސްޓީއޯގެ ފާމާސީތައް ހިންގާ މުވައްޒަފުން އިތުރަށް ޒިންމާދާރުކޮށް، ތަމުރީނުކުރަން ފެށުން

ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް -- ފޮޓޯ/ ހެލްތު މިނިސްޓްރީ
އެ ކުރިއެރުންތަކާ އެކު، މި މައްސަލައަށް މުސަތްގުބަލުގައި ދާއީމީ ހައްލެއް ހޯދޭނެކަމުގެ ޔަގީންކަން އެބައޮތްކަން މިނިސްޓަރު ނާޒިމް ވަނީ ފާހަގަކުރައްވާފައެވެ.
ގައުމީ ސިއްހީ އިންޝުއަރެންސް ނިޒާމުކަމުގައިވާ އާސަންދައިން ކޮންމެ އަހަރަކު ވެސް އެންމެ ބޮޑު ޚަރަދެއް ކުރަނީ ބޭހަށެވެ. އެހެންވެ، ބޭހަށް ކުރާ ޚަރަދު ވަނީ އިންތިހާއަށް ބޮޑުވެފައެވެ.
އެ ޚަރަދުކުޑަކުރަން މި ސަރުކާރުން ވަނީ އާސަންދަ ނިޒާމު އިސްލާހުކުރަން ފިޔަވަޅުތަކެއް އަޅައިފައެވެ. އެގޮތުން، އަގު ބޮޑުކޮށްގެން ވިއްކާ 250 ބޭހަކަށް އާސަންދައިން ދޫކުރާ އަދަދު ކޮންޓްރޯލްކޮށްފައިވެއެވެ. ބޭސް ލިބުމުގައި ދަތިތައް ދިމާވީ އޭގެ ފަހުންނެވެ.
އާސަންދައިގެ ޚަރަދު ކުޑަކުރަން ސަރުކާރުން ފިޔަވަޅުތަކެއް އެޅި ނަމަވެސް އެންމެ ފަހުގެ މާލީ ހިސާބުތަކުން އެނޣޭ ގޮތުގައި މިދިޔަ އަހަރާ އަޅައިބަލާއިރު އަހަރުގެ މިހާތަނަށް އާސަންދައަށް ކުރި ޚަރަދު 179 މިލިއަން ރުފިޔާ އިތުރެވެ. މި އަހަރު މިހާތަނަށް އާސަންދައަށް 665.9 މިލިއަން ރުފިޔާ ޚަރަދުކޮށްފިއެވެ.