ޝަމްއާން ވަނީ ފްރޭމްކޮށްފައި، މިއަދު "ބްރަދާ" ކީ މީހަކު ވެސް ނެތް: އަނބިމީހާ

ޝަމްއާން ވަހީދު

ކޮރަޕްޝަންގެ ތުހުމަތުގައި މޯލްޑިވްސް އިމިގްރޭޝަންގެ ކޮންޓްރޯލަރުކަމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ ޝަރީއަތް ނިމެންދެން ބަންދުގައި ހުރީ އޭނާގެ މައްޗަށް ފްރޭމްކޮށްފައިވާ މައްސަލައެއްގައި ކަމަށް އޭނާގެ އަނބިމީހާ ހިދުފާ ފާއިޒު ބުނެފިއެވެ.

ޝަމްއާން ޝަރީއަތް ނިމެންދެން ބަންދުކުރި މައްސަލައިގެ އިސްތިއުނާފީ އަޑުއެހުމެއް އިއްޔެ ވަނީ ބާއްވައިފައެވެ.

ނަމަވެސް އެ ކޯޓުން މިއަދަށް ތާވަލުކުރި ޝަމްއާންގެ އަޑުއެހުން ވަނީ ކެންސަލްކޮށްފައެވެ. ހައި ކޯޓުން ބުނީ މާދަމާއަށް އެ މައްސަލަ ތާވަލުކުރާނެ ކަމަށެވެ.

އިއްޔެގެ އަޑުއެހުމަށްފަހު، ސޯޝަލް މީޑިއާގައި ޝަމްއާންގެ އަނބިމީހާ ކުރި ޕޯސްޓެއްގައި ވަނީ އިންސާފުން ބޭރުން، ޝަމްއާން ފްރޭމްކޮށްގެން، އޭނާއާއި އާއިލާއާ ދުރުގައި މިހާރު ގެންގުޅޭތާ މަހެއްވެއްޖެ ކަމަށެވެ.

ޝަމްއާންގެ ދިފާއުގައި ވާހަކަދައްކަމުން އޭނާ ބުނީ، ޝަމްއާން މި ގައުމަށް ޚިދުމަތް ކުރީ ތެދުވެރިކަމާއި، ޝަރަފުވެރިކަމާމެދު ރަނގަޅު ބަދަލެއް ގެނައުމަށް ކަމަށެވެ. އަދި އޭގެ ހެޔޮ އަސަރަކީ ދޮގުނުކުރެވޭނެ ކަމެއް ކަމަށާއި އެ ކަން ގިނަ ބަޔަކު ދުށްކަމަށެވެ.

"އޭނާގެ ކާމިޔާބީ ފާހަގަކުރިއިރު، [މަރުހަބާގެ] މެސެޖުތައް ފުނިޖެހުނު. ތައުރީފުގެ އަޑު އެހާ ގަދަ. އަދި އެހީތެރިކަން އަބަދު ވެސް ލިބުނު. އެކަމު ނުހައްގުން ޖަލަށްލީމާ، އެ ކަމާ ހަނު،" ހިދުފާ ލިޔެފައިވެއެވެ.

އެއާއެކު ހިދުފާ ވަނީ ކުރިން ޝަމްއާނަށް ތަރުހީބު ދިން މީހުން ކޮބައިތޯއާއި، "ފްރެންޑު" އަދި "ބްރަދާ" ކިޔައިގެން އުޅުނު މީހުން ކޮބައިތޯ ސުވާލު ކޮށްފައެވެ. އަދި ކަންކަން ރަނގަޅަށް ދިޔައިރު އެ މީހުންނަށް ރަނގަޅު ގުޅުމެއް ބޭއްވި މީހުން ކޮބައިތޯ ވެސް ސުވާލުކޮށްފައެވެ.

ހިދުފާ ބުނީ ޝަމްއާންގެ ބޭނުން ޖެހުނު ވަގުތު، އެ މީހުންނަށް ޝަމްއާންގެ އެހީ އަބަދުވެސް ދިން ކަމަށެވެ. އަދި އެ މީހުންގެ ވާހަކަ ގަބޫލުކޮށް އެ މީހުންނަށް ޓަކައި މަސައްކަތްކޮށްދީ ކުރިއަރުވައިދިން ކަމަށެވެ.

"ދެން މިހާރު އޭނާއަށް ނުހައްގުން ބޮޑު އަނިޔާއެއް ކުރިމަތިވާރު ތި ހުންނަނީ ހަނު؟ އެ ކަމާ ދެކޮޅަށް އަނގައިން ބުނަން ބިރުން؟،" ހިދުފާ ބުނެފައިވެއެވެ.

އެއާއެކު އޭނާ ވަނީ މިހާތަނަށް ވެސް އެއްވެސް ވަރަަކަށް ހާލުބަލައިނުލާ ތިބި ބަޔަކު އިތުރަށް ވާހަކަދައްކަން ނޭދޭ ކަމަށް ބުނެފައެެވެ.

https://sun.mv/205090

ޝަމްއާން ހައްޔަރުކުރީ އިމިގްރޭޝަންގެ ބައެއް މުވައްޒަފުން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބިދޭސީންގެ އަތުން ނާޖާއިޒު މަންފާ ހޯދަމުން އަންނަކަމަށް ތުހުމަތުކޮށްފައެވެ.

މި މައްސަލައިގައި ޝަމްއާންގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ޖެހީ މިދިޔަ މަހުގެ 22ގައެވެ. އެ މުއްދަތު ހަމަވުމުން، އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރަން މި މަހުގެ ހަވަނަ ދުވަހު ވަނީ ނިންމައިފައެވެ.

comment ކޮމެންޓް