ބަލަނީ 2027 ނިމުމުގެ ކުރިން ޑޮލަރުގެ ރޭޓު 15.45އަށް ވެއްޓޭނެ ކަމަށް: ރައީސް

ރައީސް މުއިއްޒު: ވިދާޅުވީ ބަލަނީ 2027 ނިމުމުގެ ކުރިން ޑޮލަރުގެ ރޭޓު 15.45އަށް ވެއްޓޭނެ ކަމަށް -- ފޮޓޯ/ ރައީސް އޮފީސް

ބަލަނީ ރާއްޖެއަށް ކުރިމަތި ވެފައިވާ ޑޮލަރުގެ މައްސަލަ ހައްލުކުރެވި، ޑޮލަރުގެ އަގު 2027 ނިމުމުގެ ކުރިން 15.42އަށް ދަށްކުރެވޭތޯ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ، "ދެނޯ" ނަމަކަށް ކިޔާ ޕޮޑްކާސްޓެއްގައި ވާހަކަ ދައްކަވަމުންނެވެ. އެމަނިކުފާނު ވިދާޅުވީ، މި ދައުރުގައި ޑޮލަރުގެ މައްސަލައަށް ހައްލެއް ލިބޭނެ ކަމަށެވެ. ނަމަވެސް، އެ މައްސަލަ ހައްލުކުރުމަށް ވަރަށް ގިނަ ފިޔަވަޅުތަކެއް އަޅަން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މި މައްސަލަ ހައްލުކުރުމަށް އެމްއެމްއޭއިން ވަނީ ޑޮލަރު މާރު ކުރުމުގެ ގަވާއިދެއް ވެސް ހަދައިފައެވެ. މި ގަވާއިދުގެ ދަށުން ރިސޯޓުތަކުން ފަތުރުވެރިއަކަށް 500 ޑޮލަރު މާރުކުރަން ޖެހޭނެއެވެ. ނުވަތަ ލިބޭ އާމްދަނީން 20 ޕަސެންޓް މާރުކުރަން ޖެހޭނެއެވެ.

ރައީސް ވިދާޅުވީ، ޑޮލަރު މާރުކުރުމުގެ މަސައްކަތަށް އެންމެން ވެސް އެއްބާރުލުން ދޭކަމަށެވެ. އަދި މި މަސައްކަތް ދަނީ ވަރަށް ރަނގަޅަށް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

"ޑޮލަރު މާރުކުރުމުގެ މަސައްކަތް ރަނގަޅު ހަމަ އެންމެން ވެސް އެއްބާރުލުން ދޭ އެހެންވީމަ އެބޭފުޅުންނަށް ޝުކުރު އަދާކުރަން ޚާއްސަކޮށް ޓޫރިޒަމް އިންޑަސްޓްރީގެ އޯނާސްއަށް، ޕްރައިވެޓް ސެކްޓާ ވެސް ވަރަށް ކޯޕަރޭޓްކުރޭ،"

މި ފިޔަވަޅުތައް ރަނގަޅަށް އެޅި ނަތީޖާ ފެންނަށް ފެނުމުން 2027ގެ ފަހުކޮޅު ޑޮލަރުގެ އަގު 15.45އަށް ވެއްޓޭނެ ކަމަށް ބެލެވޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ޑޮލަރުގެ ކާލު ބާޒާރު ހީނަރުވާކަމުގެ ކޮޅުމަތި ފެންނަން ފަށައިފި ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވެސް އިއްޔެ ވަނީ ވިދާޅުވެފައެވެ. އެގޮތުން، މިއަހަރުގެ ޖަނަވަރީ މަހުން ފެށިގެން މާޗު މަހާ ހަމައަށް 150 މިލިއަން އެމެރިކާ ޑޮލަރު (2.3 ބިލިއަން ރުފިޔާ) ބޭންކުތަކަށް މާރުކޮށްފައި ވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި އެއީ ވަރަށް ބޮޑު ކުރިއެރުމެއްކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ މިއީ ކުރިއާ އަޅާބަލާއިރު އުންމީދު ނުކުރާފަދަ ކުރިއެރުމެއް ކަމަށެވެ.

https://sun.mv/205058

އެމްއެމްއޭއިން ބޭރު ފައިސާއާ ބެހޭ ގަވައިދެއް ތަންފީޒު ކުރަން ފެށީ މިދިޔަ އަހަރުގެ އޮކްޓޯބަރު އެކެއްގައެވެ. އެ ގަވައިދުގެ ދަށުން ރިސޯޓުތަކުން ފަތުރުވެރިއަކަށް 500 ޑޮލަރު މާރުކޮށް، ގެސްޓްހައުސްތަކުން 25 ޑޮލަރު މާރުކުރަން ޖެހެއެވެ.

އެ ގަވައިދު ތަންފީޒު ކުރުމަށް ފަހު، އެކަމާ ބެހޭ ގާނޫނެއް ހެދުމަށް މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ނުވައެއްގައި ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހެޅިއެވެ. ގަވައިދުގައި އޮތީ ރިސޯޓުތަކުން ފަތުރުވެރިއަކަށް 500 ޑޮލަރު މާރުކުރަން ޖެހޭނެ ކަމަށް ނަމަވެސް ބިލުގައި ވަނީ ބޮލަކަށް 500 މާރުކުރަން ނުވަތަ ލިބޭ އާމްދަނީން 20 ޕަސެންޓް މާރުކުރުމުގެ އިޚުތިޔާރު ދީފައެވެ.

އެ ގާނޫނު ފާސްކުރީ އިތުރު ލުއިތަކެއް ދިނުމަށްފަހު ކަމަށްވާއިރު އޭގެ ތެރޭގައި، ރިސޯޓަކަށް މާލީ ދަތިކަމެއް ވާނަމަ، އާމްދަނީގެ 20 ޕަސެންޓަށްވުރެ މަދުން ދައްކަން އެދުމުގެ އިޚުތިޔާރު ދީފައިވެއެވެ. އަދި ގެސްޓްހައުސްތަކުން ފަތުރުވެރިއަކަށް 25 ޑޮލަރު ނުވަތަ އާމްދަނީގެ 20 ޕަސެންޓް މާރުކުރަން ވެސް އިޚުތިޔާރު ދީފައިވެއެވެ.

ރައްޔިތުންގެ މަޖިލީހުން މިދިޔަ ޑިސެމްބަރު މަހުގެ 12ގައި އެ ބިލް ފާސްކުރުމުން، އޭގެ ދެ ދުވަސް ފަހުން ރައީސް ޑރ. މުޙައްމަދު މުއިއްޒު އެ ބިލް ތަސްދީގު ކުރެއްވިއެވެ.

'ރައްޔިތުންނާ އެކު' ނަމުގައި ކޮންމެ ބުރާސްފަތި ދުވަހެއްގައި ގެންނަ ޕޮޑްކާސްޓުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، ޑޮލަރު މާރުކުރަން މަޖުބޫރުވާ ގޮތަށް ހެދި ގަވާއިދާ އެއްގޮތަށް ގިނަ ފަރާތްތަކުން ޑޮލަރު މާރުކުރަމުން އަންނަ ކަމަށެވެ. އެ ގޮތުން، 95 އިންސައްތަ ފަރާތްތަކުން ގަވާއިދާ އެއްގޮތަށް ޑޮލަރު މާރުކުރާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

ކަޅު ބާޒާރުގައި ޑޮލަރުގެ އަގު އިންތިހާއަށް މަތިވެ، ގިނަ ބަޔަކު އަންނަނީ އެކަމާ ޝަކުވާ ކުރަމުންނެވެ. އެގޮތުން، ޑޮލަރުގެ އަގު 18.50 އާއި 18.85 ރުފިޔާއާ ދެމެދުގައި ވެސް މީގެ ކުރިން ހުއްޓެވެ.

މި ސަރުކާރުގެ އަމާޒަކީ ޑޮލަރުގެ ކަޅު ބާޒާރު އުވައިލުމެވެ.

comment ކޮމެންޓް