ޑޮލަރުގެ ކަޅު ބާޒާރު ހީނަރުވުމުގެ ކޮޅުމަތި ފެންނަން ފަށައިފި: ސައީދު

މީހަކު ޑޮލަރުތަކެއް ހިފައިގެން: ޑޮލަރުގެ ކަޅު ބާޒާރު ހީނަރުވުމުގެ ކޮޅުމަތި ފެންނަން ފަށައިފި ކަމަށް މިނިސްޓަރު ސައީދު ވިދާޅުވެއްޖެ --- ސަން ފައިލް ފޮޓޯ

ޑޮލަރުގެ އަގުދަށްވެ ޑޮލަރުގެ ކަޅު ބާޒާރު ހީނަރުވުމުގެ ކޮޅުމަތި ފެންނަން ފަށައިފި ކަމަށް އިގްތިސޯދީ ތަރައްގީއާ ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސައީދު މިއަދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވީ ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުންނެެވެ.

މިނިސްޓަރު ސައީދު ވިދާޅުވީ މިއަހަރުގެ ޖަނަވަރީ މަހުން ފެށިގެން މާޗު މަހާ ހަމައަށް 150 މިލިއަން އެމެރިކާ ޑޮލަރު (2.3 ބިލިއަން ރުފިޔާ) ބޭންކުތަކަށް މާރުކޮށްފައި ވާކަމަށެވެ. އަދި އެއީ ވަރަށް ބޮޑު ކުރިއެރުމެއްކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ މިއީ ކުރިއާ އަޅާބަލާއިރު އުންމީދު ނުކުރާފަދަ ކުރިއެރުމެއް ކަމަށެވެ.

ސައީދު ވިދާޅުވީ މިއީ މީގެ ކުރީން ބޭންކުތަކަށް ޑޮލަރު މާރުކުރާ އަދަދައް ބަލާއިރު 40 އިންސައްތަ އިތުރު އަދަދެއްކަން ރައީސްގެ ޕޮޑްކާސްޓުގައި މީގެ ކުރިން ފާހަކޮށްފައި ވާކަމަށެވެ. ޑޮލަރު މާރުކުރުން ކުރިއަށް ދާކަމަށާއި މިކަން ނުހުއްޓޭކަމަށް ސައީދު ވަނީ ވިދާޅުވެފައެވެ.

"ހަމަ މިއާއެކު އެމްއެމްއޭގެ އާ ގަވާއިދުގެ ދަށުން ޑޮލަރުގެ އަގު އިތުރަށް ދަށްވެ، ކަޅު ފައިސާގެ ބާޒާރު ކުރިއަށްއޮތްތަނުގައި ހީނަރުވެގެން ދާނެ ކަމުގެ ކޮޅުމަތި އަޅުގަނޑުމެންނަށް ފެންނާތީ، އެކަން އެގޮތަށް ލަފާކުރެވޭ ކަމަށް އެމްއެމްއޭއިން ވެސް ވަނީ ވިދާޅުވެފަ އިނގޭތޯ." ސައީދު ވިދާޅުވިއެވެ.

އެމްއެމްއޭއިން ބޭރު ފައިސާއާ ބެހޭ ގަވައިދެއް ތަންފީޒު ކުރަން ފެށީ މިދިޔަ އަހަރުގެ އޮކްޓޯބަރު އެކެއްގައެވެ. އެ ގަވައިދުގެ ދަށުން ރިސޯޓުތަކުން ފަތުރުވެރިއަކަށް 500 ޑޮލަރު މާރުކޮށް، ގެސްޓްހައުސްތަކުން 25 ޑޮލަރު މާރުކުރަން ޖެހެއެވެ.

އެ ގަވައިދު ތަންފީޒު ކުރުމަށް ފަހު، އެކަމާ ބެހޭ ގާނޫނެއް ހެދުމަށް މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ނުވައެއްގައި ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހެޅިއެވެ. ގަވައިދުގައި އޮތީ ރިސޯޓުތަކުން ފަތުރުވެރިއަކަށް 500 ޑޮލަރު މާރުކުރަން ޖެހޭނެ ކަމަށް ނަމަވެސް ބިލުގައި ވަނީ ބޮލަކަށް 500 މާރުކުރަން ނުވަތަ ލިބޭ އާމްދަނީން 20 ޕަސެންޓް މާރުކުރުމުގެ އިޚުތިޔާރު ދީފައެވެ.

އެ ގާނޫނު ފާސްކުރީ އިތުރު ލުއިތަކެއް ދިނުމަށްފަހު ކަމަށްވާއިރު އޭގެ ތެރޭގައި، ރިސޯޓަކަށް މާލީ ދަތިކަމެއް ވާނަމަ، އާމްދަނީގެ 20 ޕަސެންޓަށްވުރެ މަދުން ދައްކަން އެދުމުގެ އިޚުތިޔާރު ދީފައިވެއެވެ. އަދި ގެސްޓްހައުސްތަކުން ފަތުރުވެރިއަކަށް 25 ޑޮލަރު ނުވަތަ އާމްދަނީގެ 20 ޕަސެންޓް މާރުކުރަން ވެސް އިޚުތިޔާރު ދީފައިވެއެވެ.

ރައްޔިތުންގެ މަޖިލީހުން މިދިޔަ ޑިސެމްބަރު މަހުގެ 12ގައި އެ ބިލް ފާސްކުރުމުން، އޭގެ ދެ ދުވަސް ފަހުން ރައީސް ޑރ. މުޙައްމަދު މުއިއްޒު އެ ބިލް ތަސްދީގު ކުރެއްވިއެވެ.

'ރައްޔިތުންނާ އެކު' ނަމުގައި ކޮންމެ ބުރާސްފަތި ދުވަހެއްގައި ގެންނަ ޕޮޑްކާސްޓުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، ޑޮލަރު މާރުކުރަން މަޖުބޫރުވާ ގޮތަށް ހެދި ގަވާއިދާ އެއްގޮތަށް ގިނަ ފަރާތްތަކުން ޑޮލަރު މާރުކުރަމުން އަންނަ ކަމަށެވެ. އެ ގޮތުން، 95 އިންސައްތަ ފަރާތްތަކުން ގަވާއިދާ އެއްގޮތަށް ޑޮލަރު މާރުކުރާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

މި ގަވާއިދުގެ ސަބަބުން ފަތުރުވެރިކަމުގެ ދާއިރާ ފުޅާވެ އެ ދާއިރާއިން ލިބޭ އާމްދަނީ ކުރިއަށްވުރެ އިތުރުވެ، އޭގެ މަންފާ ރައްޔިތުންނަށް ކުރަނެ ަކމަށް ރައީސް ވަނި މީގެކުރިން ވިދާޅުވިއެވެ.

އަދި މި ގަވާއިދާއެއްގޮތަށް ޑޮލަރު މާރުކުރާ ނަމަ ރާއްޖޭން ބޭރަށް ފުރާ ދިވެހީންނަށް މިހާރު ބޭންކު ރޭޓުގައި ދޫކުރާ 500 ޑޮލަރުގެ ބަދަލުގައި އެ އަދަދު 1000 ޑޮލަރަށްވުރެ އިތުރުކުރުމާއި، ކްރެޑިޓް ކާޑުގެ ލިމިޓް ދެގުނައަށް ބޮޑުކޮށްދެއްވުމާއި، ޓީޓީ ހެދުމަށް އިތުރަށް ފުރުޞަތު ފުޅާކޮށްދެއްވާނެ ކަމަށް އެ މަނިކުފާނު އޮތީ އިއުލާނުކުރައްވައިފައެވެ.

comment ކޮމެންޓް