އިހުސާނާ ސުވާލު ކުރުމަށް މާދަމާ މަޖިލީހަށް ހާޒިރު ކުރަނީ

ހޯމް މިނިސްޓަރު އަލީ އިހުސާން: އިހުސާނާ ސުވާލުކުރުމަށް މާދަމާ މަޖިލީހަށް ހާޒިރުކުރަނީ -- ފޮޓޯ/ މަޖިލިސް

މިނިސްޓާ އޮފް ހޯމްލޭންޑް އެންޑް ޓެކްނޮލޮޖީ އަލީ އިހުސާނު މާދަމާގެ މަޖިލީހުގެ ޖަލްސާއަށް ހާޒިރުކުރަން އެޖެންޑާ ކޮށްފިއެވެ.

އިހުސާނު މަޖިލީހަށް ހާޒިރު ކުރަނީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކައީލް އަހްމަދު ނަސީމް ކުރައްވާ ދެ ދުވާލަކަށް ޖަވާބުދާރީ ވުމަށެވެ. އެއީ:

  • އެ މިނިސްޓްރީގެ ދަށުން ހިންގާ ޑިޕާޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު)ގެ ޑޭޓާބޭސް ބޭނުންކޮށްގެން ޕީއެންސީއަށް މީހުން ވެއްދުމަށް ފޯމު ފުރާފައިވާ މައްސަލަ ފެންމަތިވެފައި ވާއިރު، މީހުންގެ ޒާތީ މައުލޫމާތު ހާމަކުރަން އަޅަނީ ކޮން ފިޔަވަޅެއްތޯ ސުވާލުކުރުން. އަދި ސައްހަ ނޫން ފޯމުގައި ސޮއިކޮށްފައިވާ މިނިސްޓްރީގެ އިސްވެރިންނާ މެދު އެއްވެސް ފިޔަވަޅެއް އަޅާތޯ ސުވާލުކުރުން.
  • އަދަދު ނޫހުގެ ސީއީއޯ ހުސައިން ފިޔާޒަށް ރައީސް ގުޅުއްވައި ބިރުދެއްކެވި މައްސަލައެއް އެ ނޫސްވެރިޔާ ޕޮލިހަށް ހުސަހަޅާފައި ވާއިރު، އޭނާއަށް އިތުރު ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް އަޅާފައި ވަނީ ކޮން ފިޔަވަޅުތަކެއްތޯ ބެލުން.

މާދަމާއަށް ޖަލްސާއެއް އެޖެންޑާކޮށް ވަޒީރު ހާޒިރުކުރަން އެޖެންޑާކޮށްފައި ވަނީ، އެއްވެސް މަގުބޫލު އުޒުރެއް ނެތި މަޖިލީހުގެ ޖަލްސާތައް ކެންސަލް ކުރާކަމުގެ ކަންބޮޑުވުން މެމްބަރުން ފާޅުކޮށްފައި ވަނިކޮށެވެ. އަދި ވަޒީރުން މަޖިލީހަށް ހާޒިރު ކުރުމަށް ވެސް ފުރުސަތު ނުދޭކަމުގެ ކަންބޮޑުވުން ފާޅުކޮށްފައި ވަނިކޮންނެވެ.

ކުރާނެ މަސައްކަތެއް ނެތް ކަމަށް ބުނެ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ވެސް އެޖެންޑާނުކޮށް ނުބާއްވަން ވަނީ ނިންމާފައެވެ.

https://sun.mv/205083

އެންމެ ފަހުން މަޖިލީހުގެ ޖަލްސާއެއް ބޭއްވީ މިދިޔަ ހަފުތާގެ ބުދަ ދުވަހެވެ.

މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން ހަފުތާއަކު ތިން ދުވަހު މަޖިލީހުގެ ޖަލްސާތައް ބާއްވަން ޖެހެއެވެ. އާންމުކޮށް ޖަލްސާތައް ބާއްވަނީ ހޯމަ، އަންގާރަ އަދި ބުދަ ދުވަހެވެ. އެކަމަކު، މި ހަފުތާގައި އަދި އެންމެ ޖަލްސާއެއް ވެސް ބާއްވާފައެއް ނުވެއެވެ. ރަމަޟާން މަހުގެ ފަހު 10ގެ ބަންދާއި، އީދު ބަންދަށް ފަހު މަޖިލީހުގެ މަސައްކަތްތައް ފެށީ މި މަހު ހަތެއްގައެވެ.

މަޖިލީހުގެ ޖަލްސާ މިއަދު ވެސް ކެންސަލްކުރިއިއިރު މަޖިލީހުގެ އިދާރާއިން ރަސްމީ ސަބަބެއް ނާންގައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ވަޒީރުން މަޖިލީހުން ހާޒިރުކުރަން މެންބަރުން އެދުމުން ވެސް އެ ބޭފުޅުން ހާޒިރުނުކުރާތީއާއި ސަބަބެއް ނާންގާ މަޖިލީހުގެ ޖަލްސާތައް ކެންސަލްކުރާތީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް އިއްޔެ ވަނީ ގަރާރެއް ވެސް މަޖިލީހަށް ހުށަހަޅާފައެވެ.

އޭނާ ވަނީ ބައެއް ވަޒީރުންނާ ސުވާލުކުރުން އެޖެންޑާނުކޮށް ލަސްކުރައްވަނީ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ކަމަށް ތުހުމަތުކުރައްވައިފައެވެ. އަދި، އެ މަނިކުފާނު މަގުބޫލު އެއްވެސް ސަބަބެއް ނެތި، މަޖިލީހުން ވަކި ގޮތެއް ވެސް ކަނޑަނާޅައި ޖަލްސާތައް ނުބާއްވާތީ ވެސް އޭނާ ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ.

comment ކޮމެންޓް