40 ހަމަލާ އުފެއްދިޔަސް ބާސާއަށް ޖެހުނީ އެންމެ ލަނޑެއް

ސްޕެނިޝް ލަލީގާގެ އެއްވަނައިގައި އޮތް އެފްސީ ބާސެލޯނާ (ބާސާ)އިން ރެއާލް މަޔޯކާ ބަލިކޮށް، ލީޑު ފުޅާކޮށްފިއެވެ.

ބާސާގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބުކޮށްފައިވަނީ 1-0 އިންނެވެ.

ލަލީގާގައި މި ސީޒަންގައި ޓީމަކުން އެންމެ ގިނަ ހަމަލާ އުފެއްދި މި މެޗުގައި ބާސާއިން ވަނީ ނުރައްކާތެރި ގިނަ ހަމަލާތަކެއް އުފައްދާފައެވެ. ބާސާއިން މުޅިއަކު 40 ހަމަލާ އުފައްދާފައިވެއެވެ. މިއީ މި ސީޒަންގައި ލަލީގާގެ ރިކޯޑެކެވެ. މީގެެ ރެއިން 24 ހަމަލާ ފުރަތަމަ ހާފުގައި އުފެއްދި ނަމަވެސް މަޔޯކާގެ ޑިފެންސް އެ ޓީމަށް ފުރަތަމަ ހާފުގައި ފޫއަޅުވާލެވޭގޮތެއް ނުވިއެވެ. އެއަށްވުރެ މަޔޯކާގެ ޑިފެންސާއި ކީޕަރު ލެއޯ ރޯމަން ފެނުނީ ހުޝިޔާރު ކޮށެވެ.

ރޯމަން ވަނީ ލަމީން ޔަމާލާއި ފެރާން ޓޯރޭޒްގެ ގިނަ ހަމަލާތަކެއް ފުރަތަމަ ހާފުގައި ދިފާއުކޮށްފައެވެ. އެ ހާފުގައި މަޔޯކާގެ ކީޕަރާއި ޑިފެންޑަރުންވަނީ 15 ސިކުންތުގެ ތެރޭގައި ބާސާއިން ފޮނުވާލި ހަތަރު ހަމަލާއެއް ދިފާއުކޮށްފައެވެ.

މަޔޯކާއަށް މެޗުގައި ބާސާގެ ގޯލަށް އަމާޒުކޮށް ހަމަލާއެއް ފޮނުވާނުލެވުނު ނަމަވެސް ފުރަތަމަ ހާފުގައި ނުރައްކާތެރި ތިން ހަމަލާއެއް އުފެއްދުމަށް މަސައްކަތް ކޮށްފައިވެއެވެ.

މެޗުގައި ބާސާއިން ކާމިޔާބުކުރި ހަމައެކަނި ލަނޑު ދެވަނަ ހާފުގެ ކުޅުން ފެށިތާ 14 ސިކުންތުގެ ތެރޭގައި ކާމިޔާބުކޮށްދީފައިވަނީ ޑެނީ އަލްމޯއެވެ. މެޗުގައި އިތުރު ލަނޑެއް ނުފެނުނު ނަމަވެސް ލަނޑު ޖަހާނެ އިތުރު ފުރުސަތު ބާސާއަށް ލިބުނެވެ.

މެޗަށް ބާސާގެ ކޯޗު ހާންސީ ފްލިކް ޓީމު ނެރެފައިވަނީ އަންނަ ހޮނިހިރު ދުވަހު ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅެން ހަމަޖެހިވައިވާ ކޮޕާ ޑެލް ރޭގެ ފައިނަލް މެޗު ވިސްނަމުންނެވެ. މިގޮތުން، މެޗަށް ހަތް ބަދަލެއް ބާސާ ޓީމަށް ގެނެސްފައިވެއެވެ.

މި ކާމިޔާބީއާ އެކު ބާސާއަށް މިޙާރުވަނީ 33 މެޗުން 76 ޕޮއިންޓްގެ ލިބިފައެވެ. ދެވަނައިގައި 69 ޕޮއިންޓާ އެކު އުޅޭ އެންމެ ފަހުގެ ޗެމްޕިއަން ރެއާލާ ދެމެދު ހަތް ޕޮއިންޓްގެ ތަފާތެއް އެބަހުއްޓެވެ. އަދި، މިރޭ ރެއާލާއި ގެޓާފޭ ބައްދަލުކުރާ މެޗު ރެއާލަށް ކާމިޔާބު ކުރެވިއްޖެނަމަ މި ފަރަގު ހަތަރު ޕޮއިންޓަށް ކުޑަކުރުމުގެ ފުރުސަތު ލިބޭނެއެވެ.

މެޗުން ބަލިވި މަޔޯކާ އޮތީ 44 ޕޮއިންޓާ އެކު ހަތްވަނައިގައެވެ.

މި މުބާރާތުގައި ވެލެންސިއާއާއި އެސްޕަންޔޯލް ބައްދަލުކުރި މެޗު 1-1 އިންވީ އެއްވަރެވެ.

comment ކޮމެންޓް