ޝަމްއާނާ ގުޅުން ރަނގަޅު، ނަމަވެސް ގާނޫނާ ފުށުއަރާ ހިސާބުން އެ މީހަކަށް ފިޔަވަޅު އަޅާނެ: އިހުސާން

ހޯމް މިނިސްޓަރު އިހުސާނާއި އިމިގްރޭޝަންގެ ކޮންޓްރޯލަރުކަމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދު: މިނިސްޓަރު ވިދާޅުވީ ޝަމްއާނާ ގުޅުން ރަނގަޅު ކަމަށް -- ފޮޓޯ/ އިމިގްރޭޝަން

ކޮރަޕްޝަންގެ ތުހުމަތުގައި މޯލްޑިވްސް އިމިގްރޭޝަންގެ ކޮންޓްރޯލަރުކަމުން ވަކިކޮށް, ޝަރީއަތް ނިމެންދެން ޖަލުގައި ބަންދުކޮށްފައި ހުރި, މުހައްމަދު ޝަމްއާން ވަހީދާއެކު މަސައްކަތް ކުރެއްވިއިރު ދެބޭފުޅުންގެ ގުޅުން ރަނގަޅު ކަމަށާއި، ނަމަވެސް ގާނޫނާ ފުށުއަރާ ހިސާބުން މި ސަރުކާރުން ކޮންމެ މީހަކަށް ވެސް ފިޔަވަޅު އަޅާނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އިހުސާން އެފަދައިން ވިދާޅުވީ މިއަދު ރައްޔިތުންގެ މަޖިލީހަށް ހާޒިރުވެވަޑައިގެން މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.

ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. މުހައްމަދު ޝަމްހީދު ވަނީ، ރަށުތެރޭގައި ޝަމްއާންއާއި މިނިސްޓަރު އިހުސާނާ ދެމެދު އޮތް ގުޅުން ގޯސްވެފައިވާ ކަމަށް ވާހަކަދެކެވޭކަމަށް ވިދާޅުވެ އެކަމާ ގުޅޭގޮތުން ސުވާލުކުރައްވައިފައެވެ.

އެ ސުވާލަށް ޖަވާބުދެއްވައި އިހުސާން ވިދާޅުވީ ކުރީގެ އިމިގްރޭޝަން ކޮންޓްރޯލާ މަސައްކަތްކުރި މާހައުލުގެ ގޮތުން ދެމީހުންގެ ގުޅުން ވެސް ވަރަށް ރަނގަޅުކަމަށެވެ.

"އެނގިވަޑަިއގަންނަވާނެ ސިޔާސަތުތައް ތަންފީޒުކުރުމުގަ އަޅުގަނޑުމެން ދެމީހުން މަސައްކަތް ކުރީ އެއްކޮށް، ވަރަށް ރަނގަޅަށް،" އިހުސާން ވިދާޅުވިއެވެ.

ހޯމް މިނިސްޓަރު އަލީ އިހުސާން މަޖިލީހުގައި -- ފޮޓޯ/ މަޖިލިސް

އެހެންނަމަވެސް އަދުގެ ސަރުކާރުގައި އެއްވެސް ގާނޫނަކާ ތައާރުޒުވާ ހިސާބުން އެ ބޭފުޅަކަށް އިސްތިސްނާ ހާލަތެއް ނުދޭނެ ކަމަށާއި، އެކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ގެންދަވަނީ ސާބިތުކަމާއެކު ދައްކަވަމުން ކަމަށް އިހުސާން ވިދާޅުވިއެވެ.

"އެހެންވީމަ ގާނޫނު އެ މީހަކާ ފުށުއަރާ ހިސާބުން އެ އަޅަންޖެހޭ ފިޔަވަޅުތައް ދައުލަތުގެ އިދާރާއަކުން އަޅާނެ. އެއީ އަޅުގަނޑު ވިޔަސް އިނގޭތޯ. އަދި މަނިކުފާނުމެން [މެންބަރުން] ވިޔަސް. އެއީ އެކަން އޮންނާނެ ގޮތް،" އިހުސާން ވިދާޅުވިއެވެ.

ޝަމްއާން ހައްޔަރުކުރީ އިމިގްރޭޝަންގެ ބައެއް މުވައްޒަފުން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބިދޭސީންގެ އަތުން ނާޖާއިޒު މަންފާ ހޯދަމުން އަންނަކަމަށް ތުހުމަތުކޮށްފައެވެ.

ޝައްމާންގެ މައްސަަލައިގައި ގިނަ ބަޔަކު ދަނީ އޭނާގެ މައްޗަށް ކުރާ ތުހުމަތުތަކަކީ ދޮގު ތުހުމަތުތަކެއް ކަމަށް ބުނަމުންނެވެ. އަދި އެއީ މިނިސްޓަރު އިހުސާނާ ދެމެދު އޮތް ގުޅުން ގޯސްވުމުގެ ނަތީޖާ ކަމަށް ވެސް ރަށު ތެރޭގައި ވާހަކަ ދެކެވެމުންދެއެވެ.

މި މައްސަލައިގައި ޝަމްއާންގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ޖެހީ މިދިޔަ މަހުގެ 22ގައެވެ. އެ މުއްދަތު ހަމަވުމުން، އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރަން މި މަހުގެ ހަވަނަ ދުވަހު ވަނީ ނިންމައިފައެވެ.

ކުރީގެ ކޮންޓްރޯލާ ޖެނެރަލް ޝަމްއާން ވަހީދު -- ފޮޓޯ/ އިމިގްރޭޝަން

ޝަރީއަތް ނިމެންދެން ޝަމްއާން ބަންދުކުރުމަށް ކުރި އަމުރު އޭނާވަނީ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައެވެ.

އެ މައްސަލައިގައި ހޯމަ ދުވަހު އަޑުއެހުމެއް ބާއްވާފައިވެއެވެ. ނަމަވެސް އެ ކޯޓުން އިއްޔެއަށް ތާވަލުކުރި ޝަމްއާންގެ އަޑުއެހުން ވަނީ ކެންސަލްކޮށްފައެވެ. ހައި ކޯޓުން ބުނީ މިއަދަށް އެ މައްސަލަ ތާވަލުކުރާ ކަމަށެވެ.

ޝަމްއާންގެ ވަކީލު ނޫރުއްސަލާމް ވިދާޅުވީ ޝަމްއާން، ޝަރީއަތް ނިމެންދެން ބަންކޮށް، އަމަލު ކުރަނީ ދުވަހަކު ވެސް އެފަދަ މައްސަލަތަކުގައި އަމަލުކުރާ ގޮތަށް ނޫންކަމަށެވެ. އޭނާ ވިދާޅުވީ 15 ދުވަހަށް ޝަމްއާން ބަންދުކޮށް އެ މުއްދަތު އިތުރު ކޮށްފައި ވެސް ވަނީ ކޮރަޕްޝަންގެ ތުހުމަތުގައި ކަމަށެވެ. ނަމަވެސް، މި މަރުހަލާ ފުލުހުން ކުރިއަށް ގެންގޮސްފައި ވަނީ, އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ އެއްވެސް ބައިވެރިވުމެއް ނެތިކަން އޭނާ ފާހަގަކުރެއްވިއެވެ.

އޭނާ ވިދާޅުވީ މިއީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ލާޒިމުކޮށްފައިވާ ތަހުގީގީ ދެ އިދާރާއެއްގެ އިހުތިޞާސް ހިނގާ މައްސަލަ ތަކުގައި ހާއްސަ އިހުތިޞާސީ އިދާރާއާ އެ މައްސަލައެއް ތަހުގީގު ކުރުން ނުވަތަ ޖޮއިންޓް އިންވެސްޓިގޭޝަން އެއް ހިންގުމުގެ އުސޫލާ ޚިލާފަށް ނެރެފައިވާ އަމުރެއް ކަމަށެވެ.

އަދި، މި މައްސަލައިގައި ކޯޓަށް ގޮސްފައި ވަނީ އޭސީސީގެ ބައިވެރިވުމެއް ނެތި ކަން އޭނާ ފާހަގަކުރައްވާފައި ވެއެވެ

އިމިގްރޭޝަންގެ ބައެއް މުވައްޒަފުން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބިދޭސީންގެ އަތުން ނާޖާއިޒް މަންފާ ހޯދި މައްސަލައިގައި ހައްޔަރުކުރި މީހުން -- ފޮޓޯ/ ފުލުހުން .

ޝަމްއާނުގެ މައްޗަށް ކުރެވޭ ކޮރަޕްޝަންގެ ތުހުމަތަށް ބާރުދޭ ކަންތައްތަކެއް ފުލުުހުން އިމިގްރޭޝަންގެ މުވައްޒަފުންތަކެއްގެ މައްޗަށް ހިންގާ ތަހުގީގުގައި ފެނިފައިވާކަން ފުލުހުން ވަނީ މީގެ ކުރިން ހާމަކޮށްފައެވެ.

މި މައްސަލައިގެ ތުހުމަތުގައި ޝަމްއާނުގެ އިތުރުން، އިތުރު ހަތަރު މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އެއީ:

  • މުޙައްމަދު އަލްސަން އިސްމާއިލް، 21 އަހަރު، މޫނިމާގެ، ތ. ބުރުނި
  • އިބްރާހިމް އަޙްމަދު، 37 އަހަރު، ގ. ހެޕީސައިޑް
  • ހަސަން ސަހެޝާން، 47 އަހަރު، ގ. ހެޕީސައިޑް
  • އަހްމަދު ލައްސާނު، 40 އަހަރު، މ. ހަޒާރީވިލާ

ޝަމްއާންގެ ގެއިން ބައިމިލިއަނެއްހައި ނަގުދު ފައިސާ ފެނިފައިވެއެވެ. ފުލުހުން ބުނެފައިވާ ގޮތުގައި، އެ ފައިސާއަކީ އޭނާގެ އަމުރަށް ޑިޓެންޝަނުން މިނިވަންކުރި ބިދޭސީއެއްގެ އަތުގައި ހުރި ފައިސާއެވެ. އެ މައްސަލައިގައި އޭނާގެ އަނބިކަނބަލުންގެ ފޯނު ވެސް ފުލުހުން ކޯޓު އަމުރެއްގެ ދަށުން ހިފަހައްޓާފައިވެއެވެ.

ކޮރަޕްޝަނުގެ ތުހުމަތު ކުރެވުމުން ޝަމްއާން މަގާމުން ވަކިކޮށް، އިމިގްރޭޝަން ކޮންޓްރޯލަރުގެ މަގާމަށް ކުރީގެ ޕޮލިސް ކޮމިޝަނަރު އަޙުމަދު ފަސީހު ވަނީ އައްޔަން ކުރައްވައިފައެވެ.

comment ކޮމެންޓް