ސިޔާސީ ޕާޓީއަށް މީހަކު ވަންނަން ފޯމު ފުރުމަށް ފަހު، ސޮއިކުރަން ޖެހެނީ ކޮންމެހެން ހެކިވެރިޔާގެ ކުރިމަތީގައި ނޫން ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެއެވެ.
ޑިޕާޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރް)ގެ މައުލޫމާތު ބޭނުންކޮށްގެން ޕީއެންސީއަށް ވަގަށް މެންބަރުން ވައްދަން މަސައްކަތް ކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް މިދިޔަ އަހަރުގެ ފަހުކޮޅު ފެންމަތިވިއެވެ.
އެ މައްސަލައާ ގުޅިގެން މިއަދުގެ ރައްޔިތުންގެ މަޖިލީހުގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވައި މިނިސްޓަރު އިހުސާން ވިދާޅުވީ, ޕާޓީއަށް މީހުން ވައްދާ ފޯމު ފުރާއިރު ކޮންމެހެން އެތަނުގައި ހެކިވެރިޔާ ހާޒިރުވެ ހުންނަން ނުޖެހޭ ކަމަށެވެ. އަދި، ޕީއެންސީގެ ފޯމުތައް ބަލައިފިނަމަ އެކަން ސާފުވާނެ ކަމަށް ވިދާޅުވިއެވެ.
"އެ ފޯމު ބައްލަވައިލައްވައިފިއްޔާ [އެނގޭނެ] ފޯމުގެ ހެކިވެރިިޔާ މި ސޮއިކުރަނީ. ތިމަންނާ އެބަ ހެކިވަމޭ މީގައި މިހުރި މައުލޫމާތަށް. އެ މައުލޫމާތަށް އޭނާ ހެކިވަންޏާ އެ މީހާ އެތަނުގައި ހުންނާކަށް ނުޖެހޭ. އެހެންވީމާ މިއޮތީ ވަރަށް ބޮޑަށް އޮޅުމެއް،" އިހުސާން ވިދާޅުވިއެވެ.
ޕީއެންސީގެ މެމްބަޝިޕް އިތުރުކުރުމުގެ ގޮތުން ވަގު ފޯމެއްގައި ޑީއެންއާރްގެ މުވައްޒަފަކު ސޮއިކޮށްފައި އޮތް ނަމަ، އެ މުވައްޒަފަކާ ދޭތެރޭ ފިޔަވަޅު އަޅުއްވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ. އެގޮތުން، މިއަދާ ހަމައަށް ވެސް ދައުލަތުގެ އެއްވެސް އިދާރާއަކުން މިނިސްޓްރީގެ އިސްވެރިއަކު ސައްހަ ނޫން ފޯމެއްގައި ސޮއިކުރި މައްސަލައެއް ފާހަގަކޮށްފައި ނެތް ކަމަށެވެ.
"އެކަން އަޅުގަނޑުމެންނަށް އަންގާ ދުވަހަކީ އެއީ ކޮންމެ މުވައްޒަފަކަށް ވިޔަސް އިސްތިސްނާއެއް ނުކޮށް އެ މުވައްޒަފަކާ ދޭތެރޭ އަޅުގަނޑުމެން ފިޔަވަޅު އަޅާނެ ދުވަސް،" އިހުސާން ވިދާޅުވިއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ޕީއެންސީން ވެސް ވަނީ ސައްހަކަން ކަށަވަރުނުވާ ބައެއް ފޯމު ފުރުނު ކަމަށް އެއްބަސްވެފައެވެ. އެކަމަކު، އެއީ ގަސްތުގައި ކުރި ކަމެއް ނޫން ކަމަށް އެ ޕާޓީން އޭރު ބުންޏެވެ.
އަދި މީގެކުރިން އެ މައްސަލައިގެ ވާހަކަ މަޖިލީހުގައި ދައްކަވަމުން އިހުސާން ވަނީ މިނިސްޓްރީގެ މުވައްޒަފުން ވެސް ފޯމު ފުރުމުގެ ހަރަކާތުގައި ޑީއެންއާރު ތެރޭގައި ތިއްބެވި ކަމަށް ވިދާޅުވެފައެވެ. އަދި ޑީއެންއާރު ތެރޭގައި ދެން ސިޔާސީ މަސައްކަތް ނުކުރުމަށް އަންގާފައިވާނެ ކަމަށް ވެސް އިހުސާން އޭރު ވިދާޅުވިއެވެ.
ޑީއެންއާރުގައި ހުރި އޮފީހެއް ތެރޭ ޕީއެންސީއަށް ފޯމު ފުރާ މައްސަލައާ ގުޅިގެން އެ ތަނުގައި މިނިސްޓަރު އިހުސާން ވެސް ހުންނަވާތަން ފެންނަ ފޮޓޯތަކެއް މީސްމީޑިއާގައި ވަނީ ލީކުކޮށްލާފައެވެ. އެކަމަކު، އިހުސާން މީގެ ކުރިން ވެސް ވިދާޅުވި ފަދައިން މިއަދު ވެސް ވިދާޅުވީ އެ ތަނަށް ވަޑައިގަތީ ޕިއްޒާ ކާން ކަމަށެވެ.
ވަގު ފޯމު ފުރާ މައްސަލަ ބޮޑުވެފައި އޮއްވައި ވައިކަރަދޫ ދާއިރާގެ އެމްޑީޕީ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ)އަށް ނޭނގި އޭނާ ޕީއެންސީއަށް ވައްދާފައި އޮތް މައްސަލައެއް ވެސް ފެންމަތިވިއެވެ. އިލެކްޝަންސް ކޮމިޝަން (އީސީ)ން ވަނީ އެއީ ޒިޔާދަށް ނޭނގި ފުރި ފޯމެއް ކަމަށް ނިންމައި، އޭނާ އަލުން އެމްޑީޕީގެ ދަފުތަރުގައި ހިމަނާފައެވެ.
ވަގު ފޯމުތަކުގެ މައްސަލަ ބޮޑުވެ، އީސީން ވަނީ އީފާސް މެދުވެރިކޮށް ކޮންމެ މީހަކަށް ވެސް އަމިއްލައަށް އެކަނި ސިޔާސީ ޕާޓީތަކަށް ވަދެވޭ ގޮތަށް އުސޫލު ބަދަލުކޮށްފައެވެ.
މި މައްސަލައިގައި އެމްޑީޕީގެ 12 މެންބަރުންގެ ސޮޔާއެކު އިހުސާންގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ވެއްދީ އޭނާ ގާނުނުތަކާ ޚިލާފުވެވަޑައިގެންފައިވާ ކަމަށް ބުނެއެވެ. އެއީ، ޖަނަވަރީ 17 ވަނަ ދުވަހެވެ. ނަމަވެސް ޕީއެންސީގެ ސުޕަމެޖޯރިޓީން އެ މައްސަލަ ވަނީ ބޭރުކޮށްލައިފައެވެ.