ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މި ސަރުކާރުގެ އެންމެ ނުފޫޒުގަދަ އެއް މިނިސްޓަރު، ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ހާޒިރުކުރިއެވެ. އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ މެންބަރުން އޭނާއާ ތަފާތު އެކި ސުވާލުތައް ކުރެއްވިއެވެ. އެންމެ ގިނައިން ކުރެއްވި އެއް ސުވާލަކީ ވެރިކަން ކުރާ ޕީއެންސީއަށް 'ވަގު ފޯމު'ތަކެއް ފުރި ކަމަށް ކުރާ ތުހުމަތާ ގުޅޭ ސުވާލެވެ.
އެ ތުހުމަތުތަކަށް ޖަވާބުދެއްވަމުން އިހުސާން ވަނީ ނުފޫޒުގެ ބޭނުންކޮށްގެން އެ ކަން ނުކުރާ ކަމަށް ތަކުރާރުކޮށް ވިދާޅުވެފައެވެ. އެކަމަކު، ޕާޓީއަށް ވަންނަ މީހާ ފޯމުގައި ސޮއިކުރާއިރު ހެކިވެރިޔާ އެ ތަނުގައި ހުންނަން ނުޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވިޔަސް އެއީ އެކަން އޮތްގޮތް ނޫންކަން ޕީއެންސީގެ ރަސްމީ ވެބްސައިޓުން ވެސް ލިބެން ހުރި އެ ފޯމުން އެނގެއެވެ.
"އަދި އެއް ފަހަރު ހަމަ އަޅުގަނޑު ތިބޭފުޅުންނަށް ދަންނަވައިދެއްވާނަން. އެ ފޯމު ބައްލަވައިލައްވައިފިއްޔާ، ފޯމުގައި ހެކިވެރިޔާ މި ސޮއިކުރަނީ ތިމަންނާ ހެކިވަމޭ މީގައި މި ހުރި މައުލޫމާތަށް. މި މައުލޫމާތަށް ހެކިވަންޏާ ކޮންމެހެން އެ މީހާ އެ ތަނުގައި ކުރިމަތީ ހުންނާކަށް ނުޖެހޭ،" ވަރަށް ސާފުކޮށް އިހުސާން ވިދާޅުވިއެވެ.
"މި އޮތީ ވަރަށް ބޮޑު އޮޅުމެއް.. ސިޔާސީ ޕާޓީތައް ހަދައިގެން މީހުން ވައްދާތާ އެތައް ދުވަހެއްވީއިރު ވެސް މިކަން ކުރާގޮތް ނޭނގި މި އޮތީ،"
އޭނާ އެ ފަދައިން ވިދާޅުވީ، ޕީއެންސީގެ ފޯމުތަކުގައި ހެކިވެރިންގެ ގޮތުގައި ސޮއިކުރި މީހުން ސޮއިކޮށްފައިވަނީ ޕާޓީއަށް ސޮއިކުރި މީހާގެ އިނގިލީގެ ނިޝާނާއި، ނަމާއި، މައުލޫމާތު ފޯމުގައި ނެތީސް ކަމަށް މިނިސްޓަރު މީގެ ކުރިން މަޖިލީހުގައި ވިދާޅުވެފައިވާ ކަމަށް ވައިކަރަދޫ ދާއިރާގެ އެމްޑީޕީއަށް ނިސްބަތްވާ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ) ސުވާލުކުރެއްވުމުންނެވެ.
"އަޅުގަނޑު އެދެން އިއްޒަތްތެރި މެންބަރަށް އެ ފޯމު ބައްލަވާފައި އެ ކަން ހިނގާގޮތް ސާފުކޮށްލަން. އަޅުގަނޑު ވަރަށް ރަނގަޅަށް ސާފުކޮށްގެން މިއައީ. ކޮންމެހެން ހެކިވެރިޔާ ހުންނާކަށް ނުޖެހޭ ފޯމު ނިސްބަތްވާ މީހާގެ ކުރިމަތީގައި،" ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު އިހުސާން ތަކުރާރުކުރެއްވިއެވެ.
އެކަމަކު، ޕީއެންސީއަށް ވަންނަން ފުރާ ފޯމުގައި އޮތީ އެހެންނެއް ނޫނެވެ.

ޕީއެންސީއަށް މެންބަރުން އިތުރުކުރާ ފޯމުގައި ހެކިވެރިޔާގެ ބައި އޮތްގޮތް: ހެކިވެރިންގެ ގޮތުގައި ސޮއިކުރަން ޖެހެނީ ފޯމު ފުރިއިރު ހާޒިރުގައި ތިބި މީހުން --
ޕީއެންސީގެ ރަސްމީ ވެބްސައިޓުގައިވާ އެ ޕާޓީއަށް ވަންނަން އެދޭ ފޯމުގައި ހެކިވެރިޔާގެ ބައިގައި އޮތީ މިހެންނެވެ. "މި ފޯމުގައި ސިޔާސީ ޕާޓީގެ މެންބަރަކަށް ވުމަށް އެދި ސޮއިކޮށްފައި އެވަނީ އަހުރެމެންގެ ހާޒިރުގައެވެ. އަދި އޭނާ ދީފައިވަނީ ތެދު މައުލޫމާތު ކަމަށް އަހުރެމެން ހެކިވަމެވެވެ."
އެހެންވެ، އެ ފޯމު ފުރާއިރުގައި ހާޒިރުގައި ހެކިވެރިޔާ ހުންނަން ޖެހެއެވެ. އެކަން އޮތީ މިނިސްޓަރު ވިދާޅުވި ގޮތަކަށް ނޫނެވެ. ސޮއިކުރާއިރު އެ ތަނުގައި ހުންނަން ނުޖެހި، ފޯމުގެ ސައްހަކަމާ މެދު ހެކިވާ ކަމަށް އެކަނި ސޮއިކުރަނީ ޕާޓީގެ ފަރާތުންނެވެ. އެއީ، ހެކިވެރިންނެއް ނޫނެވެ. ފަހަރުގައި ހެކިވެރިޔާއާއި ޕާޓީގެ ފަރާތުން ސޮއިކުރާ ބައި މިނިސްޓަރަށް އޮޅިވަޑައިގަތީ ކަމަށް ވެދާނެއެވެ.
ބައެއް މީހުންނަށް ނޭނގި ޕީއެންސީއަށް ވައްދާފައި އޮތްކަމުގެ މައްސަލަ މިދިޔަ އަހަރު ފެންމަތިވިއެވެ. މެންބަރު ޒިޔާދު ވެސް އެ ގޮތަށް ޕީއެންސީއަށް ވެއްދިއެވެ. އެ މައްސަލަ ބޮޑުވެ، ފާޑިކިޔުން މާ ބޮޑަށް އަމާޒުވުމުން ޕީއެންސީން ވަނީ ސައްހަކަން ކަށަވަރުނުވާ ބައެއް ފޯމުތައް ފުރުނު ކަމަށް އެއްބަސްވެފައެވެ. އެކަމަކު، އެއީ ގަސްތުގައި އެނގި ތިބެ ކޮށްފައިވާ ކަމެއް ނޫން ކަމަށް ޕީއެންސީން އޭރު ބުންޏެވެ.
އެ ފަދައިން ވެރިފަރާތަށް 'ނޭނގި' ފުރި ފޯމުތަކުގައި ވެސް ހެކިވެރިޔާގެ ބައި އޮތީ ޕީއެންސީގެ ވެބްސައިޓުގައިވާ ފޯމުގައި އޮތް ގޮތަށެވެ. ހެކިވެރިން ސޮއިކުރީ ހަމައެކަނި މައުލޫމާތުގެ ތެދުކަމަކަށް ނޫނެވެ. ފޯމު ފުރިއިރު އެ ތަނުގައި ހުރި ކަމަށް ވެސް ހެކިވެރިން ވަނީ ސޮއިކޮށްފައެވެ.
އެ މައްސަލަ ބޮޑުވެ، ހެކިވެރިންގެ ގޮތުގައި ސޮއިކުރި މީހުންނާ ދެކޮޅަށް ދައުވާކުރަން ވެސް އިދިކޮޅު ފަރާތްތަކުން ގޮވައިލިއެވެ.
މަޖިލީހުގައި އިހުސާން ދެއްކެވި ވާހަކަފުޅާއި ފޯމުގައި އޮތް އެއްޗެއް ދިމާނުވާއިރު، ގާނޫނުއަސާސީގެ ތިންވަނަ ބާބުގެ 98 ވަނަ މާއްދާގެ ހ. ގައި ބުނެފައިވަނީ "ވަޒީރުންގެ މަޖިލީހުގެ މެންބަރަކު ނުވަތަ ސަރުކާރުގެ އެހެން ވެސް މަޤާމެއްގައި ހުރި މީހަކު ރައްޔިތުންގެ މަޖިލީހަށް ހާޒިރުވުމަށާއި، އެ މީހަކު އަދާކުރާންޖެހޭ ޒިންމާއާއި މަސްއޫލިއްޔަތާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ގޮތެއްގެމަތީން، އެ މީހަކާކުރެވޭ ސުވާލުތަކަށް ތެދުބަހުން ޖަވާބު ދިނުމަށާއި، އެ މީހަކު އަދާކުރާންޖެހޭ ޒިންމާތަކާއި މަސްއޫލިއްޔަތުތަކާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުން ބޭނުންވާ ކޮންމެ ލިޔުމެއް ހުށަހެޅުމަށް ރައްޔިތުންގެ މަޖިލީހުން އެ މީހަކަށް އެންގިދާނެ،" ކަމަށެވެ.
އެ މާއްދާގެ ނ. ގައި ވަނީ މެންބަރުން ކުރާ ކޮންމެ ސުވާލަކަށް އެ މީހަކަށް އެނގުހުރި އެންމެ ރަނގަޅަކަށް ތެދުބަހުން ޖަވާބު ދޭންވާނެ ކަމަށް ބުނެފައެވެ.
ވަގު ފޯމުތަކުގެ މައްސަލަ ބޮޑުވެ، ފާޑުކިޔުން އަމާޒުވެފައި އޮއްވައި ރައްޔިތުންގެ ޒާތީ މައުލޫމާތު ރައްކާކޮށްފައި ހުންނަ ޑީއެންއާރުގެ އޮފީސް ތެރޭގައި ޕީއެންސީއަށް ފޯމު ފުރާ ފޮޓޯތަކެއް ވެސް ލީކުވިއެވެ. އެ ފޮޓޯތަކުން މިނިސްޓަރު އިހުސާން ވެސް ފެނެއެވެ. އެކަމަކު، އެ ތަނަށް އެ ވަގުތު ދިޔައީ ޕިއްޒާ ކާން ކަމަށް މިނިސްޓަރު ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ.
ޑީއެންއާރުގައި ފޯމު ފުރި ކަމަށް އެ ތަނުގެ ވެރިން ވެސް ވަނީ އެއްބަސްވެފައެވެ. އެކަމަކު، މީހުންގެ ޒާތީ މައުލޫމާތު ނަގާފައި ނުވާނެ ކަމަށް އެ ބޭފުޅުންނާއި މިނިސްޓަރު ވެސް ވިދާޅުވިއެވެ. ވެރިކަމަށް އައިއިރު އެންމެ 3،200 އެއްހައި މެންބަރުން ތިބި ޕީއެންސީގައި މިހާރު 90،000 މެންބަރުން ތިބޭއިރު، ނުފޫޒުން ފޯމު ފުރިނަމަ އެ އަދަދު އެއަށް ވުރެ ވެސް އިތުރުވީސް ކަމަށް އިހުސާން ވިދާޅުވެއެވެ.
އެހެންވެ، ފެކްޓް ޗެކަށް 'ސަން'އިން ހޯދި މައުލޫމާތުން މިނިސްޓަރު އިހުސާން މަޖިލީހުގައި ދެއްކެވީ ހަގީގަތާ ހިލާފު ވާހަކައެއްކަން ސާފުވެއެވެ.