އުމުރުން 21 އަހަރު ހައްވާ ޔުމްނު، ހ. ފެންޓޯނިއާގެއާ ޖެހިގެން ހުރި ގުދަނެއްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮއްވާ ފެނުނު މައްސަލައިގައި ޒިންމާވާން ޖެހޭނީ މީގެ އަހަރުތަކެއް ކުރިން "ބިރެއް ނެތި މަޖާކުރުން" ޕްރޮމޯޓު ކުރި މީހުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ފުލުހުންގެ 92ވަނަ އަހަރީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޔުމްނު ވެއްޓުނު މައްސަލައިގެ މައުލޫމާތު ދޭން ފުލުހުން ފުރަތަމަ ބޭއްވީ ސިއްރު ނޫސްވެރިންގެ ބައްދަލުވުމެކެވެ. އެ ބައްދަލުވުމުގައި މައުލޫމާތު ދިންއިރު، ޔުމްނު ފިޔަވައި އެ މައްސަލައިގައި ހިމެނޭ ހަތް މީހުންގެ ވަނަވަރު ވެސް ހާމައެއް ނުކުރިއެވެ. އެކަމާ ރައްޔިތުން ރައްޔިތުން ނުރުހުންވެ، ޕްރެޝަރު ކުރަން ފެށުމާއެކު މިއަދު ހެނދުނު އިތުރު ޕްރެސްއެއް ބާއްވައި، ހާދިސާގެ ސީސީޓީވީ ފުޓޭޖާއި، މައްސަލައިގައި ހިމެނޭ ހަތް މީހުންގެ ވަނަވަރު ވެސް އާންމުކުރިއެވެ.
މި މައްސަލައިގައި ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީނަށް ބޮޑުބޭބެ ވިދާޅުވާ ދެ ފިރިހެނަކު ވެސް ހިމެނެއެވެ. އަދި ފުލުހުން މި މައްސަލައިގައި އަމަލުކުރީ އެހެންޏާ އަމަލު ކުރާ އުސޫލުން ބޭރުން ކަމަށް ބުނެ، ފުލުހުންނަށާއި އަމީނަށް ވެސް ވަނީ ތުހުމަތުތަކެއް އަމާޒުވެފައެވެ.
ފުލުހުންގެ އަހަރީ ދުވަހުގެ ރަސްމީ ޖަލްސާގައި، މި ކަމާ ގުޅޭ ގޮތުން ރައީސް ވިދާޅުވީ ފުލުހުންގެ ޚިދުމަތުން ރައްޔިތުން ދޮގު ހަދައި އޮޅުވާލައިގެން ލިބޭނެ ފައިދާއެއް ނޯންނާނެ ކަމަށެވެ. އެއީ ގާނޫނީ ވެރިކަން ނަގަހައްޓައި، ދެމެހެއްޓުމުގެ އެންމެ މުހިންމު ޒިންމާ އަދާކުރާ ޚިދުމަތް ކަމަށާއި، އެ ޚިދުމަތުން ރައްޔިތުންނަށް ދޮގު ނުހަދާނެ ކަމުގެ ޔަގީންކަން އޮތް ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.
"ފުލުހުން ރައްޔިތުންނަކަށް ދޮގެއް ނުހަދާނެ، އަދި ފުލުހުން ކުރައްވާނެ ކަމެއް ވެސް ނޫން އެއީ," ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވަނީ މި މައްސަލައިގައި ޔުމްނުގެ މައްސަލައިގައި ޒިންމާވާންޖެހޭނީ ފުލުހުން ނޫން ކަމަށާއި، ޒިންމާވާންޖެހޭނީ މީގެ އަހަރުތަކެއް ކުރިން ޒުވާނުންގެ ނާޖާއިޒު ފައިދާ ނަގައިގެން އުޅޭ ސިޔާސީ މީހުން ކަމަށެވެ.
"މިހާރު މި ހިނގައިގެން އުޅޭ ވަރަށް ހިތާމަވެރި ހާދިސާއަށް ވިސްނައިލާއިރު ވެސް، މި ކަމުގެ އެންމެ ބޮޑު ޒިންމާއެއް ނަގަންޖެހޭނީ އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި، އަދި އިންސާފަށް ލޯބިކުރާ ކޮންމެ މީހަކު ވެސް ގަބޫލުކުރާނޭ ގޮތުގައި، ބިރަކާ ނުލައި މަޖާކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްގެ ގޮތުގައި ޕްރޮމޯޓު ކުރި މީހުން، މީގެ އަހަރުތަކެއް ކުރިން" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ޖަޒުބާތުގައި ޖެހި، މީހަކު ދައްކާވާ ވާހަކައަކަށް ހެއްލިގެން ނުވާނެ ކަމަށެވެ.
ޔުމްނުގެ މައްސަލައިގައި ރައްޔިތުންގެ ޝުއޫރުތައް ކެކިއަރަމުންދާ މި ދަނޑިވަޅުގައި، ރައީސް ވަނީ، މައްސަލައެއްގެ ތަހުގީގު ފެށުމާއެކު ރައްޔިތުންނަށް އެ މައުލޫމާތު ދެވޭ ގޮތަށް ފުލުހުންގެ ޕްރޮސީޖާ ބަދަލު ކުރުމަށް އެދިވަޑައިގެންފައެވެ.
ޔުމްނުއަށް އިންސާފު ހޯދައިދޭން ޒުވާނުން ވަނީ ރެއިން ފެށިގެން ސުލްހަވެރި އިހުތިޖާޖެއް ވެސް ފަށައިފައެވެ. ގިނަ އަދަދެއްގެ ޒުވާނުން މިރޭގެ އިހުތިޖާޖުގައި ވެސް އަންނަނީ ބައިވެރިވަމުންނެވެ.