އިޒްރޭލު ޕާސްޕޯޓު މަނާކުރުމުން ދިވެހިރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރީންގެ އަދަދު މަދުވާކަން ފާހަގަވެފައިނުވާ ކަމަށް ފަތުރުވެރިކަމާ ބެހޭ ވަޒީރު ތާރިގް އިބްރާހީމް ވިދާޅުވެއްޖެއެވެ.
އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެ އެތެރެނުވެވޭ ގޮތަށް ނިންމުމުން ބައެއް ފަރާތްތަކުން ވަނީ ފަތުރުވެރިކަމަށް ބަރޯސާވެފައިވާ ރާއްޖެ ފަދަ ގައުމަކުން އެ ފަދަ ނިންމުމެއް ނިންމުމުން އަންނަ ފަތުރުވެރީންގެ އަދަދު މަދުވާނެ ކަމަށް ބުނެފައެވެ.
ފަތުރުވެރިކަމާ ބެހޭ ވަޒީރު ތާރިގު މިއަދު ބޭއްވި ނޫސްވެރީންގެ ބައްދަލުވުމެއްގައި ވިދާޅުވީ، އިޒްރޭލް ޕާސްޕޯޓުގައި ރާއްޖެ އެތެރެނުވެވޭ ގޮތް ހެދުމުން ފަތުރުވެރިން ޒިޔާރަތްކުރާ މިންވަރު މަދުވިކަން ފާހަގަނުވާ ކަމަށެވެ. ވަޒީރު ވިދާޅުވީ، ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ކޮންމެ ދުވަހަކު ވެސް މޮނިޓާކުރަމުން އަންނަ ކަމަށެވެ.
އެ އަދަދުތަކަށް ބަދަލެއް އާދޭތޯ ކޮންމެ ދުވަހަކު ވެސް ބަލާ ކަމަށް އޭނާ ވިދާޅުވިއެވެ.
މިގޮތަށް ބަލަމުންދާއިރު އަޅުގަނޑުމެންނަކަށް މޭޖާ އިމްޕެކްޓެއް، ނުވަތަ އަންނަ ފަތުރުވެރީން މަދުވެ އެކަަހަލަ ކަމެއް ނެތް އަދިއެއް. މި ދެންނެވިހެން ރާއްޖެއާ ދޭތެރޭ ފިޔަވަޅު އަޅާ، ރާއްޖެ ނާންނަން ގޮވައިލާ، މި ހަހަލަ ކަމެއް ވެސް ނެތް އަދިއެއް، ފަތުރުވެރިކަމާ ބެހޭ ވަޒީރު ތާރިގް އިބްރާހީމް
ވަޒީރު ވިދާޅުވީ، ސަރުކާރުން މިހާރު ވެސް ދަނީ ޕާސްޕޯޓު މަނާކުރީ ކީއްވެގެންކަން ރާއްޖޭގައި ތިއްބެވި ޑިޕްލޮމެޓިކް މިޝަންސްތަކާއި ރާއްޖެއިން ބޭރުގައި ތިއްބެވި ޑިޕްލޮމެޓިކް މިޝަންސްތަކުގެ އިތުރުން ޔޫރަޕިއަން ޔޫނިއަންއަށް ވެސް ކިޔައިދެމުން ކަމަށެވެ.
އިޒްރޭލު ޕާސްޕޯޓު މަނާކުރަން ސަރުކާރުން ނިންމީ އެ ކަމަށް ގޮވާލައި ބައެއް ފަރާތްތަކުން މުޒާހަރާކުރަމުން ދަނިކޮށެވެ. މަޖިލީހުން އެ ބިލުގެ މަސައްކަތް ނިންމީ ސަރުކާރުން ޕާސްޕޯޓު މަނާކުރާކަން އިއުލާނުކުރިތާ 11 މަސް ފަހުންނެވެ. ވެރިކަންކުރާ ޕާޓީ ޕީއެންސީން މީގެ ކުރިން ވަނީ އިޒްރޭލު ޕާސްޕޯޓު މަނާކުރުން ލަސްވަނީ އެ ކަމަށްޓަކައި ފުޅާ ދާއިރާއެއްގައި ދިރާސާކުރާތީ ކަމަށް ވެސް ބުނެފައެވެ.