އިމާރާތުގައި ކަމެއް ކުރިކަން އެނގުނީ މާފަހުން، މައްސަލައަށް ނުފޫޒެއް ނުފޯރުވަން: އަމީން

ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން --

އޭނާ ދިރިއުޅޭ އިމާރާތުގައި ކަމެއް ހިނގިކަން އެނގުނީ ފަހުން ކަމަށާއި، އެ މައްސަލައިގެ ތަހުގީގަށް އެއްވެސް ނުފޫޒެއް ނުފޯރުވާ ކަމަށް ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން މިރޭ ވިދާޅުވެއްޖެއެވެ.

ފުރާޅެއް މައްޗަށް ވެއްޓިފައި އޮތް 21 އަހަރުގެ އަންހެން ކުއްޖެއްގެ މައްސަލަ ފުލުހުންނަށް ރިޕޯޓުކުރީ ހުކުރު ދުވަހު ހެނދުނެވެ.

އެކަމާ ގުޅިގެން ގިނަ ބަޔަކު ސުވާލު އުފައްދަމުން އަންނަނިކޮށް ރޭގައި ފުލުހުންވަނީ ސިއްރު ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި، އެ ހާދިސާއާ ގުޅޭ ގިނަ މައުލޫމާތުތަކެއް ހިއްސާކޮށްފައެވެ. ފުލުހުން ކިޔައިދިން ގޮތުގައި ހާދިސާ ހިނގުމުގެ ކުރިން، އެ ރޭ އެ އަންހެން ކުއްޖާއާ އެކު އިތުރު ހަތް މީހަކު އުޅުނެވެ. އެއީ، ޖުމުލަ ތިން އަންހެނުންނާއި ފަސް ފިރިހެނުންނެވެ.

24 އެޕްރީލް 2025: 21 އަހަރުގެ ޒުވާން އަންހެން ކުއްޖާ ވެއްޓުނު ގޮތް ސިއްރުނުކޮށް ހާމަކުރާށާއި، މައްސަލައިގައި ދެން ތުހުމަތުކުރެވޭ މީހުންނާ މެދު ފިޔަވަޅު އަޅަން ގޮވައިލާ ކުރިއަށް ގެންދިޔަ އިހުތިޖާޖުގެ ތެރެއިން -- ސަން ފޮޓޯ/ މޫސާ ނަދީމް

ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ތުހުމަތުކުރަމުން އަންނަނީ ، މި މައްސަލައިގައި ހިމެނޭ މީހުން މަސްތުވާތަކެތި ބޭނުންކުރީ މިނިސްޓަރު އަމީން ދިރިއުޅޭ ގޭގައި ކަމަށެވެ.

އެކަމުގައި މިރޭ ފުލުހުންގެ ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިން ދޮށުގައި ޒުވާނުން އިހުތިޖާޖުކުރަމުން އަންނަނިކޮށް އަމީން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ އޭނާއަށް ބޮޑުބޭބެ ކިޔާ ދެ މީހަކު މި މައްސަލައިގައި ޝާމިލުވާކަމަށް އެއްބަސްވެވަޑައިގެންފައެވެ.

އެ ދެ މީހުންނާ ވެސް ފުލުހުންވަނީ ސުވާލުކުރިކަމަށް ވިދާޅުވިއެވެ. އެއާއެކު މި މައްސަލައަށް އަމީން ނުފޫޒު ފޯރުވަމުންދާ ކަމަށް ވެސް ސޯޝަލް މީޑިއާގައި ތުހުމަތުކުރަމުން އަންނައިރު އެ ކަމަށް އޭނާ އިންކާރުކުރެއްވިއެވެ.

އަމީން ވިދާޅުވި ގޮތުގައި އެ ގެއަކީ އޭނާއާއި އޭނާގެ އެއްބަނޑު އެއްބަފައި ތިން މީހެއްގެ ގެއެކެވެ.

އަދި އޭނާ ދިރިއުޅޭ ގޭގައި އެ ފަދަ އެއްވުމެއް ހިނގިކަން ވެސް އެނގުނީ ހުކުރު ދުވަހުގެ ހަވީރު ކަމަށާއި، އެ ކަމެއް ހިނގީ އަމީންގެ އެޕާޓްމެންޓުގައި ނޫން ކަމުން، އަމިއްލަ އެޕާޓްމެންޓުގެ ބޭރުން ހިނގާ ކަންކަމަށް ބާރު ނުފޯރުވޭނެ ކަމަށް ވިދާޅުވެފައިވެއެވެ.

24 އެޕްރީލް 2025: 21 އަހަރުގެ ޒުވާން އަންހެން ކުއްޖާ ވެއްޓުނު ގޮތް ސިއްރުނުކޮށް ހާމަކުރާށާއި، މައްސަލައިގައި ދެން ތުހުމަތުކުރެވޭ މީހުންނާ މެދު ފިޔަވަޅު އަޅަން ގޮވައިލާ ކުރިއަށް ގެންދިޔަ އިހުތިޖާޖުގެ ތެރެއިން -- ސަން ފޮޓޯ/ މޫސާ ނަދީމް

މިއަދާ ހަމައަށް ވެސް މި މައްސަލައިގައި ތަންފީޒީ އެއްވެސް އިދާރާއަކަށް، ނުވަތަ ސަރުކާރުގެ އެހެން އިސް ފަރާތަކަށް ގުޅައި، ތަހުގީގާ ގުޅޭ މައުލޫމާތު ހޯދަން ގުޅާފައިނުވާނެ ކަމަށް އަމީން ވިދާޅުވިއެވެ.

އަދި މި މައްސަލައަށް އެއްވެސް ނުފޫޒެއް ފޯރުވާފައި ނުވާނެ ކަމަށް ވިދާޅުވެ، އޭނާވަނީ ސޯޝަލް މީޑިއާގައި ކުރެވެމުންދާ ތުހުމަތުތައް ދޮގު ކުރައްވައިފައެވެ.

މި މައްސަލައިގެ މާ ބޮޑު ތަފުސީލެއް ފުލުހުން ހާމަނުކުރަނީސް ބައެއް އާންމުން ގެންދިޔައީ އެ ހާދިސާއާ ގުޅުވައި ތަފާތު އެކި ތުހުމަތުތައް ކުރަމުންނެވެ. އެ ގޮތުން، އަންހެން ކުއްޖާ ވެއްޓުނީ ނޫން ކަމަށާއި އެ ކުއްޖާއަށް އަނިޔާކޮށް ވައްޓާލީ ކަމަށް ބުނެ ބައެއް މީހުން ތުހުމަތުކުރިއެވެ. އަދި އެ ކަމުގައި ސިޔާސީ ފަރާތެއްގެ ބައިވެރިވުން އޮތް ކަމަށް ބުނެ ވެސް ވާހަކަ ދެކެވެއެވެ.

އެ ކަމާ ގުޅިގެން ގިނަ ބަޔަކު ސުވާލު އުފައްދަމުން އަންނަނިކޮށް ފުލުހުން ރޭ ވަނީ ސިއްރު ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި، އެ ހާދިސާއާ ގުޅޭ ގިނަ މައުލޫމާތުތަކެއް ހިއްސާކޮށްފައެވެ.

ފުލުހުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހިއްސާކުރި މައުލޫމާތުތައް އާންމުނަށް ތިލަވުމާއެކު އެ މައްސަލައިގައި ފުލުހުންނަށް ބޮޑެތި ފާޑުކިޔުންތަކެއް ދަނީ އަމާޒުވަމުންނެވެ.

އެއީ އެހެންޏާ މި ފަދަ މައްސަލަތަކުގައި ފުލުހުން އަމަލުކުރަމުންދާ އުސޫލުން ބޭރުން އަމަލުކުރަނީ ކަމަށް ބުނެއާއި، މި މައްސަލައިގެ ބައެއް މައުލޫމާތު ހިއްސާ ކުރުމަށް ފުލުހުން ދެކޮޅު ހަދާތީއެވެ.

comment ކޮމެންޓް