ރާއްޖޭގައި ހިންގާ ތަރައްގީގެ މަޝްރޫއުތަކަށް ބޭނުންވާ ފައިސާ ފޯރުކޮށްދިނުމަށް އުފެއްދެވި މޯލްޑިވްސް ޑިވެލޮޕްމެންޓް ބޭންކްގެ އިތުރު ބޯޑް މެންބަރަކު އިއްޔެ އިސްތިއުފާ ދެއްވައިފިއެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު(ޕީސީބީ)ން މިއަދު ބުނީ ޑިވެލޮޕްމެންޓް ބޭންކުގެ ބޯޑު މެންބަރު ކަމުގެ މަގާމުގައި ހުންނެވި މއ. ވޭސައިޑް, 805 ފްލެޓް، އަޙްމަދު ޢަލީ، އިއްޔެ, އިސްތިއުފާ ދެއްވުމަށް ހުށަހަޅުއްވާފައިވާތީ، އޭނާގެ އިސްތިއުފާ ގަބޫލުކޮށް އެ މަގާމުން ވަކިކޮށްފައިވާ ކަމަށެވެ.
ކުރިން މީރާގެ އިސް މަގާމުތައް އަދާކުރެއްވި އަޙްމަދު އެ މަގާމަށް އައްޔަންކުރައްވާފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 21 ވަނަ ދުވަހެވެ.
ބޭންކް އިފުތިތާހުކުރި ނަމަވެސް އަދި ރަނގަޅަށް މަސައްކަތްތައް ފަށައިގަނެވިފައިނުވަނީސް މިދިޔަ މަހުގެ 23 ވަނަ ދުވަހު ވަނީ އެ ބޭންކްގެ މެނޭޖިން ޑިރެކްޓަރު އަދި ޗީފް އެގްޒެކްޓިވް އޮފިސަރުކަމުގެ މަގާމުގައި ހުންނެވި ނޮއެލް ގްރެގާ ޕެޓާސަން-ޖޯންސް ވެސް އިސްތިއުފާދެއްވައިފައެވެ.
ރާއްޖޭގެ ޑިވެލޮޕްމެންޓް ބޭންކް އުފެއްދީ މިދިޔަ މޭ މަހުގެ 16ވަނަ ދުވަހެވެ.
އެ ބޭންކުގެ ޗެއާޕާސަން ކަމަށް އައްޔަން ކުރައްވާފައިވަނީ ސިންގަޕޫރުގެ ރައްޔިތެއް ކަމަށްވާ އަރުނީ ގުނެތިލަކައެވެ. އެއީ، 25 އަހަރުގެ ތަޖުރިބާ ހުންނެވި މާލީ ދާއިރާގެ މާހިރެކެވެ.
މީގެ ކުރިން އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު ވިދާޅުވި ގޮތުގައި ރާއްޖޭގެ އުމްރާނީ ތަރައްގީގެ މަޝްރޫއުތަކަކާއި ވިޔަފާރިތަކަށް އެހީވުމުގެ އިތުރުން ދެމެހެއްޓެނިވި ގޮތެއްގައި އިގުތިސާދު ކުރިއަރަމުން އަންނަކަން ކަށަވަރު ކުރުމުގައި ޑިވެލޮޕްމެންޓް ބޭންކުން މުހިންމު ދައުރެއް އަދާކުރާނެއެވެ.
މި ކުންފުންޏަކީ ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ދެމެހެއްޓެނިވި އިގުތިސާދީ އަދި އިޖުތިމާޢީ ތަރައްގީއަށް އިންވެސްޓުކުރުމާއި، ޢުމްރާނީ ތަރައްގީއަށް ބޭނުންވާ ފައިސާ ހޯދުމަށް އުފެއްދި ކުންފުންޏެކެވެ.
އަދި، ސިންޑިކޭޝަން ފައިނޭންސް މެދުވެރިކޮށް ޕީއެސްއައިޕީ މަޝްރޫއުތަކަށް ފައިސާ ފޯރުކޮށްދިނުމުގައި ދިމާވާ ގޮންޖެހުންތައް ޙައްލުކުރުމާއި، ދިވެހިރާއްޖޭގެ ބޭންކިން ނިޒާމުގައި ބޭރު ފައިސާ ބެހެއްޓުމުގެ ޝައުގުވެރިކަން އިތުރު ކުރުމަށް އެ ބޭންކުން މަސައްކަތް ކުރާނެއެވެ.
މިނިސްޓަރު ސައީދު އެގޮތަށް ވިދާޅުވި ނަމަވެސް އެ ބޭންކަށް މިހާތަނަށް ރަނގަޅަށް މަސައްކަތްތައް ފައްޓައިގަނެވިފައެއް އަދި ނުވެއެވެ. އެހެންވެ ސަރުކާރާއި އިކޮނޮމިކް މިނިސްޓަރަށް ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ.
ޑިވެލޮޕްމެންޓް ބޭންކުތަކަކީ، ގައުމުގައި އިންޑަސްޓްރީތަކާއި، ވިޔަފާރިތައް އުފައްދާ، ކުރިއެރުވުމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދޭ ބޭންކުތަކެވެ. އެގޮތުން ވިޔަފާރިތައް ފަށައިގަތުމަށް ބޭނުންވާ ލޯނާއި އެހެނިހެން މާލީ އެހީތެރިކަން ވެސް ޑިވެލޮޕްމަންޓް ބޭންކުތަކުން ފޯރު ކޮށްދޭނެއެވެ.
ޑިވެލޮޕްމެންޓް ބޭންކުގެ ވެރިންތަކެއް އިސްތިއުފާ ދެއްވާފައިވާއިރު ރާއްޖޭގެ މާލީ ހާލަތު ވަރަށް ގޯސް ވެދާނެ ކަމުގެ ބިރު ވަނީ ހީވެފައެވެ. އަދި ފައިސާ ޗާޕް ކުރުން ފަދަ ސަރުކާރުގެ ބައެއް ސިޔާސަތުތަކާ ދެކޮޅު ހެދުމުގެ ގޮތުން މިފަހުން ވަނީ އެމްއެމްއޭގެ ބޯޑުން ވެސް އިގްތިސާދީ މާހިރުންތަކެއް އިސްތިއުފާ ދެއްވައިފައެވެ.