ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިދިޔަ އަހަރު އެންމެ ރަނގަޅަށް މަސައްކަތް ކުރި މުވައްޒަފުންގެ އަގު ވަޒަންކޮށް، މިރޭ އެ މުވައްޒަފުންނަށް އެވޯޑު ދީފިއެވެ.
އެގޮތުން، މިރޭ ކްރޮސްރޯޑްސްގައި ބޭއްވި ބީއެމްއެލް ސްޓާފް އެވޯޑްސްގައި އެމްޕްލޯއީ އޮފް ދަ އިޔާގެ ޝަރަފުވެރި އެވޯޑު ހާސިލުކުރީ ބީއެމްއެލްގެ ފައިނޭންޝަލް ޓްރާންސެކްޝަން ޑިރެކްޓަރު ހުޒާތު އަލީއެވެ.

ބީއެމްއެލް ސްޓާފް ނައިޓުގައި މުވައްޒަފަކަށް އެވޯޑު ހަވާލުކުރަނީ ---- ފޮޓޯ/ ބީއެމްއެލް
ސީއީއޯ އެވޯޑު ފޯ އައުޓްސްޓޭޑިން އެޗީވްމަންޓް އެވޯޑު ބީއެމްއެލްގެ ދެ މުވައްޒަފަކަށް ވަނީ ދީފައެވެ. އެއީ، ކަސްޓަމާ އެކްސްޕީރިއެންސްގެ ހެޑް ހުސައިން ރަޝީދާއި ޕްރިމިއަމް ބޭންކިންގެ ހެޑް އަބްދުﷲ ސޮބާހެވެ. އަދި، ޑިޖިޓަލް ޓެކްނޮލޮޖީ ޑިވިޝަންގެ އިންޗާޖް މުހައްމަދު ސާވީ ފަތުހުﷲ ވަނީ ލީޑަޝިޕް އެކްސެލެންސް އެވޯޑު ހޯދާފައެވެ.
އޭގެއިތުރުން، މިދިޔަ އަހަރު އެންމެ ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކުރި މުވައްޒަފުންނާއި ޓީމުތަކަށް ބެސްޓް ޑިވިޝަން އެމްޕްލޯއީއާއި އިމާޖިން ޓެލެންޓާއި ކަސްޓަމާ ސާވިސް އެކްސެލެންސާއި އައުޓްސްޓޭންޑިން ޓީމް އެޗީވްމަންޓާއި ޕްރޮޖެކްޓު އެކްސެލެންސްގެ އިތުރުން އިންވޭޝަން ކެޓަލިސްޓު ފަދަ ގިންތިތަކުން ވަނީ އެވޯޑު ދީފައެވެ.
މި އެވޯޑުތައް ހަވާލުކޮށްދެއްވީ، ބީއެމްއެލްގެ ޗެއާޕާސަން އަހުމަދު އަލީ ހަބީބާއި ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފްގެ އިތުރުން އެ ބޭންކުގެ ޑިރެކްޓަރުންގެ ބޯޑު މެންބަރުންނެވެ.

ބީއެމްއެލް ސްޓާފް ނައިޓުގެ ތެރެއިން ---- ފޮޓޯ/ ބީއެމްއެލް
އެ ރަސްމިއްޔާތުގައި ސީއީއޯ ޝަރީފް ވިދާޅުވީ، އެ ބެންކުގެ އެންމެ އަގުބޮޑު ރައުސްމާލަކީ މުވައްޒަފުން ކަމަށާއި މުވައްޒަފުންގެ ހިތްވަރާއި ސާބިތު އަޒުމަކީ ބީއެމްއެލްގެ ކާމިޔާބީގެ ބިންގާ ކަމަށެވެ.
"ވޭތުވެދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ޕްރޮފެޝަނަލް ޑިވެލޮޮޕްމަންޓް ޕްރޮގްރާމުތަކާއި ފްލެކްސިބަލް މަސައްކަތުގެ އިންތިޒާމުތަކާއި މުވައްޒަފުންގެ އެކި ބޭނުންތަކާ އެއްގޮތްވާ ގޮތުގެ މަތީން ތަފާތު ޕްރޮގްރާމުތައް އަޅުގަނޑުމެން ވަނީ ތައާރަފުކޮށްފައި،" ޝަރީފް ވިދާޅުވިއެވެ.
އެ ބަދަލުތަކުން ދައްކުވައިދެނީ ކޮންމެ މުވައްޒަފަކަށް ވެސް ކުރިއެރުން ލިބޭނެ މަސައްކަތުގެ މާހައުލެއް ގާއިމުކުރުމަށް އެކުންފުނިން ދޭ އަހަންމިއްޔަތު ކަން ކަމަށް ޝަރީފް ވަނީ ވިދާޅުވެފައެވެ.