ފުރާޅެއް މައްޗަށް ވެއްޓިފައި އޮއްވައި ފެނުނު ޒުވާން އަންހެން ކުއްޖާއާ އެކު އެ ރޭ އުޅުނު މީހުންގެ ޕާސްޕޯޓު ހިފަހައްޓާފައިވާއިރު، އެ ތަނުން އަންހެނަކު ފުރާފައިވާ ކަމަށް ސޯޝަލް މީޑިއާގައި ދެކެވޭ ވާހަކަ ފުލުހުން މިއަދު ދޮގުކޮށްފިއެވެ.
އޭޕްރިލް 18، 2025 ވަނަ ދުވަހު ހ. މިތާޒް ގޭގެ ފުރާޅު މައްޗަށް ވެއްޓިފައި އޮއްވާ ފެނުނީ އުމުރުން 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދުއެވެ.
ޔުމްނުއާ އެކު ހާދިސާ ހިނގި ވަގުތު ހުރި ގ. އެރިޔަދޫ، ރައުދު އަހުމަދު ޒިލާލް ކޯޓު އަމުރެއްގެ ދަށުން ރޭ 18:20ގައި ވަނީ ހައްޔަރު ކޮށްފައެވެ.
ހާދިސާ ހިނގި ރޭ އެ މައްސަލައިގައި ދެން ޝާމިލުވާ އެންމެންގެ ޕާސްޕޯޓު ވެސް ހިފަހައްޓައި ފުލުހުން ވަނީ އެ މީހުން ފުރުން މަނާކޮށްފައެވެ. މައްސަލައިގައި ދެން ހިމެނޭ މީހުންނަކީ:
- އައިޝަތު ލަޔާލީ އިގުބާލް
- އިޒްދިޔާން މުހައްމަދު މައުމޫން
- ޔޫސުފް އަހުމަދު އަކްރަމް
- ޔޫސުފް ޔައްސާރު އަބްދުލްޣަފޫރު
- އާމިނަތު ޖުނައިރާ ޖަމްޝީދު
- ހުސައިން ހަމީސް އަލީ
- އިޖާޒް ޖާއިޒް
ސޯޝަލް މީޑިއާގައި ދަނީ އެ މައްސަލައިގައި ހިމެނޭ އަންހެނަކު ފުރުން މަނާކޮށްފައި ވަނިކޮށް ފުރާފައިވާ ކަމަށް ބުނަމުންނެވެ.
އެކަން ދޮގުކޮށް ފުލުހުން މިއަދު ހިއްސާކުރި މެސެޖެއްގައި ބުނީ އަންހެނަކު ވެއްޓުނު މައްސަލައާ ގުޅިގެން ފުރުން މަނާކޮށްފައިވާ އަންހެނަކު މެލޭޝިއާއަށް ފުރާފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުކުރަމުންދާ ވާހަކަތަކަކީ ހަގީގަތާ ޚިލާފު ވާހަކަތަކެއް ކަމަށެވެ.

ކުއްޖާ ވެއްޓުނު ފުރާޅު: އެ އަންހެން ކުއްޖާ ވެއްޓުނީ އަމިއްލައަށް ކަމަށް ފުލުހުން ވަނީ ބުނެފައި -- ސަން ފޮޓޯ
ހާދިސާ ހިނގި ރޭ މި އެންމެން ފުރަތަމަ ދިޔައީ 'ޕާޓީ'އަކަށެވެ. އެއީ، އެ ރޭ 12:30 އިން ފެށިގެން 3:30 އެހާކަންހާއިރާ ހަމައަށެވެ. އޭގެ ތެރެއިން ރައުދާއި ޔުމްނު އިތުރު ދެ މީހަކާ އެކު ސްޓެލްކޯ ކައިރީގައި ގެއަކަށް ދިޔައީ ހަތަރެއް ޖަހަން އުޅެނިކޮށެވެ. އެ ގޭގައި މާ ގިނައިރުނުކޮށް އެ މީހުން ނުކުތެވެ.
ފުލުހުން އާންމުކުރި ސީސީޓީޖީ ފުޓޭޖުން އެނގުނު ގޮތުގައި ޔުމްނުއާއި ރައުދު 4:15 އެހާކަންހާއިރު ވަންނަނީ އެ މީހުންނާ އެއްވެސް ގުޅުމެއް ނެތް ގެއަކަށެވެ. އެ ހާދިސާ ހިނގީ އެ ގޭގައެވެ. ވީޑިއޯއިން ފެންނަ ގޮތުގައި އެ ގެއަށް ދިޔައިރު ދެ މީހުން ވެސް ތިބީ މަސްތުގެ ހާލުގައެވެ. ދެ މީހުން ވެސް މަސްތުވާތަކެއްޗަށް ޕޮޒިޓިވްވި ކަމަށް ފުލުހުން ބުންޏެވެ.
އެ މީހުން އެ ގޭގައި ބަދުއަހުލާގީ އަމަލު ހިންގާ މަންޒަރު ވެސް ފުޓޭޖުން ފެނެއެވެ.
ފުޓޭޖުން ފެންނަ ގޮތުގައި ޔުމްނު ވެއްޓުނު ވަގުތު ގާތުގައި ރައުދެއް ނެތެވެ. އޭނާ ފަހުން ޔުމްނު ހޯދަން މަސައްކަތްކުރާތަން ފުޓޭޖުން ފެނެއެވެ. އޭނާ އަމިއްލައަށް ވެއްޓުނު ނަމަ ވެއްޓިފައި އޮންނާނީ އެ ތަނަށް ނޫން ކަމަށް ބުނެ މީސްމީޑިއާގައި ދެކެވޭ ވާހަކަތަކަށް ވެސް ފުލުހުން ވަނީ ރައްދު ދީފައެވެ.
އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަނާ އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވީ، މި ހާދިސާ ހިނގި ގޭގެ ފެންލައިޓުން މީހަކު ވެއްޓޭ ނަމަ ވެއްޓޭނީ އެ ދިމާއަށްކަން ތަހުގީގަށް އެނގޭ ކަމަށެވެ.
މި މައްސަލައިގައި ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީނަށް ބޮޑުބޭބެ ވިދާޅުވާ ދެ ފިރިހެނަކު ހިމެނެއެވެ. އަދި ފުލުހުން މި މައްސަލައިގައި އަމަލުކުރީ އެހެންޏާ އަމަލު ކުރާ އުސޫލުން ބޭރުން ކަމަށް ބުނެ، ފުލުހުންނަށާއި އަމީނަށް ވެސް ވަނީ ތުހުމަތުތަކެއް އަމާޒުވެފައެވެ.
އެކަމަކު، މައްސަލައަށް އެއްވެސް ނުފޫޒެއް ނުފޯރުވާ ކަމަށް އަމީނާއި ޝުޖާއު ވެސް ވަނީ ވިދާޅުވެފައެވެ.
ހާދިސާއާ ގުޅިގެން އަންހެން ކުއްޖާއަށް އިންސާފު ހޯދައިދޭން ގޮވައިލައި ރޭ ވެސް ހެންވޭރު ޕޮލިސް ސްޓޭޝަން ދޮށަށް ޒުވާނުން އެއްވެ އިހުތިޖާޖުކޮށްފައިވެއެވެ.