އެންމެ ނުބައި މީހާއަކީ ގައުމު ޚަރާބުކޮށް، އަމިއްލަ މީހުންނާ ދެކޮޅަށް ހަނގުރާމަކުރާ މީހާ: ޚުތުބާ

ނަބަވީގެ އިމާމު ޑރ. ސަލާހު އަލްބުދައިރު: އިސްލާމީ މަރުކަޒުގައި އިމާމުވެ ހުކުރު ކުރެއްވީ އޭނާ -- ފޮޓޯ/ އިސްލާމިކް މިނިސްޓްރީ

އެންމެ ނުބައި މީހަކީ، އެ މީހެއްގެ ގައުމު ޚަރާބުކޮށް އަމާންކަމާއި ސަލާމަތްކަން ނަގާލައި، އަމިއްލަ މީހުންނާ ދެކޮޅަށް ހަނގުރާމަކުރާ މީހާ ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

މިއަދުގެ ހުކުރު ޚުތުބާ މަސްޖިދުއްސުލްތާނު މުހައްމަދު ތަކުރުފާނުލް އައުޒަމުގައި އިއްވަވައިދެއްވީ، މަސްޖިދުއްނަބަވީގެ އިމާމް އަދި ޚަތީބް، ފަޟީލަތުއްޝައިޚް ޑރ. ޞަލާހު އަލްބުދައިރުއެވެ.

މިއަދުގެ ހުކުރު ޚުތުބާ ޚާއްސަކޮށްފައިވަނީ "ތިޔަބައިމީހުންނީ ލޯބިވާ އަޚުންތަކެއްކަމުގައިވާށެވެ!" މި މައުޟޫއުގެ މައްޗަށެވެ.

ޚުތުބާގައި ބުނީ، މާތް ﷲ އަށް ތަޤްވާވެރިވެ، ވޭތުވެ ދިޔަތަނުން އިބުރަތް ލިބިގަނެ، މިއަދު އެއާ އެއްގޮތަށް އަމަލުކުރެވޭތޯ ބެލުމަށެވެ. އޭރުން އުންމީދުން ފުރިގެންވާ މާދަމާއަކަށް އަލިވިލޭނެ ކަމަށް ޚުތުބާގައި ބުންޏެވެ.

މާތްﷲ ސުބްޙާނަހޫ ވަތަޢަލާ އެ ކަލާނގެ ކަލާމްފުޅުގައި، އެ ކަލާނގެ އަޅުތަކުންނަށް އަމުރުކުރައްވާފައިވަނީ، ކިޔަމަންގަތުމާއި ހެޔޮ އަމަލުތަކުގައި ކުރިއަރައިދިއުމަށްކަން ފާހަގަކޮށް ޚުތުބާގައި ގޮވައިލީ އެއްބައިވަންތަވުމަށާއި ގުޅިގެން އުޅުމަށެވެ. ބައިބައިވުމާއި ދެބަސްވުންތައް ވަނީ ނަހީކުރައްވާފައި ކަމަށާއި މާތްﷲ ހުއްދަކުރެއްވި ކަންކަމުގައި އެއްބަސްވާ، އެކަކު އަނެކަކުދެކެ ލޯބިވާ ބައެއްގެ ގޮތުގައި ދިރިއުޅުމުގެ އިތުރުން ހެޔޮކަމާއި ތަޤްވާވެރިވުމުގައި އެކަކު އަނެކަކަށް އެހީތެރިވާ ބަޔަކަށް ވުމަށް ނަސޭހަތްތެރިވިއެވެ.

އެންމެ ނުބައި މީހަކީ، އެ މީހެއްގެ ގައުމު ޚަރާބުކޮށް، އަމާންކަމާއި ސަލާމަތްކަން ނަގައިލައި، އަމިއްލަ މީހުންނާ ދެކޮޅަށް ހަނގުރާމަކުރާ މީހާ ކަމަށް ޚުތުބާގައި ބުންޏެވެ. އަދި ދެބަސްވުމާއި ދެކޮޅުވެރިކަމުގެ އަލިފާން ރޯކުރާ ޖާހިލަކަށް، ގައުމެއްގެ ރައްޔިތުން އެއްގަލަކަށް ނޭރުވޭނެ ކަމަށް ބުންޏެވެ. އެއީ ހަރުކަށިކަމާއި ނަފުރަތުން މީސްތަކުން ދީނާ ދުރުކުރާ މީހުންނާއި، މީސްތަކުންނާ ހުތުރުބަހުން މުޚާތަބުކޮށް އަނިޔާވެރިވާ މީހުންނާއި، މީސްތަކުންގެ ހިތްތަކުގައި ނަފުރަތުގެ އޮށްތައް އިންދައި، އެބައިމީހުންގެ ބަދަހި ސަފުތައް ވިއްސިވިހާލި ކޮށްލާ މީހުންނާއި، ތަންދޮރު ނުދަނެ ތިބެ ފަތުވާދީއުޅޭ މީހުންނާއި، އަނިޔާވެރިކަމާއި ފާޖިރުމަކުން ސިފަލިބިގެންވާ ބަޔަކަށް ވެސް ގައުމު އެއްގަލަކަށް ނޭރުވޭނެ ކަމަށެވެ.

ފަހެ ފުރެދުމާއި، ފަސާދައާއި، އިލްޙާދަށް ގޮވައިލައި، މުސްލިމުން ބައިބައިކޮށް ދެކޮޅުވެރިކަން އުފައްދާ މީހުންނާމެދު ބިރުވެތިވުމަށާއި، ހިކުމަތްތެރިކަމާއި މެދުމިނުގައި ހިފަހެއްޓުމަށް ޚުތުބާގައި ނަސޭހަތްތެރިވިއެވެ.

ޚުތުބާގައި ބުނީ، އެކަކު އަނެކަކަށް ރަހުމުކޮށް އޯގާވެރިވެ އުޅުމަކީ މަތިވެރި ކަމެއް ކަމަށާއި، އެފަދަ މީހުންނަށް މާތްﷲ ރަހްމަތް ލައްވައި، އެ ކަލާނގެ ދީލަތިވަންތަކަމުގެ ގޮވައްޗަށް ވައްދަވާނެ ކަމަށެވެ. އަދި ކަށްވަޅުގެ އަޒާބާއި ނަރަކައިގެ ގިނި ހޫނުން މިންޖުކޮށް، ގިޔާމަތްދުވަހުގެ ބިރުވެރިކަމުން އަމާންކަން ދެއްވައި، އެ ކަލާނގެ ހިޔާވަހިކަން ދެއްވާނެ ކަމަށް ޚުތުބާގައި ބުންޏެވެ.

"އެ ކަލާނގެ އަޅުތަކުންނަށް، މިފަދަ މާތް ސިފަތަކުގެ ސަބަބުން އެއާ އެއްފަދަ ހެޔޮ ޖަޒާ ދެއްވައެވެ. ޢަފޫކުރާ މީހުންނަށް ޢަފޫކުރެއްވުމުންނެވެ. އެ ކަލާނގެ އަޅުތަކުންނަށް ހެޔޮކޮށް ހިތާ މީހުންނަށް ހެޔޮކޮށް ހިއްތެވުމުންނެވެ. އަދި މީހަކު އެހެން މީހުންގެ އަބުރަށް އަރައިގަނެ ފަޟީޙަތްކުރުމާއިގެން ތެދުވެއްޖެނަމަ މާތް ﷲ އެމީހަކު ފަޟީހަތްކުރައްވާހުއްޓެވެ،" ޚުތުބާގައި ބުންޏެވެ.

"އެހެން މީހަކަށް ހެޔޮކަމެއް ލިބޭން ނޭދޭ މީހާ ހެޔޮކަމުން މަހްރޫމުކުރައްވަތެވެ. މީހަކަށް ދަތިކޮށްފި މީހާއަށް ދަތިކުރައްވާހުއްޓެވެ. އެހެން މީހަކަށް މަކަރު ހަދައި ކެހިދީފި މީހަކަށް އެކަމާ އެއްފަދަ ސަޒާ ދެއްވާހުއްޓެވެ. އަޅާ މީހަކާ މުޢާމަލާކުރާ ގޮތަކަށް، ދުނިޔެއާއި އާޚިރަތުގައި ވެސް މާތް ﷲ އޭނާއާ މުޢާމަލާ ކުރައްވާހުއްޓެވެ،" ޚުތުބާގައި ބުންޏެވެ.

ﷲގެ އަޅުތަކުންނަށް ފައިދާއެއް ކޮށްދިނުމަކީ އެންމެ މަތިވެރި ޚުލްޤުކަން ފާހަގަކޮށް ޚުތުބާގައި ބުނީ މީސްތަކުންނަށް ހެޔޮކޮށް ކަންތައްކުރާ މީހުން ދިރިއުޅޭނީ އިއްޒަތާއި ޝަރަފާއި ގަދަރުވެރިކަމުގައި ކަމަށެވެ. ތިބާއީ މީސްތަކުންނަށް ފައިދާހުރި، ހެޔޮފޯރުވައި އުޅޭ މީހަކަށް ވާން ޚުތުބާގައި ގޮވައިލިއެވެ.

"ތިބާގެ އެހީތެރިކަމާއި، ދީލަތިކަމާއި، ހޭދަކުރުން ދޫކޮށްނުލާށެވެ! ތިބާ މުށްބާރުނުކުރާށެވެ! ބޭނުމެއް ޖެހިގެން އަތްދިއްކޮށްލާ މީހާއަށް ކުޑަނަމަވެސް ހެޔޮކަމުގެ އަތެއް ދިއްކޮށްލާށެވެ! ނުވަތަ ހިތްހެޔޮކަމާއެކު ރީތިކޮށް އޭނާއަށް ޖަވާބުދޭށެވެ!" ޚުތުބާގައި ބުންޏެވެ.

މީހެއްގެ ނިކަމެތިކަމާހެދި ސަލާންޖެހުމުން ހުސްއަތާ ދާންޖެހުމާއި، ތިބާގެ ހަރުކަށިކަމާއި ނުރުހުން އެކުވިޔަނުދިނުމަށް ޚުތުބާގައި ނަސޭހަތްތެރިވިއެވެ. މާތްމީހާގެ ވައުދު އަވަހަށް ފުއްދާނެކަމަށާއި ބަޚީލުމީހާ ބުނާނީ މާދަން އަންނާށޭ ކަމަށް ޚުތުބާގައި ބުންޏެވެ. އަދި އެއްޗެއް ދޭނެކަމަށް ބުނެ ދަންމަދަންމައި ހުރުމަށް ވުރެ ޞަރީޙަ ޖަވާބުދިނުން ހެޔޮކަން ބޮޑު ކަމަށް ޚުތުބާގައި ބުންޏެވެ.

"ހަނދާންކޮށްދޭ މީހެއްގެ އަޑު ނާހައި ތިބާ ހުއްޓުމެއް ނެތި ތިޔަގޮތަށް ދާނީ ކިހައި ދުވަހަކަށް ހެއްޔެވެ؟ ތިބާގެ ޙަޔާތާ މެދު ބިނާކުރަނިވި ފާޑުކިޔުންތެރިޔާއަށް ބީރުކަންފަތެއް ދީގެން އުޅޭނީ ކިހައި ދުވަހަކަށް ހެއްޔެވެ؟ ތަވާޟުޢުވެރިވާންވީ ވަގުތު އަދިވެސް ނާދޭ ހެއްޔެވެ؟ ތަހައްޖުދަށް ތެދުވާކަށް އަދިވެސް ނުވޭހެއްޔެވެ؟ އަހަރެމެންނަށް މި ތިބެވެނީ ނިދިފައި ހެއްޔެވެ؟ ނޫނީ ހިތުގައި ވިންދު ނުޖަހަނީހެއްޔެވެ؟" ޚުތުބާގައި ބުންޏެވެ.

ތިބާ ނިދި ހަމަކޮށް ތެދުވުމަށް ޚުތުބާގައި ގޮވައިލިއެވެ.

"ނަރަކައިގެ އަލިފާން އަނއަނދައި ހުއްޓައި ތިބާ ނިދަނީހެއްޔެވެ! އޭހެ ހޫނު މަޑުވާނެ ދުވަހެއް ނާންނާނެއެވެ. އަދި އެއީ އޭގެ އަނގުރު ނިވޭކަށް ހުރި އަލިފާނެއް ނޫނެވެ. މާތް ﷲގެ ކަލިމަފުޅުތައް އޭނާގެ ކަންފަތަށް އެބަ އިއްވެއެވެ. ނިކަމެތިކަމައެކު ތިބާގެ ވެރި ރަސްކަލާނގެ ޙަޟްރަތަށް ކުއްތަންވާށެވެ! ޢުޛުރުވެރިކަމާޢެކު އެ ކަލާނގެ ދީލަތިކަމުގެ ދޮރޯށީގައި ޓަކިޖަހާށެވެ! ޢަފޫކުރެއްވުމަށް އެދި ދެއަޔް އުފުލައިލާށެވެ!" ޚުތުބާގައި ބުންޏެވެ.

ޚުތުބާގައި ހަނދާންކޮށްދިނީ އިންސާނާ ނޭވާހޮޅިއަށް އެޅިއްޖައުމަށް ދާންދެން ތައުބާގެ ދޮރުކޮޅު ވަނީ ހުޅުވިފައި ކަމެވެ.

comment ކޮމެންޓް