ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު "ބޭއިންސާފުން" ސަސްޕެންޑްކޮށް، ޝަރުއީ މިނިވަންކަން ގެއްލުވާލުމަށް ކުރާ އެހެނިހެން މަސައްކަތްތައް ހުއްޓާލަން ޖެހޭ ކަމަށް ހިއުމަން ރައިޓްސް ވޮޗުން މިއަދު ބުނެފިއެވެ.
ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ކަމަށްވާ ޑރ. އަޒްމިރަލްދާ ޒާހިރާއި، މަހާޒް އަލީ ޒާހިރު އަދި އެ ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދުގެ ސުލޫކީ މައްސަލައެއް ބަލާކަމަށް ބުނެ، އެ ތިން ފަނޑިޔާރުން ސަސްޕެންޑު ކުރީ ފެބްރުއަރީ މަހުގެ 26ވަނަ ދުވަހެވެ.
އެ ފަނޑިޔާރުންގެ ސުލޫކީ މައްސަލައެއް ބަލަން ޖޭއެސްސީން ނިންމީ މެންބަރުން އެ މެންބަރުން އިންތިޚާބުވި ޕާޓީން ވަކިވުމުންނާއި ވަކިކުރުމުން ވެސް ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނެސްފައިވާ އިސްލާހުގެ މައްސަލައެއް ބަލަމުން ދަނިކޮށެވެ.
ސަސްޕެންޝަންގައި ހުންނެވި ހުސްނުއްސުއޫދު ވަނީ މިދިޔަ މަހުގެ ހަތަރުވަނަ ދުވަހު އިސްތިއުފާ ދެއްވައިފައެވެ.
މި މައްސަލައަށް މިހާރު ވަނީ ބައިނަލްއަގުވާމީ ސަމާލުކަން ލިބިފައެވެ.
ހިއުމަން ރައިޓްސް ވޮޗްގެ އޭޝިއާ ޑިރެކްޓަރު އިލައިން ޕިއާސަން -- ފޮޓޯ/ ސިޑްނީ ކްރިމިނަލް ލޯޔާސް
އެކަމާ ގުޅިގެން ހިއުމަން ރައިޓްސް ވޮޗްގެ އޭޝިއާ ޑިރެކްޓަރު އިލައިން ޕިއާސަން ވިދާޅުވީ، ރާއްޖޭގެ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ފަނޑިޔާރުންނާ ދެކޮޅަށް އަޅާ ސުލޫކީ ފިޔަވަޅުތަކުގެ ސަބަބުން ސުޕްރީމް ކޯޓުގެ މަސައްކަތްތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނުފޫޒު ފޯރުވާފައިވާ ކަމުގެ ކަންބޮޑުވުން އެބައޮތް ކަމަށެވެ.
ޕިއާސަން ވިދާޅުވި ގޮތުގައި ދުސްތޫރީ ނާޒުކު ކަންކަމުގައި ކޯޓުތަކަށް މިނިވަންކަމާ އެކު ހުކުމް ނުކުރެވޭހާ ހިނދަކު ރާއްޖެއަކީ ހައްގުތަކަށް އިހުތިރާމުކުރާ ގައުމަކަށް ނުވާނެއެވެ.
"ރާއްޖޭގެ ޝަރުއީ މިނިވަންކަމާއި އިންސާނީ ހައްގުތަކަށް އިހުތިރާމުކުރަން ރައީސް މުއިއްޒު އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހޭ،" ޕިއާސަން ވިދާޅުވިއެވެ.
ޝަރުއީ ދާއިރާއަށާއި ގައުމުގެ ޑިމޮކްރެޓިކް މުއައްސަސާތަކަށް ކުރިމަތިވެފައިވާ މި ނުރައްކާތައް ނިމުމަކަށް ގެނައުމަށް އެހީދޭ ފަރާތްތަކާއި ކަމާ ގުޅުންހުރި ގައުމުތަކުން ރައީސަށް ސާފު މެސެޖެއް ދޭން ޖެހޭ ކަމަށް ވެސް ޕިއާސަން ވިދާޅުވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި 2008ވަނަ އަހަރު އަމަލުކުރަން ފެށި އާ ގާނޫނުއަސާސީގެ ދަށުން ޖޭއެސްސީއަކީ ޝަރުއީ ދާއިރާއާ ގުޅޭ ޝަކުވާތައް ތަހުގީގުކޮށް ބަލައި ފިޔަވަޅު އެޅުމުގެ ބާރު ލިބިފައިވާ މިނިވަން މުއައްސަސާއެކެވެ.
ރައީސް މުއިއްޒު ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއެކު -- ފޮޓޯ/ ރައީސް އޮފީސް
ނަމަވެސް، ޖޭއެސްސީއަކީ ސިޔާސީ ސަބަބުތަކާހުރެ ފަނޑިޔާރުން ވަކިކުރުމުގެ ތާރީޚެއް އޮތް ކޮމިޝަނެެއް ކަމަށާއި ސިޔާސީ ބޭނުމުގައި ފަނޑިޔާރުން ވަކިކުރުމަށް ސަރުކާރުތަކުން އެ ކޮމިޝަން ބޭނުން ކުރާ ކަމަށް ޕިއާސަން ތުހުމަތުކުރެއްވިއެވެ.
އެހެންކަމުން ފަނޑިޔާރުންގެ މައްޗަށް ކުރާ ތުހުމަތުތައް އެކަށީގެންވާ އިޖުރާއަތެއްގެ ދަށުން އިންސާފުވެރިކަމާ އެކު ވީހާވެސް އަވަހަށް ކުރިއަށް ގެންދަން ޖެހޭނެ ކަމަށް ޕިއާސަން ވިދާޅުވިއެވެ. ވަކިން ޚާއްސަކޮށް ފަނޑިޔާރުންނަށް ކުރާ ތުހުމަތުތަކަށް ޖަވާބުދާރީ ވެވޭނެހެން އިންސާފުވެރި އަޑުއެހުމެއްގެ ހައްގު ލިބިދޭންޖެހޭނެ ކަމަށް އޭނާ ގޮވައިލެއްވިއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ޖޭއެސްސީގެ އިތުރުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީން) އެ ފަނޑިޔާރުންނާ ގުޅޭ ޖިނާއީ މައްސަލައެއް ވެސް ކުރިއަށް ގެންދެއެވެ. ޖޭއެސްސީން އެ މައްސަލަ ބެލުމަށް ފަހު ނިންމީ، އަޒްމިރަލްދާއާއި މަހާޒު ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށެވެ.
މި މައްސަލައިގައި ސުއޫދު ވަނީ ފަނޑިޔާރުން ސަސްޕެންޑު ކުރި މައްސަލަ ބޭރުގެ އިދާރާތަކަށް ހުށަހަޅާފައެވެ. މި މައްސަލައާ ގުޅިގެން އދ.ގެ ފަރާތުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެެ. އަދި، މި މައްސަލައިގައި ދިވެހި ސަރުކާރު ޖަވާބުދާރީ ވުމަށް އދ. އިން ވަނީ އަންގައިފައެވެ.