ހެންވޭރު ބުރުޒުމަގުގައި ހުންނަ، ގ. ފެންޓޯނިއޯގެއިން ވެއްޓުނު 21 އަހަރުގެ ޒުވާން އަންހެން ކުއްޖާއަށް އިތުރު ފަރުވާ ދިނުމަށް މެލޭޝިއާއަށް ގެންދިއުމުގެ ހުރިހާ އިންތިޒާމެއް ހަމަޖެހިފައިވާކަމަށް އޭނާގެ އާއިލާއިން މިރޭ ބުނެފިއެވެ.
ޔުމްނުގެ ސިއްހީ ހާލަތާ ގުޅޭގޮތުން ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި އޭނާއަށް އިންސާފު ހޯދައިދިނުމަށް ގޮވައިލާ، ޒުވާނުން ސިލްސިލާ ގޮތެއްގައި އަންނަނީ އިހުތިޖާޖު ވެސް ކުރަމުންނެވެ.
މި ދަނޑިވަޅުގައި، ޔުމްނުގެ އާއިލާގެ ފަރާތުން މިރޭ ވަނީ ނޫސްވެރިންނަށް، ވަޓްސަޕް މެދުވެރިކޮށް ކުރި ކޮންފަރެންސް ކޯލެއްގައި، ޔުމްނުގެ ފަރުވާއާ ގުޅޭ ކަންކަމުގެ މައުލޫމާތު ދީފައެވެ.
މައުލޫމާތު ދިނީ ޔުމްނުގެ އާއިލާގެ ފަރާތުން، އެ މައުލޫމާތު މީޑިއާތަކަށް ދޭން ޕަވަ އޮފް އެޓާނީ ދީފައިވާކަމަށް ބުނާ، މޫމިން މައުމޫން ކިޔާ މީހެކެވެ. އޭނާއަކީ ޔުމްނުގެ ޅިޔަނެކެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެމުން، ޔުމްނުގެ ހާލު މިވަގުތު ހުރި ގޮތުގެ މައުލޫމާތު ހިއްސާ ނުކުރެއެވެ.
ނަމަވެސް އިތުރު ފަރުވާއަށް މެލޭޝިއާއަށް ގެންދިއުމަށް މިހާރު ހުރިހާ އިންތިޒާމުތައް ހަމަޖެހިފައިވާ ކަމަށް މައުލޫމާތު ދެމުން މޫމިން ބުންޏެވެ.
އޭނާ ބުނީ އެންސްޕާގެ ފަރާތުން ފުރިހަމަކުރަން ޖެހޭ ހުރިހާ ކަމެއް ވެސް މިހާރު ނިމިފައިވާ ކަމަށެވެ.
އަދި ސަރުކާރުން ފްލައިޓެއް ޗާޓަރުކުރުމުގެ މަސައްކަތް ވެސް ކުރަމުން އަންނަކަމަށާއި، މާދަމާ ވެސް ފްލައިޓެއް ލިބިއްޖެ ނަމަ ފުރަން ޖެހިދާނެ ކަމަށް އޭނާ ބުންޏެވެ.
އެއާއެކު އޭނާ ވަނީ މި ކަމުގައި ސަރުކާރުގެ އެއްބާރުލުން އެންމެ އަަވަސް މިނުގައި ނޫނަސް، ފުރިހަމައަށް ލިބޭކަމަށް ބުނެފައެވެ.
ފުލުހުން ބުނީ ޔުމްނު ވެއްޓުނީ އަމިއްލައަށް ކަމަށެވެ. އެކަމަކު، އެކަން ގަބޫލުނުކޮށް، މި މައްސަލައިގައި ފުލުހުން އާންމު އުސޫލުން ބޭރުން އަމަލުކުރާ ކަމަށް ބުނެ ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ފުލުހުން ފުރަތަމަ ވެސް ޕާސްޕޯޓު ހިފެހެއްޓީ ޔުމްނު ވެއްޓުނުއިރު ގާތުގައި ހުރި ރައުދުގެ އެކަންޏެވެ.
އެހެންވެ، ފުލުހުންނަށް ފާޑުކިޔައި ގިނަ އަދަދެއްގެ ޒުވާނުން ރޭ ވަނީ މުޒާހަރާކޮށްފައެވެ. އެ މީހުން ވަނީ މީހަކު ހައްޔަރުނުކުރާތީއާއި މީހާ ވެއްޓުނީ އަމިއްލައަށް ކަމަށް ގަބޫލުނުކުރާ ކަމަށް ބުނެ ފުލުހުންގެ މުއައްސަސާއަށް ވަރަށް ބޮޑަށް ފާޑު ކިޔައިފައެވެ.
އޭގެ ފަހުން ފުލުހުން ވަނީ ހާދިސާގައި ހިމެނޭ އެންމެންގެ ވަނަވަރު އިއްޔެ ހާމަކޮށްފައެވެ.