ޒުވާނުންނާ ގުޅޭ ކަންކަމުގައި ރައީސް ޑރ. މުޙައްމަދު މުއިއްޒަށް ލަފާއެރުވުމަށް އުފެއްދި "ޕްރެޒިޑެންޝަލް ޔޫތު އެޑްވައިޒަރީ ބޯޑު" މެންބަރު ކަމުން މަޝްހޫރު ޓީވީ ޕެރެޒެންޓަރު ހުވައިނާ މުޙައްމަދު ނިހާދު (ހުވޭ) އިއްޔެ އިސްތިއުފާ ދީފިއެވެ.
ހުވޭ އިންސްޓަގްރާމް ކުރި ޕޯސްޓެއްގައި ވަނީ، އޭނާ އިސްތިއުފާ ދިނީ، ފުރާޅެއްގެ މަތީގައި ވެއްޓިފައި އޮއްވާ ފެނުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލައިގައި ފުލުހުން ހިންގާ ތަހުގީގާ ގުޅޭގޮތުން ހިތްހަމަނުޖެހުން ފާޅުކުރާ ޒުވާނުންނާ އެކުގައި ހުރުމަށް ކަމަށެވެ.
ހުވައިނާ އިސްތިއުފާ ދިން އިރު، މި މައްސަލައިގެ ތެރެއިން ހާމަވި، މަސްތުވާތަކެއްޗާއެކު ޕާޓީކުރިކަމަށް ތުހުމަތުވާ ރައީސް އޮފީހުގެ އަންޑަ ސެކްރެޓެރީ ފޯ ޑިޖިޓަލް ސްޓްރެޓެޖީ، ދާއޫދު އަހުމަދު އެ ބޯޑުން ވަކިނުކޮށްފިނަމަ އިސްތިއުފާދޭނެ ކަމަށް އެބޯޑުގެ މެންބަރު ނަޒާހާ ނަޒީމް ކުރިން ބުންޏެވެ.
އެހެން ބުނުމުގެ ކުރިން ދާއޫދުގެ އިސްތިއުފާ ރައީސް އޮފީހަށް ފޮނުވުމުން އޭނާ ވަނީ އެ ބޯޑުގެ މެންބަރުކަމުން ވަކިކޮށްފައެވެ.
ދާއޫދު މިހާރު ވަނީ މުސާރަ ނުލިބޭ ގޮތަށް އަންޑަ ސެކްރެޓަރީކަމުން ވެސް ސަސްޕެންޑުކޮށްފައެވެ.
ޔުމްނު ވެއްޓިފައިވަނީ މި މަހުގެ 18ވީ، ހުކުރު ދުވަހުގެ ފަތިހުގެ ވަގުތެއްގައެވެ. އޭނާ ފެނިގެން މީހަކު ފުލުހަށް ރިޕޯޓުކުރީ ހުކުރު ދުވަހު ހެނދުނު 7:30 ހާއިރެވެ.
މިއަދަށް މައްސަލައަށް ހަފުތާއެއްވީއިރު، މި މައްސަލައިގައި ފުލުހުން އަމަލުކުރާ ގޮތާމެދު ޝައްކުވާތީ ޒުވާނުން އަންނަނީ އިހުތިޖާޖުކުރަމުންނެވެ.
މި މައްސަލައިގައި ހިމެނޭ ރައުދު ރޭ ހައްޔަރުކޮށް، މިއަދު ވަނީ އޭނާގެ ބަންދަށް ފަސް ދުވަހުގެ މުއްދަތު ޖަހައިފައެވެ. އެގޮތުން ރައުދު ބަންދަށް ޖެހުމަށް ކޯޓުން ނެރުނު އަމުރުގައި ބަޔާންކޮށްފައިވާ ގޮތުން، މި މައްސަލައިގެ އިންވެސްޓިގޭޝަން އޮފިސަރު (އައިއޯ) ވަނީ ޔުމްނުއާއި، ރައުދުއާ ދެމެދު އެ ރޭ ހަމަނުޖެހުންތަކެއް ހިނގައިފައިވާ ކަމަށް ބުނެފައެވެ.
އަދި، ޔުމްނު ވެއްޓުމަށްފަހު މާ ގިނައިރެއް ނުވަނީސް، ޔުމްނު ކޮބައިތޯ ރައުދުއާ ސުވާލުކުރުމުން "ވީ ތަނެއް ނޭނގޭ" ކަމަށް ބުނެ "ވެއްޓުނީކަމަށް ބެލެވޭ ކަމަށް" ރައުދު ބުނި ކަމަށް މައުލޫމާތު ލިބިފައިވާކަމަށް އައިއޯ ވަނީ ބުނެފައެވެ.