ޒުވާނުންގެ ކަންކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒަށް ލަފާދޭ ކޮމިޓީ (ޕްރެޒިޑެންޝަލް ޔޫތު އެޑްވައިޒަރީ ބޯޑު)ގެ އިތުރު ދެ މެންބަރަކު އިސްތިއުފާ ދީފިއެވެ.
އިސްތިއުފާ ދިނީ ނެޓްބޯޅަ ކުޅުންތެރިޔާ އައިމިނަތު ރަބާބް އިބްރާހީމާއި ނިމާލް ހަމީދެވެ.
އެ ދެ މީހުން ވެސް އިސްތިއުފާ ދިންކަން ހާމަކޮށްފައިވަނީ އިންސްޓަގްރާމްގައެވެ.
ރަބާބް ބުނެފައިވަނީ، އޭނާ ޔޫތު އެޑްވައިޒަރީ ބޯޑާ ގުޅުނީ ޒުވާން އެތްލީޓުންގެ ހައްގުގައި މަސައްކަތް ކުރުމަށެވެ. އެހެން ނަމަވެސް، ތެދުވެރިކަމާއި ހާމަކަމާއި ޒިންމާދާރުކަމެއް ނެތް ތަނަކަށް ހިތްވަރުދީގެން ނުހުރެވޭނެ ކަމަށް ބުނެފައިވެއެވެ.
ރަބާބް ބުނީ އޭނާ ވެސް ދެމިހުރީ އިންސާފާއި ޖަވާބު ހޯދުމަށް ޑިމާންޑުކުރަމުންދާ ޒުވާނުންނާ އެކުގައި ކަމަށެވެ.
މީގެ އިތުރުން، އެ ބޯޑުން އިސްތިއުފާ ދިން ނިމާލް ވެސް އިންސްޓަގްރާމުގައި ވަނީ، ޔޫތު އެޑްވައިޒަރީ ބޯޑުން އިސްތިއުފާދިންކަން ހާމަކޮށްފައެވެ.
މިދިޔަ ބުރާސްފަތި ދުވަހު، އެ ބޯޑުގެ މެންބަރުކަމުން މަޝްހޫރު ޓީވީ ޕެރެޒެންޓަރު ހުވައިނާ މުޙައްމަދު ނިހާދު (ހުވޭ) ވެސް އިސްތިއުފާދިނެވެ. އޭނާ ބުނެފައިވަނީ އިސްތިއުފާ ދިނީ، ފުރާޅެއްގެ މަތީގައި ވެއްޓިފައި އޮއްވައި ފެނުނު 21 އަހަރުގެ ހައްވާ ޔުމްނުގެ މައްސަލައިގައި ފުލުހުން ހިންގާ ތަހުގީގާ ގުޅޭގޮތުން ހިތްހަމަނުޖެހުން ފާޅުކުރާ ޒުވާނުންނާ އެކުގައި ހުރުމަށް ކަމަށެވެ.
ހުވައިނާ އިސްތިއުފާ ދިން އިރު، މި މައްސަލައިގެ ތެރެއިން ހާމަވި، މަސްތުވާތަކެއްޗާއެކު ޕާޓީކުރިކަމަށް ތުހުމަތުވާ ރައީސް އޮފީހުގެ އަންޑަ ސެކްރެޓެރީ ފޯ ޑިޖިޓަލް ސްޓްރެޓެޖީ، ދާއޫދު އަހުމަދު އެ ބޯޑުން ވަކިނުކޮށްފިނަމަ އިސްތިއުފާދޭނެ ކަމަށް އެބޯޑުގެ މެންބަރު ނަޒާހާ ނަޒީމް ކުރިން ބުންޏެވެ.
އެހެން ބުނެފައި ވަނިކޮށް, ދާއޫދުގެ އިސްތިއުފާ ރައީސް އޮފީހަށް ފޮނުވުމުން އޭނާ ވަނީ އެ ބޯޑުގެ މެންބަރުކަމުން ވަކިކޮށްފައެވެ.
ދާއޫދު މިހާރު ވަނީ މުސާރަ ނުލިބޭ ގޮތަށް އަންޑަ ސެކްރެޓަރީކަމުން ވެސް ސަސްޕެންޑުކޮށްފައެވެ.
ޔުމްނު ވެއްޓިފައިވަނީ މި މަހުގެ 18ވީ، ހުކުރު ދުވަހުގެ ފަތިހުގެ ވަގުތެއްގައެވެ. އޭނާ ފެނިގެން މީހަކު ފުލުހަށް ރިޕޯޓުކުރީ ހުކުރު ދުވަހު ހެނދުނު 7:30 ހާއިރެވެ.
މައްސަލައަށް ހަފުތާއެއްވީއިރު، މި މައްސަލައިގައި ފުލުހުން އަމަލުކުރާ ގޮތާމެދު ޝައްކުވާތީ ޒުވާނުން އަންނަނީ އިހުތިޖާޖުކުރަމުންނެވެ.
އާންމުންގެ ޕްރެޝަރު ބޮޑުވެފައި އޮއްވައި، މި މައްސަލައިގައި ހިމެނޭ ރައުދު ޒިލާލް ހައްޔަރުކޮށް، އިއްޔެ ވަނީ އޭނާގެ ބަންދަށް ފަސް ދުވަހުގެ މުއްދަތު ޖަހައިފައެވެ. މި މައްސަލައިގައި ރައުދު ހައްޔަރުކުރީ ހަފުތާއެއް ފަހުންނެވެ. އަދި އޭނާއާއި ޔުމްނުއާ ދެމެދު ހަމަނުޖެހުމެއް ހިނގިކަން ވެސް ކޯޓު އަމުރުން އެނގެއެވެ.