މި ކަންކަން ނުހުއްޓި މިހެން އޮންނާނީ ކިހާ ދުވަހަކުބާ؟

މަސްތުވާތަކެއްޗާ ދެކޮޅަށް ހިންގި އޮޕަރޭޝަނެއްގެ ތެރެއިން: ސަން ފޮޓޯ

މިއަދު ދިވެހި ޖައްވުން އިވެނީ ނާމާންކަމުގެ އަޑެވެ. ކުށްވެރިންގެ ސަބަބުން މުޅި މުޖުތަމަޢުގައި ބިރުވެރިކަން ފެތުރެނީއެވެ. ޚަބަރުތަކުގެ ސުރުޚީތައް އެއް ވާހަކައަކުން ބަރާވެއްޖެއެވެ. ކޮންމެ މީހަކު ވެސް ޚަބަރުތައް ކިޔާފައި ގޮތްހުސްވެ މާޔޫސްވުމުގެ އިޙުސާސް ކުރުމަށްވުރެ ބޮޑުވަރެއް ކުރެވެން ނެތްކަމަށް ބަލައި ހަނުތިބެނީއެވެ.

ބިރުވެރި މި ހާދިސާ ހިނގައިދިޔަގޮތް ބެލުމުގައި ފުލުހުންނާއި އެނޫން މުއައްސަސާތައް އެދެވޭ ގޮތެއްގައި ހަރަކާތްތެރި ނުވާކަމަށް އެއްބަޔަކު ބުނަމުން ދާއިރު، އަނެއް ބަޔަކު ބުނާތީ އިވެނީ ދައުލަތުގެ އިސް މަޤާމުތަކުގައި ތިބި ބޭބޭފުޅުންގެ ޢާއިލާތަކަށް ނިސްބަތްވާ ބަޔަކު މި ކަމުގައި އުޅޭތީ މައްސަލައަށް އިހުމާލު ވަނީ ކަމުގައެވެ.

ރަށުތެރެ އަމާންކޮށް ބާއްވައިދިނުމުގެ ޒިންމާ އެ ބައެއްގެ ކޮނޑުގައި އޮތް މުއައްސަސާ ދޮށަށް އެއްވެ އަޑުއުފުލާ ރައްޔިތުންގެ އެ މަސައްކަތް، އެއް ބަޔަކު ސިޔާސީ މިސްރާބަށް ދީލައިލަން އުޅޭ ކަމުގެ ތުހުމަތުތައް އަނެއް ބަޔަކު ކުރަނީއެވެ. ހުރިހާ ގޮތަކުން ވެސް އާންމު ރައްޔިތުމީހާ ބިރުވެރި ކަމުގެ ތެރޭ ތާށިވަނީއެވެ. ހަދާނެ ގޮތް ހުސްވެ މާޔޫސްވަނީއެވެ.

އިސްލާމުންނަކީ އިޞްލާޙީ މަސައްކަތުގައި ކޮންމެހެން ވެސް އުޅެންޖެހޭ ބައެކެވެ. އިޞްލާޙީ މަސައްކަތްކުރުމުގެ ޒިންމާ ފަރުދީ ގޮތުން ކޮންމެ މީހެއްގެ ބޮލުގައި ވެސް އެޅިފައި އޮވެއެވެ. އެ ޒިންމާއަށް އިހުމާލުވާ ހިސާބުން އިޞްލާޙުގެ މަގު ބަންދުވެއެވެ. ފަސާދައަށް ދޮރެއްހުޅުވެއެވެ.
އެ މީހަކަށް ކުޅަދާނަކަން ލިބުނު މިންވަރަކުން ނުބައި ޢަމަލުތައް ހުއްޓުވުމަށް އިރުޝާދުދެއްވައި ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރެއްވިއެވެ.«مَن رَأَى مِنكُم مُنْكَرًا فَلْيُغَيِّرْهُ بيَدِهِ، فإنْ لَمْ يَسْتَطِعْ فَبِلِسانِهِ، فإنْ لَمْ يَسْتَطِعْ فَبِقَلْبِهِ، وذلكَ أضْعَفُ الإيمانِ.» (صحيح مسلم) މާނައީ: "ތިޔަބައިމީހުންގެ ތެރެއިން މީހަކަށް ގޯސް ކަމެއް ފެންނަ ހިނދު އެ ކަން އޭނާގެ އަތުން ހުއްޓުވާށެވެ. ފަހެ، އެ ކަމަށް ކުޅަދާނަވެގެން ނުވާ މީހާ އޭނާގެ ދުލުން އެ ކަން މަނާކުރާށެވެ. ފަހެ، އެ ކަމަށް ކުޅަދާނަވެގެން ނުވާ މީހާ އޭނާގެ ހިތުން އެ ކަމަށް އިންކާރުކުރާށެވެ. އަދި (ދަންނާށެވެ!) އެއީ، އީމާންކަމުގެ އެންމެ ކުޑަ މިންވަރެވެ."

ބައެއް މީހުންނަށް ހީވެފައި އޮންނަނީ އަތުން މަނާކުރުމަކީ ހަމައެކަނި ސަރުކަރުގެ މުއައްސަސާތަކުން ކުރަން ޖެހޭ ކަމެއް ކަމަށެވެ. އެހެނަކުންނޭނެވެ. އެ މީހެއްގެ ފަރުދީ ޒިންމާއާ މެދު ވިސްނައިލުމުން، ތިމާގެ އަތުގައި ވެސް މުންކަރާތް ހުއްޓުވުމުގެ ބާރު އޮތްކަން އެނގޭނެއެވެ. ތިބާއީ ޢާއިލާއެއްގެ ބައްޕައެއް ނަމަ ތިބާގެ ދަރި ނުވަތަ ދަރީން ގޯސް ކަންކަމުގެ ތެރެއަށް ދިޔުން ހުއްޓުވެން ވާނެއެވެ. އެއީ ދުލުން އުފުލަން ޖެހޭ ޒިންމާއެއް ކަމަށް ބަލައި، ބުނެގެން އެކަނި ފުއްދައިނުލާށެވެ. ނުވަތަ ތިމަންނާ ނުރުހެމޭ ބުނުން އެއީ ކުރެވެން އޮތް އެންމެ ބޮޑުވަރު ކަމުގައި ވެސް ނުދެކޭށެވެ.

މިހާރު ހިނގައިގެން މި އުޅޭ ހާދިސާއަކީ ވެސް ކޮންމެސް ބައެއްގެ ދަރިންތަކެއް އެ ކަމުގައި ހިމެނޭ ހާދިސާއެއް ނޫނެތޯއެވެ؟ އެ ކުދިންގެ މައިންބަފައިން މިއަދު ވަރަށް ދެރަވާނެ ނޫންހެއްޔެވެ؟ ހިތާމަ ނުކުރާނެހެއްޔެވެ؟ އެއްވެސް ޝައްކެއްނެތި އެނގެނީ އެ ކަމާ އުފާނުވާނެ ކަމެވެ. މި ހާދިސާ މިހެން ހިނގާނެކަން އެނގޭ ނަމަ އޭގެ ފެށުމުގައި އެ މައިންބަފައިން އެ ކަން ނުހުއްޓުވީސްހެއްޔެވެ؟ ނޫނެކެވެ. ހުއްޓުވާނެއެވެ. ދިޔަކަ ނުދޭނެއެވެ. ދަރިފުޅު ދާނެހާ ތަނަކަށް ދާން ދޫކޮށްފައި މަންމަ ނުވެސް ނިދީހެވެ. ބައްޕަ އޭނާގެ އަތުން ހުއްޓުވީހެވެ.

މި ހާދިސާ ފެންމަތިވެގެން މި އުޅެނީ އަންހެން ކުއްޖެއްގެ ފުރާނައަށް ނުރައްކާވީމައެވެ. ދިރިހުރުމާއި މަރުވުމުގެ ދެމެދުގައި އެ ކުއްޖާ ތާށިވީމައެވެ. އެހެން ނޫންނަމަ އެރޭ އެ ކުރި ޕާޓިއެއް ނިމިގެން ހުރިހާ ޒުވާނުން އެނބުރި ގޭގެއަށް ގޮސް އާންމު ދިރިއުޅުމުގެ ތެރޭ އުޅެން ފަށާނީއެވެ. އެ ކަން އެ ހިސާބުން އެ ނިމުނީއެވެ. އެ ޕާޓީގައި ރާބުއި ވާހަކައެއް މަސްތުވި ވާހަކައެއް އަދި ޒިނޭކުރި ވާހަކައެއް ވެސް ނުދެއްކީހެވެ. މިއީ މިއަދު ރާއްޖޭގައި، ޚާއްޞަކޮށް މާލޭގައި އާންމުވަމުން އަންނަ ކަމެއް ކަމުގައި ކުށުގެ ރެކޯޑުތައް އެންމެ ގިނައި ހުންނަ ފުލުހުންގެ އިދާރާއިން ބުނެއެވެ.

ޕާޓީކުރުމަކީ މިހާރު އެންމެން ދަންނަ މުޞްޠަލަޙެކެވެ. އޭގެ މާނައަކީ ކޭކެއް ފަޅައިގެން ހެދިކާ ބަހައްޓައިގެން ސައިބޮއެފައި ގެއަށް އަންނަ އައުމެއް ނޫނެވެ. މިއަދުގެ ޒުވާނުންގެ ތެރޭ ޕާޓީކުރުމޭ ބުނުމުން އެނގޭ އެއްޗަކީ ރާބުއިމާއި މަސްތުވުމާއި ޒިނޭކުރުމެވެ. ޕާޓީގައި ބޭނުންކުރާނޭ ޑްރަގު ހުންނަ ކަމާއި އެ ބާވަތުގެ ޑްރަގު މި ރާއްޖެއިން ލިބެން ހުންނަހުރުން މިއީ ކިހާ ބޮޑު އަޖާޢީބެއްހެއްޔެވެ؟ ރާ އެއީ އެ ޕާޓިތަކުގެ ބުއިން ކަމުގައި ވެފައި ރާ ލިބެން ހުންނަހުރުން މިއީ ކިހާ އަޖާޢިބު ކަމެއް ހެއްޔެވެ؟ އަންހެން ކުދިން އެއީ އެތައް ބައިވަރު ފިރިހެނުންނެއް ވެގެން އެއްފަހަރާ ޒިނޭކުރަން ގެންގުޅޭ ބަޔަކަށް ވެފައި، އިސްލާމީ މިފަދަ ވެއްޓެއްގައި ޒިނޭކުރަން ރުހޭ އަންހެން ކުދިން ލިބޭލިބުން މިއީ ކިހާ ބޮޑު އަޖާޢިބެއްހެއްޔެވެ؟ މި ހުރިހާ ކަމެއް މިހެން ހިނގާކަން ބުނަމުން ރެކޯޑުތައް ހާމަކުރަމުން ހިންގާ މުއައްސަސާތަކަށް މި ކަންކަން ނުހުއްޓުވުން މިއީ އަދި އަޖާޢިބުކަން މާ ބޮޑު މައްސަލައެއް ނޫންތޯއެވެ؟

މި ކަންކަން ނުހުއްޓި މިހެން އޮންނާނީ ކިހާ ދުވަހަކުބާއެވެ؟ މި ރާއްޖޭގައި ޕާޓީކުރުން އެކީ އެކަށް ހުއްޓުވަން ޖެހެއެވެ. ދުނިޔެއިން މި ފެންނަ ގެއްލުންތަކަށްވުރެ އާޚިރަތުގައި އެ ކުދިންނަށް ލިބޭނޭ ގެއްލުން މާބޮޑެވެ.
އިންސާނުންގެ ތެރޭ ޖެހޭ މައްސަލަތަކާއި ހިނގާ ހަމަނުޖެހުންތައް ހުއްޓުވައި އެބައިމީހުންގެ މެދުގައި ޞުލްޙަމަސަލަސްކަމާއި އަމާންކަން ޤާއިމުކުރާނޭ ބަޔަކު ތިބޭނެއެވެ. ތިބެން ވެސް ޖެހޭނެއެވެ. އެއްވެސް ޝައްކެތްނެތް ގޮތުގައި އެ ބަޔަކީ ﷲއަށް އީމާންވާ މީހުންނެވެ. އެފަދަ މީހުންނަކީ އެންމެ ހެޔޮ މީހުން ކަމުގައި އަންގަވައި ﷲ ވަޙީކުރެއްވި ބަސްފުޅުގެ މާނައިގައި ވެއެވެ. "މީސްތަކުންނަށް ޓަކައި ނެރުއްވި، އެންމެ ހެޔޮ އުންމަތް ކަމުގައި ތިޔަބައިމީހުން ވީމުއެވެ. (އެހެނީ) ތިޔަބައިމީހުން ހެޔޮކަންތަކަށް އަމުރުކުރަމުއެވެ. އަދި، ނުބައިކަންތައް ނަހީކުރަމުއެވެ. އަދި، ތިޔަބައިމީހުން ﷲއަށް އީމާންވަމުއެވެ."

މި އާޔަތުގައި "ތިޔަބައިމީހުން" ކަމުގައި އެ އަންގަވަނީ މުސްލިމުންގެ ވާހަކައެވެ. އެ ވާހަކަ ބަޔާންކުރެއްވި ފޮތް، ކިޔަވާ މީހުންގެ ވާހަކައެވެ. އީމާންވެ ހެޔޮ ޢަމަލުކުރާ މީހުންގެ ވާހަކައެވެ. ހެޔޮ ކަންކަމަށް ގޮވައިލާ މީހުންގެ ވާހަކައެވެ. މިފަދަ މާތް މީހުންގެ ތެރޭ ގޯސް ކަންކަން ހުއްޓުވުމުގެ ރޫޙު ނެތި ދާނަމަ، ބިން މުޅިން ފަސާދަވެދާނެއެވެ.

comment ކޮމެންޓް