ވޮޝިންޓަން (26 އެޕްރީލް 2025) : އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައެއްގެ ތެރެއަށް އެމެރިކާ ވައްޓާލުމަކީ އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫއަށް ކުރެވޭނެކަމެއް ނޫންކަމަށް ވިދާޅުވެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވި ބަޔާނަކާ ގުޅިގެން ނަތަންޔާހޫ ވަރަށް ބޮޑަށް ރުޅިއައިސް މާޔޫސް ވެފައިވާކަމަށް އިސްރާއީލުގެ މީޑީއާތައް ބުނެފިއެވެ.
އިސްރާއީލުގެ ނޫހެއްކަމަށްވާ "ހާއާރެޓްސް" ބުނިގޮތުގައި ނަތަންޔާހޫ ދިޔައީ ޓްރަމްޕްގެ ވެރިކަމުގައި އެމެރިކާ ލައްވައި އީރާނުގެ ނިއުކްލިޔާ ޕްރޮގްރާމު ފުނޑާލެވޭނެކަމަށް ވަރަށް ބޮޑަށް އުންމީދުކޮށް އެކަމަށް ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ.
ނަމަވެސް އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައެއްގެ ތެރެއަށް އެމެރިކާ ވައްޓާލުމަކީ ނަތަންޔާހޫއަށް ކުރެއްވޭނެކަމެއް ނޫންކަމަށް ވިދާޅުވެ ޓްރަމްޕް އިއްޔެ ދެއްވި ބަޔާނަށްފަހު ނަތަންޔާހޫ ވަނީ ރުޅިއައިސް, އުންމީދު ގެއްލި, ވަރަށް ބޮޑަށް މާޔޫސްވެފައި ކަމަށް ރިޕޯޓްތައް ބުނެއެވެ.
ޓްރަމްޕްގެ ބަޔާނަށްފަހު އިސްރާއީލުގެ އިސްވެރިންނާއެކު ބޭއްވި ބައްދަލުވުމެއްގައި އިސްރާއީލު އެކަނިމާއެކަނިވެސް އީރާނަށް ހަމަލާދޭނެކަމަށް ބުނެ ޓްރަމްޕަށް ގޮންޖަހާ ރާގަކަށް އެބައްދަލުވުމުގައި ނަތަންޔާހޫ ވަރަށް މާޔޫސްވެ ދެރަވެފައި އިއްޔެ ވާހަކަ ދެއްކި ކަމަށް "ހާއާރެޓްސް" ބުނެއެވެ.
ޓައިމް މަޖައްލާއަށް މިމަހުގެ 22 ވަނަ ދުވަހު ޓްރަމްޕް ދެއްވި ބަސްދީގަތުމެއްގައި ޓްރަމްޕް ވިދާޅުވީ އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައެއްގެ ތެރެއަށް އެމެރިކާ ވައްޓާލުމަކީ ނަތަންޔާހޫއަށް ކުރެވޭނެކަމެއް ނޫން ކަމަށެވެ. މި ބަސްދީގަތުން ޓައިމް މަޖައްލާއިން ޝާއިއު ކޮށްފައިވަނީ އިއްޔެ އެވެ.
ޓްރަމްޕް ވިދާޅުވިގޮތުގައި އެމެރިކާ އީރާނާދެކޮޅަށް ޝާމިލް ހަނގުރާމެއް ނުފެށިނަމަވެސް އީރާނާއެކު ކުރިޔަށްދާ ނިއުކްލިޔާ ވާހަކަތައް ކޮޅެއްގައި ނުޖެހިއްޖެނަމަ އީރާނުގެ ބައެއް ތަންތަނަށް ހަމަލާ ދިނުމަކީ އެމެރިކާ ކޮށްފާނެކަމެކެވެ. އީރާނަށް ހަމަލާދޭނެކަމުގެ ވާހަކަ ޓްރަމްޕް ދައްކަވަނީ ނިއުކްލިޔާ ވާހަކަތަކުގައި އީރާނަށް ބިރުދައްކައިގެން ދޫ ހޯދުމުގެ ބޭނުމުގައިކަމަށް މިކަން ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.
ޓައިމް މަޖައްލާއަށް ދެއްވި ބަސްދީގަތުމުގައި ޓްރަމްޕްވަނީ އީރާނުގެ ދީނީ މުރުޝިރު އަދި ރޫޙީ ލީޑަރު އާޔަތުﷲ އަލީ ޚަމަނާއި އާ ތެހެރާންގައި ބައްދަލުކުރަން ބޭނުންފުޅުވާކަމަށް ވެސް ވިދާޅުވެފައެވެ.
"އީރާނުގެ ސްޕްރީމް ލީޑަރު އާޔަތުﷲ އަލީ ޚަމަނާއި ނޫނީ އީރާނުގެ ރައީސް މަސްއޫދު ބަޒެޝްކިޔާން އާ ބައްދަލުކުރަން އަހަރެން ބޭނުން. މި ބައްދަލުކުރެއްވުން ބާއްވަން ބޭނުންވަނީވެސް އީރާނުގެ ވެރިރަށް ތެހެރާންގައި" ޓައިމް މަޖައްލާއަށް ދެއްވި ބަސްދީގަތުމުގައި ޓްރަމްޕް ވިދާޅުވިއެވެ.
ޓްރަމްޕަކީ އެކިފަހަރު އެކިގޮތަށް ވާހަކަ ދައްކަވާ ބޭފުޅެކެވެ. އެވަގުތަކު ޕްރެޝަރު ކުރަން ބޭނުންފަރާތަކާ ދެކޮޅަށް އިންޒާރު ދެއްވައި ބުލީކުރައްވައި ބިރު ދެއްކުމަކީ ޓްރަމްޕްގެ ޑިޕްލޮމަސީއެވެ. މިއަދު މިގޮތަށް ވާހަކަ ދައްކަވާފައި، މާދަމާ ޓްރަމްޕް އަނެއްކޮޅަށް ވާހަކަ ދެއްކެވުމަކީވެސް ވަރަށް ގާތްކަމެވެ. އެއީ އޭނާގެ އުސޫލާއި ބަހުރުވަ ހުންނަ ގޮތެވެ.
ނަމަވެސް މުހައްލިލުން ވިދާޅުވާ ގޮތުގައި ޓްރަމްޕްގެ މިބަޔާނުން އެނގޭ އެއްޗަކީ އެމެރިކާލައްވައި އީރާނާދެކޮޅަށް ހަނގުރާމައެއް ފެށުމަށް ނަތަންޔާހޫ ވަރަށް ބޮޑަށް ބާރުއަޅައި އެމެރިކާގައިވާ ޔަހޫދީ ލޮބީ ގްރޫޕްތައް ލައްވައި އިސްރާއީލުން އެމެރިކާއަށް ޕްރެޝަރު ކުރަމުން ގެންދާކަމުގެ އިހުސާސް ޓްރަމްޕް ކުރައްވާކަމެވެ. އަދި އެ ޕްރެޝަރުގައި ޖެހެން ޓްރަމްޕް ބޭނުންނުވާ ކަމެވެ.
އީރާނުގެ ނިއުކްލިޔާ ސައިޓްތަކަށް ބޮންއަޅައި އީރާނުގެ މަރުކަޒުތައް ފުނޑާލައި އެތަންތަން ހަލާކުކޮށްލުމަކީ ނަތަންޔާހޫގެ މައިގަނޑު ލަނޑުދަނޑިއެވެ. އެކަމަށް ނަތަންޔާހޫގެ އިތުރުން އިސްރާއީލުގެ އެ ނޫން ވެރިންވެސް ވަރަށް ބޮޑަށް މަސައްކަތްކޮށްފައި ވެއެވެ.
ނަމަވެސް ރައްދުގައި އީރާނުން އިސްރާއީލުގެ ނިއުކްލިޔާ ޕްރޮގްރާމް ފުނޑާލާނެތީއާ އަދި އެކަމުގެ ސަބަބުން މުޅި ސަރަހައްދުގައި ބޮޑު ހަނގުރާމައެއް ހިނގާނެކަމުގެ ބިރު އޮތުމުންނާ އަދި ހަމަލާދިނަސް އީރާނުގެ ނިއުކްލިޔާ މަރުކަޒުތައް ފުނޑާލެވޭނެކަމުގެ ޔަގީންކަން ނެތުމުން، މިއީ އެމެރިކާއަށްވެސް އަދި އިސްރާއީލަށްވެސް މިހާތަނަށް ކުރަން ކެރިފައިނުވާ ކަމެކެވެ.
އީރާނުގެ ނިއުކްލިޔާ މަރުކަޒުތައް ފުނޑާލުމަކީ އިސްރާއީލަށް ކުރެވޭ ވަރަށްވުރެ މާބޮޑު ކަމެކެވެ. އީރާނުގެ ނިއުކްލިޔާ މަރުކަޒުތަކަށް ހަމަލާދީފިނަމަ ދެން އީރާން ނުކުންނާނީ ނިއުކްލިޔާ ބާރެއްގެ ގޮތުގައި ކަމަށް ވުމަކީ އެމެރިކާވެސް އެންމެ ޖެހިލުންވާ ސަބަބުކަމަށް މުހައްލިލުން ވިދާޅުވެއެވެ.
އަމިއްލަ ނަފްސު ދިފާއު ކުުރުމަށްޓަކައި ނިއުކްލިޔާ ހަތިޔާރު އުފައްދަން ޖެހިއްޖެ ހާލަތަށް ކަންތައް ގޮސްފިނަމަ އެކަން ކުރާނެކަމުގެ އިންޒާރު އީރާންވަނީ ދީފައެވެ. އީރާނަކީ ބޭނުންވެއްޖެ ހާލަތެއްގައި ނިއުކްލިޔާ ހަތިޔާރު އުފެއްދުމުގެ ގާބިލްކަން ލިބިފައިވާ ގައުމެކެވެ.
އީރާނަށް ހަމަލާދޭނެކަމުގެ ހަރުކަށި އިންޒާރުތައް ދިނުމަށްފަހު ޓްރަމްޕް ވަނީ އީރާނާއެކު ވާހަކަ ދައްކަން ފަށާފައެވެ. މިއީވެސް ނަތަންޔާހޫ ވަރަށް ބޮޑަށް ރުޅިއައި ކަމެކެވެ.
އެމެރިކާއާއި އީރާނުން ނިއުކްލިޔާ ވާހަކަތަކުގެ ދެބުރު މިހާތަނަށް ބާއްވާފައިވާއިރު މާދަމާ މީގެ ތިންވަނަ ބުރު އުމާންގެ ވެރިރަށް މަސްގަތުގައި ބޭއްވުމަށްވަނީ ހަމަޖެހިފައެވެ.