ޔުމްނުގެ އަބުރަށް ގެއްލުންވާފަދަ މައުލޫމާތެއް އާންމު ނުކުރާން ފުލުހުންނަށް އަންގައިފި

ޕީޖީ އައްބާސް: އޭނާ ވަނީ ޔުމްނުގެ އަބުރަށް ގެއްލުންވާފަދަ މައުލޫމާތެއް އާންމު ނުކުރާން ފުލުހުނަށް އަންގާފަ -- ސަން ފޮޓޯ/ ނާއިޝް ނާހިދު

ފުރާޅެއް މައްޗަށް ވެއްޓިފައި އޮއްވައި ފެނުނު 21އަހަރުގެ ހައްވާ ޔުމުނު ރަޝީދުގެ އަބުރާއި ކަރާމާތަށް އުނިކަން އަންނާނެފަދަ އެއްވެސް މަޢޫލޫމާތެއް އިތުރަށް ހާމަނުކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ފުލުހުންނަށް އަންގައިފިއެވެ.

ޔުމްނު ފުރާޅެއްގެ މައްޗަށް ވެއްޓިފައި އޮއްވައި ފެނުނީ މިމަހުގެ 18ވަނަ ދުވަހުއެވެ.

މި މައްސަަލައާ ގުޅިގެން ޕީޖީ އޮފީހުން ނެރެފައިވާ ބަޔާނުގައި ވަނީ މިމަހުގެ 24ވަނަ ދުވަހު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ޔުމްނުގެ ޒާތީ މައުލޫމާތާއި، ފޮޓޯ އަދި ވީޑިއޯ އާންމުކޮށްފައިވާކަމަށެވެ. އެހެންކަމުން އޭނާގެ އަބުރާއި ކަރާމާތަށް އުނިކަން އަންނާނެފަދަ އެއްވެސް މަޢޫލޫމާތެއް އިތުރަށް ހާމަނުކުރުމަށާއި، މިފަދަ ކަންކަން ތަކުރާރުނުވާނެ ގޮތުގެ މަތިން ފުލުހުންގެ މަސައްކަތްތައް ބައްޓަންކުރުމަށް ދަންނަވާފައި ވާނެކަމަށް އެ ބަޔާނުގައި ވެއެވެ.

އެ ބަޔާނުގައި ވަނީ، ޖިނާއީ ތަހުގީގުތަކާ ގުޅިގެން މައުލޫމާތު ހާމަކުރުމުގައި ހަމަހަމަކަމާއެކު، ޤާނޫނުއަސާސީން ފަރުދުންނަށް ކަށަވަރުކޮށްދީފައިވާ ހައްގުތަކަށް އުނިކަން ނާންނާނެފަދަ ގޮތަކަށް ޢަމަލުކުރުމަށް ވެސް ފުލުހުންގެ ކިބައިން އެދިފައި ވާނެކަމަށެވެ.

"...ޖިނާއީ ކުށްތަކާ ގުޅިގެން މަޢުލޫމާތު އާންމުކުރުމުގައި އޮޅުންނާރާނެގޮތަށް، ހާމަކަމާއެކު، ފުރިހަމަ މައުލޫމާތު ފޯރުކޮށްދިނުމަށާއި، ތަހުގީގަށް ހުރަސްނޭޅޭނެ ގޮތަށް މައުލޫމާތު ހާމަކުރުމަށް ދަންނަވާފައިވާނެ،" އޭ ބަޔާނުގައި ވެއެވެ.

މީގެ އިތުރުން، މި މައްސަލަ ތަހުގީގުކުރުމުގައި އެއްވެސް އޮފިސަރެއްގެ ފަރާތުން އިހުމާލެއް އަދި އިޖުރާއަތްތަކާ ޚިލާފު އަމަލެއް ކޮށްފައިވޭތޯ ބަލައި، އެކަމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ވެސް އަންގާފައިވާނެ ކަމަށް އެ ބަޔާނުގައިވެއެވެ.

އެ ބަޔާނުގައި ވަނީ، މި މައްސަލައިގެ ތަހުގީގު ހިނގަމުންދާ ގޮތާމެދު އާންމުންގެ ހުރި ޝަކުވާތައް ޕީޖީ އޮފީހަށް ހުށަހެޅުމުން، އެ ޝަކުވާތަކާމެދު ވެސް، ޤާނޫނުގައިވާ ގޮތުގެ މަތިން ފިޔަވަޅު އަޅާނެ ކަމަށެވެ.

އަދި ޖިނާއީ މައްސަލަތަކާ ގުޅޭ މައުލޫމާތު ފެތުރުމުގައި، ނޫސްވެރިންނާއި، އާންމު ރައްޔިތުން ވެސް، މައްސަލާގައި އަނިޔާލިބޭ މީހުންގެ ހައްގުތަކަށް އުނިކަން ނާންނާނެގޮތަށް އަމަލުތައް ބެހެއްޓުމަށް ޕީޖީ ވަނީ އިލްތިމާސްކޮށްފައެވެ.

comment ކޮމެންޓް