ސުނިލް ޝެޓީ ބުނީ ފަސްނުޖެހި ޗުއްޓީއަށް ފަތުރުވެރިން ކަޝްމީރަށް ދިއުމަށް

ފިލްމީ ތަރި ސުނިލް ޝެޓީ--ފޮޓޯ/ޓެލެގްރާފްއިންޑިއާ

ކުރިއަށްހުރި ޗުއްޓީ ދަތުރު ކަޝްމީރަށް ދިއުމަށް ރާވާފައި ވާނަމަ އެ ދަތުރު ކެންސަލް ނުކޮށް ކަޝްމީރަށް ދިއުމަށް ބޮލީވުޑް އެކްޓަރު ސުނިލް ޝެޓީ ފަތުރުވެރިންނަށް ގޮވާލައިފިއެވެ.

އިންޑިއާގައި ބޭއްވި ލަތާ ދީނާނާތު މަންގޭޝްކަރު އެވޯޑު ހަފްލާގައި ވާހަކަ ދައްކަމުން ސުނިލް ޝެޓީ ބުނީ، ޓެރަރިސްޓު ޖަމާޢަތްތަކަށް ބިރުވެތި އެ މީހުންގެ ދަންމަޅީގައި ނުޖެހުމަށެވެ.

ޓެރަރިޒަމް ފަތުރާ މީހުންގެ މައިގަނޑު މަގްސަދަކީ މީހުންނަށް ބިރު ދެއްކުމަށް ފަހު އެއްބަޔަކު އަނެއް ބައެއްގެ މެދުގައި ފިތުނަ ފަސާދަ އުފައްދާ ނަފުރަތު އުފެއްދުން ކަމަށާއި އެކަން ހައްލު ކުރެވޭނީ އެންމެންވެސް އެކުވެރިކަމާ އެކު އެކައްޗެއް ކިޔައި މަސައްކަތްކޮށްގެން ކަމަށް ސުނިލް ޝެޓީ ވަނީ ބުނެފައެވެ.

އިންޑިއާގެ ހުރިހާ ރައްޔިތުންގެ ކިބައިން އެދޭ ހަމައެކަނި އެދުމަކީ ދެން ޗުއްޓީ ދަތުރެއް ރާވާއިރު އެ ޗުއްޓީ ހޭދަކުރާ ތަނަކީ ކަޝްމީރު ކަމަށް ހެދުމަށް ސުނިލް ވަނީ ބުނެފައެވެ.

ލަތާ ދީނާނާތު މަންގޭޝްކަރު އެވޯޑު ހަފްލާގައި ސައުތު ބަތަލާ ސޮނާލީ ކުލްކަރުނީ އަދި ސުނިލް ޝެޓީ--ފޮޓޯ/ބޮލީވުޑްހަންގާމާ

މިދިޔަ އަންގާރަ ދުވަހު ކަޝްމީރުގެ އަވަށެއް ކަމަށްވާ ޕަހަލްގަމްއަށް ދިން ޓެރަރިސްޓު ހަމަލާއާ ގުޅިގެން ސުނިލް ބުނެފައި ވަނީ އެފަދަ ހަމަލާތަކުން އިންޑިއާ ރައްޔިތުންގެ އަޒުމް ގުޑުވާނުލެވޭނެކަން ސާބިތުކޮށްދޭންޖެހޭ ކަމަށެވެ.

ސުނިލް ޝެޓީ ބުނެފައި ވަނީ އިންސާނިއްޔަތު ކަމަށްވުރެ އިސްކަންދިނުން މުހިއްމު އެއްވެސް ކަމެއް ނެތް ކަމަށާއި އެކަކު އަނެކަކަށް އެހީތެރިވެ އިންސާނިއްޔަތުކަން ދެމެހެއްޓުމަކީ މުޖްތަމަޢަށް އެންމެ މުހިއްމު އެއް ކަންތައް ކަމަށެވެ. އަދި އިންޑިއާ ރައްޔިތުންގެ މެދުގައި ނަފުރަތު އުފެއްދުމުގެ ފުރުސަތު އެއްވެސް ބަޔަކަށް ނުދިނުމަށް ސުނިލް ވަނީ ގޮވާލާފައެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ ހިންދުސްތާން ޓައިމްސްގައި ބުނެފައިވާ ގޮތުން ސުނިލް ވަނީ ކަމާބެހޭ ފަރާތްތަކުން ހުއްދަދީފިނަމަ ކަޝްމީރަށް ދިއުމަށް ތައްޔާރަށް ހުރި ކަމަށް ބުނެފައެވެ.

ފިލްމީ ތަރިންގެ ގޮތުގައި ވިޔަސް ނުވަތަ ފަތުރުވެރިންގެ ގޮތުގައި ވިޔަސް ކަޝްމީރަށް ދިއުމަށް އެކްޓަރު ހުރީ ތައްޔާރަށް ކަމަށާއި ކަޝްމީރު އޮންނާނީ އަބަދުވެސް އިންޑިއާގެ ތަނެއްގެ ގޮތުގައި ކަމަށް ސުނިލް ވަނީ ބުނެފައެވެ.

comment ކޮމެންޓް