ރޯސްމެރީ: މީރު ރަހަތަކާ އެކު ސިއްހީ ފައިދާތައް ވެސް ގިނަ

ރޯސްމެރީ: ފަހަކަށް އައިސް ދިވެހިން ބައެއް ކެއުންތަކުގައި ބޭނުންކުރާ ބާވަތެއް--ފޮޓޯ/ޕިންޓްރެސްޓް

މި ފަހަކަށް އައިސް ރާއްޖޭގެ ބާޒާރުމަތިން ވެސް ފެންނަ ރޯސްމެރީ އަކީ ވަރަށް ގިނަ ކެއުންތަކުގެ ރަހައަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދޭ ބާވަތެކެވެ.

އާއްމުކޮށް މެޑިޓެރޭނިއަން ރީޖަންގައި ހައްދާ އުޅޭ މި ބާވަތަކީ ސްޕެއިން އަދި ޕޯޗުގަލް ފަދަ ޤައުމުތަކުގައި ވެސް ވަރަށް ގިނައިން ހައްދާ ބާވަތެކެވެ.

ވަރަށް ގިނަ ބަޔަކު ޤަބޫލުކުރާ ގޮތުގައި ރޯސްމެރީ އަކީ ކެއުމަށް މީރު ރަހައެއް ގެނެސްދިނުމުގެ އިތުރުން ސިއްހީ ގޮތުން ގިނަ ފައިދާތަކެއް އެއި ހަށިގަނޑަށް ލިއްބައިދޭ ބާވަތެކެވެ.

އޭގެތެރޭގައި ގައިގެ މަސްތަކުގައި ރިއްސާ ރިއްސުމަށް ލުޔެއް ހޯދައި ދިނުމުގެ އިތުރުން ހަށިގަނޑުގެ ދިފާޢީ ނިޒާމު ވަރުގަދަކޮށްދީ ކަންކަން ހަނދާން ނެތޭ ބައްޔަށް ލުޔެއް ހޯދައިދެއެވެ.

އާއްމުކޮށް ކުކުޅު ފަދަ މަހުގެ ބާވަތްތައް ފިހެލުމަށާއި ތެލުލާއިރު ރޯސްމެރީ ބޭނުންކުރޭ--ފޮޓޯ/ޕިންޓްރެސްޓް

ރެޖިސްޓަޑް ޑައިޓީޝަން އަދި ނިއުޓްރީޝަން އެމީ ރިޗްޓާ ބުނެފައިވާ ގޮތުގައި، ރޯސްމެރީ އަކީ އޭގައި ދަގަނޑުގެ މާއްދާގެ އިތުރުން، ކެލްސިއަމް އަދި ވިޓަމިން ބީ6ގެ މާއްދާ މަތީ މިންވަރަކަށް އެކުލެވޭ ބާވަތެކެވެ.

ނިއުޓްރީޝަން އެމީ ރިޗްޓާ ފާހަގަކޮށްފައިވާ ގޮތުގައި ރޯސްމެރީގައި އެކުލެވޭ ސިއްހީ މާއްދާތަކުގެ ސަބަބުން ގައިގެ ތަންތަން ދުޅަވުން ދުރުކޮށްދީ ހަށިގަނޑުގައި އިންފެކްޝަން އުފެދޭ އުފެދުން މަދުކޮށްދެއެވެ.

ހަމައެއާއެކު މިއީ އަމިއްލަ ނަފުސާނީ ދުޅަހެޔޮކަމަށް ވެސް ވަރަށް ބޮޑު އެހީއެއް ކަމަށް ޑައިޓީޝަން އަދި ނިއުޓްރީޝަން އެމީ ރިޗްޓާ ވަނީ ބުނެފައެވެ.

ދެހާސްވިހި ވަނަ އަހަރު ޖަޕާނުގެ 42 ފިރިހެނުން ބައިވެރިކޮށްގެން ކުރި ދިރާސާއަކުން އެނގުނު ގޮތުގައި އޭގެތެރެއިން ހަތަރު ހަފްތާ ވަންދެން ރޯސްމެރީ ބޭނުންކުރި މީހުންގެ ނިދުމުގެ ދުޅަހެޔޮކަން އިތުރުވެ ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުމަށް ބޭނުންވާ ހަކަތަ އިހުނަށްވުރެ އިތުރުވިއެވެ.

ތަފާތު އެކި ވައްތަރުގެ ސައި ތައްޔާރުކުރުމަށް ވެސް ރޯސްމެރީ ބޭނުންކުރޭ--ފޮޓޯ/ޕިންޓްރެސްޓް

ރޯސްމެރީ އަކީ އަވަސް އަވަހަށް ކަންކަން ހަނދާންނެތޭ، މީހުންނަށް ވެސް ބޭނުންކުރެވިދާނެ މުހިއްމު ބާވަތެއްގެ ހާބްސްއެއް ކަމަށް އެމީ ރިޗްޓާ ވަނީ ފާހަގަކޮށްފައެވެ.

ދެހާސްއަށާރަ ވަނަ އަހަރު ރޯސްމެރީ ސަޕްލިމެންޓްސްތައް އެއް މަސް ވަންދެން ބޭނުންކުރި ކުދިންގެ މެމޮރީ ޕާފޮމެންސް ފާހަގަކުރެވޭ މިންވަރަށް ރަނގަޅުވެފައިވާ ކަމަށް ދިރާސާއަކުން ދައްކާފައިވާ ކަމަށް އެމީ ރިޗްޓާ ވަނީ ބުނެފައެވެ.

ރޯސްމެރީއިން ލިބިދޭ އިތުރު ސިއްހީ ފައިދާތަކުގެ ތެރޭ ހަމުގެ ދުޅަހެޔޮކަން އިތުރުކޮށްދީ ކެންސަރުގެ ބަލިތަކުން ރައްކާތެރިކަން ހޯދުމަށް ވެސް އެހީވެދޭ ކަމަށް އެމީ ރިޗްޓާގެ ލިޔުމެއްގައި ވަނީ ފާހަގަކޮށްފައެވެ.

ކެއްކުމަށް ބޭނުންކުރުމުގެ އިތުރުން ރޯސްމެރީ އަކީ އެކި ވައްތަރުގެ ސައި އަދި ތެޔޮ ތައްޔާރުކުރުމުގައި ވެސް އާއްމުކޮށް ބޭނުންކުރާ ބާވަތެކެވެ.

ހަމައެއާއެކު ކޭކު ތައްޔާރު ކުރުމުގެ އިތުރުން ވަރަށް ގިނަ ފޮނި ކެއުންތަކުގައި ވެސް ރޯސްމެރީއަކީ އާއްމުކޮށް ބޭނުންކުރާ ބާވަތެކެވެ.

comment ކޮމެންޓް