ކަޝްމީރުގެ އިންޑިއާ ފަޅީގައި ހުކުރު ދުވަހު ބަޑިން ހަމަލާދީ 26 މީހަކު މަރާލި މައްސަލައިގެ މިނިވަން ތަހުގީގެއް ކުރުމަށް ޕާކިސްތާނުން ގޮވާލައިފިއެވެ.
އަދި ތަހުގީގަށް އެއްބާރުލުން ދޭނެ ކަމަށާއި އަބަދުވެސް ބޭނުންވަނީ ސުލްހަ ކަމަށްވެސް ޕާކިސްތާނުން ވަނީ ބުނެފައެވެ.
އެ މައްސަލައިގައި އިންޑިއާއިން ވަނީ ޕާކިސްތާނަށް ތުހުމަތުކޮށްފައެވެ.
އިންޑިއާގެ 25 މީހުންނާއި ނޭޕާލް ރައްޔިތެއް މަރުވި ހަމަލާގައި ޕާކިސްތާނުގެ އެއްވެސް ދައުރެއް ނޯންނާނެ ކަމަށް އެ ގައުމުން ބުނި ނަމަވެސް އެ ހަމަލާދިން ތިން މީހުންގެ ތެރެއިން ދެ މީހުންނަކީ ޕާކިސްތާނު ރައްޔިތުން ކަމަށް އިންޑިއާއިން ބުނެއެވެ.
"ހަގީގަތް ހާމަވެ އިންސާފު ހޯދުމަށް ހިންގާ ކޮންމެ މިނިވަން ތަހުގީގަކަށް އެއްބާރުލުން ދޭން ޕާކިސްތާނުން އޮތީ ފުރިހަމައަށް ތައްޔާރަށް". ޕާކިސްތާނުގެ އިންޓީރިއާ މިނިސްޓަރު މޮހްސިން ނަގްވީ ހޮނިހިރު ދުވަހު ވިދާޅުވިއެވެ. "ޕާކިސްތާނުން ސުލްހައާއި ހަމަޖެހުމާއި ބައިނަލްއަގްވާމީ އުސޫލުތަކަށް ތަބާވުމަށް ވައުދުވަން. ހަމައެއާއެކު ގައުމުގެ އިސްތިގުލާލަށް އެއްވެސް ގެއްލުމެއް ނުދޭނަން."
އެ މައްސަލައިގައި އިންޑިއާއި ޕާކިސްތާނުގެ ގުޅުން މިއިން ދުވަހަކު ގޯސްނުވާ ވަރަށް ގޯސްވެ ބިރުވެރިކަން ބޮޑުވެފައި ވާއިރު، އދ. އިން ވެސް ވަނީ ދެ ގައުމު ސުލްހަވެ އިތުރަށް ކަންކަން ގޯސްވިޔަނުދޭން އިލްތިމާސްކޮށްފައެވެ. އަދި ދެ ގައުމު ސުލްހަކުރުމަށް މަސައްކަތްކުރަމުން އަންނަ ކަމަށް ސައޫދީ އަރަބިއްޔާއިން ވެސް ވަނީ ބުނެފައެވެ.
ކަޝްމީރުގެ މިނިވަންކަމަށް 1989 ވަނަ އަހަރުން ފެށިގެން ހަނގުރާމަކުރަމުން އަންނައިރު އިންޑިއާ އާއި ޕާކިސްތާނުން އަބަދުވެސް ގެންދަނީ މަސްރަހު ގޯސްކުރަން މަސައްކަތްކުރާ ކަމުގެ ތުހުމަތު އެއް ގައުމުން އަނެއް ގައުމަށް ކުރަމުންނެވެ. އަދި މަސްރަހު ގޯސްވާ ކޮންމެ ފަހަރަކު ހަމަލާ ބަދަލުކޮށް އަލުން ހަނގުރާމައެއް ފެށުމުގެ ބިރު ބޮޑުވާ ހިސާބަށް ކަންތައްދެއެވެ.