އީރާނުގެ އެންމެ ބޮޑު ވިޔަފާރި ބަނދަރުގައި ބާރުގަދަ ގޮވުމެއް ގޮވައި ހިނގި އަލިފާނުގެ ހާދިސާއެއްގައި 14 މީހުން މަރުވެ، 750 މީހުން ޒަޚަމްވެފައިވާ ކަމަށް ދައުލަތުގެ ނޫސް އެޖެންސީ އައިއާރްއެންއޭ އިން ބުނެފިއެވެ.
އެ ހާދިސާ ހިނގާފައި ވަނީ ވެރިރަށް ތެހެރާނުގެ ދެކުނުން 1،000 ކިލޯމީޓަރަށް ވުރެ ދުރުގައި އޮންނަ ޝާހިދު ރާޖައީ ބަނދަރުގައެވެ.
އީރާނުގެ ކްރައިސިސް މެނޭޖްމަންޓް އޯގަނައިޒޭޝަންގެ ތަރުޖަމާނު ހުސެއިން ޒަފާރީ ވިދާޅުވީ ހާދިސާ ހިނގީ އެ ބަނދަރުގައި ހުރި ކޮންޓެއިނަރުތަކުގައި ކެމިކަލް ރައްކާކޮށްފައި ހުރި ގޮތުން ކަމަށް ބެލެވޭ ކަމަށެވެ.
"މީގެ ކުރިން ކްރައިސިސް މެނޭޖްމަންޓްގެ ޑިރެކްޓަރު ޖެނެރަލް އާއި ޓީމުން ވަނީ ބަނދަރުގައި ނުރައްކާތެރި ގޮވުމެއް ގޮވުމުގެ ފުރުސަތު އޮތް ކަމަށް ފާހަގަ ވެސް ކޮށްފައި ކަމަށް'' ޒަފާރީ ވިދާޅުވިއެވެ.
ނަމަވެސް އީރާން ސަރުކާރުގެ ތަރުޖަމާނަކު ވިދާޅުވީ ކެމިކަލްގެ ސަބަބުން ގޮވުން މެދުވެރިވި ކަމަށް ބެލެވުނު ނަމަވެސް ސީދާ ސަބަބެއް އަދި ދެނެގަނެވިފައި ނުވާ ކަމަށެވެ.
މުޅި ސަރަހައްދަށް ވިހަ ދުން ފެތުރެމުންދާތީ، ހޮރްމޯޒްގަން ޕްރޮވިންސްގެ ވެރިރަށް ބަންދަރު އައްބާސްގެ 23 ކިލޯމީޓަރު ދުރުގައިވާ ހުރިހާ ސްކޫލްތަކާއި އޮފީސްތައް ބަންދުކުރަން އަންގާފައިވާކަމަށް ދައުލަތުގެ ޓީވީން ވަނީ ބުނެފައެވެ.
އީރާންގެ މީޑިއާއިން ބުނެފައިވާ ގޮތުގައި، ގޮވުމުގެ ބާރު ގަދަކަމުން 50 ކިލޯމީޓަރު ދުރަށް ވެސް އެ އަޑު އިވިފައިވެއެވެ.
ޝާހިދު ރަޖާއީ ބަނދަރަކީ އީރާނުގެ އެންމެ ޒަމާނީ ކޮންޓެއިނަރު ބަނދަރު ކަމަށް އައިއާރްއެންއޭ އިން ބުނެއެވެ.
އެ ބަނދަރަކީ ދުނިޔޭގައި އުފައްދާ ހުރިހާ ތެލެއްގެ ފަސްބައިކުޅަ އެއްބައި އުފުލާ ހޮރްމޫޒް ކަނޑުއޮޅި ކައިރީގައި އޮންނަ ބަނދަރެކެވެ.