އޭޕްރީލު 18 ވަނަ ދުވަހުގެ ފަތިސް ވަގުތު މާލޭގެ ހެންވޭރުގައި ހުރި ގެއެއްގެ ނުވަވަނަ ފަންގިފިލާއިން ޖެހިގެން ހުރި ގުދަނުގެ ފުރާޅު މައްޗަށް ޒުވާން އަންހެންކުއްޖަކު ވެއްޓުނު މައްސަލައިގެ ތަހުގީގު ދިވެހި ފުލުހުންގެ ހިދުމަތުން ކުރިއަށްގެންދާ ގޮތާއި، މައްސަލައިގެ މައުލޫމާތު ހާމަކުރުމުގައި ފުލުހުން ހެދި ގޯސްތަކާއި، އެހެނިހެން މައްސަލަތަކުގައި މުއްތަހަމުންނާމެދު އަމަލުކުރާ ގޮތާއި މި މައްސަލާގައި ޝާމިލުވާ މީހުންނާމެދު އަމަލުކުރާ ގޮތް ތަފާތުވުމުން ފާއިތުވި ހަތަރު ފަސް ރޭ މާލޭގެ މަގުތަކުގައި ޒުވާނުން އަންނަނީ އިހުތިޖާޖުކުރަމުންނެވެ. ޒުވާނުން ގޮވައިލަނީ ބާރުގަދަ މީހުންނަށް މޮޅު ގޮތް އޮންނަ ނިޒާމު ނިމުމަކަށް ގެނައުމަށެވެ. މި ހާދިސާގައި އަނިޔާވި ޔުމްނު ރަޝީދަށް އިންސާފު ހޯދައިދިނުމަށެވެ. އެކަމަށްޓަކައި، އެ މައްސަލައިގެ ތަހުގީގަށް ނުފޫޒު ފޯރުވިކަމަށް އެ ޒުވާނުންނަށް ގަބޫލުކުރެވޭ މީހުންނާއި، ތަހުގީގު ހިންގުމުގައި އިހުމާލުވިކަމަށް ބެލެވޭ މީހުން އިސްތިއުފާ ދިނުމަށްވެސް އެ ޒުވާނުން އަންނަނީ ގޮވައިލަމުންނެވެ.
މިއީ މިފަހުގެ ތާރީހެއްގައި ސިޔާސީ ގޮތުން ވިސްނުން ނުހަނު ތަފާތު، ފިކުރުގެ ގޮތުން އެއް ވިސްނުމަކަށް ނިސްބަތްނުވާ ގިނަ ބަޔަކު ތަފާތުތައް އެއްފަރާތްކުރުމަށްފަހު އެއް ބަހެއް ކިޔައިގެން މިފަދަ ހަރަކާތަކަށް ނުކުތް ފުރަތަމަ ފަހަރެވެ. އަދި ހާއްސަކޮށް މިހާ ގިނަ އަދަދެއްގެ ޒުވާނުން މަގު މައްޗަށް ނުކުމެ އިހުތިޖާޖުކުރާ މިއީ ފުރަތަމަ ފަހަރެވެ. ގައުމުގައި ހުރި ގިނަ މައްސަލަތަކެއް ހައްލުކުރަންޖެހިފައި އޮތްއިރު މިއީ އެންމެ ޒުވާނަކަށް އިންސާފު ހޯދައިދިނުމަށްވުރެ ފުޅާ، އެއަށްވުރެ ތަނަވަސް އަމާޒުތަކެއް ހާސިލުކުރުމަށް ޖާގަފަހިކުރާ މުޒާހަރާތަކެކެވެ. މިއީ އިންތިޒާމުވެގެން ކުރިއަށްގެންދެވިއްޖެނަމަ އިންގިލާބީ ހަރަކާތަކަށް ހެދިދާނެ މުޒާހަރާތަކެކެވެ.
އައު ގާނޫނުއަސާސީއަށް އަމަލުކުރަން ފެށިފަހުން ބޮޑު ދެ ސިޔާސީ ޕާޓީގެ ތެރެއިން ކޮންމެ ޕާޓީއަކުންވެސް ދެ ފަހަރު ރާއްޖޭގެ ވެރިކަން ކޮށްފިއެވެ. ވެރިކަންތައް ބަދަލުވަމުންދިޔަ ނަމަވެސް ނިޒާމީ ގޮތުން ވާރުތަވަމުން އައި ގިނަ މައްސަލަތަކެއް އެހުރި ގޮތަށް ހުރީއެވެ. އިންސާފު ލިބުމުގައި ހުރި ހުރަސްތައް އެގޮތަށް ހުރީއެވެ. އިޖުތިމާއީ އިގުތިސާދީ ތަފާތުތައް ދައުރަކަށް ފަހު ދައުރެއް ފުޅާވަމުން، އިޖުތިމާއީ ހަރުގަނޑުން މައްޗަށް އަރާން ހުރި ފުރުސަތުތައް ހަނިވަނީއެވެ. އަތޮޅު ތެރޭގެ ވީރާނާކަން އިތުރުވެ، މާލެއަށް ހިޖުރަކޮށް މި މާލޭ ސަރަހައްދުގެ ހާސްކަންބޮޑު ތޮއްޖެހުމުގައި ގަނަތެޅުން ނޫން ގޮތެއް ނެތް ދިރިއުޅުމެއްގައި ޖީލަކަށްފަހު ޖީލެއް ތާށިވަމުންދަނީއެވެ. މަސްތުވާތަކެތީގެ ވަބާގައި ޖެހޭ ޒުވާނުން އިތުރުވެ، އެ ވަބާއިން މިންޖުވުމަށް ބޭނުންވާ ފަރުވާ ލިބުމުގެ ފުރުސަތުތައް ނެތެމުން މަދުވަމުންދަނީއެވެ.
މިއީ ހައްތާވެސް ޒުވާނުން ކަންބޮޑުވާ ކަންކަމެވެ. އެ ޒުވާނުން ދިރިއުޅެނީ ހާސްކަމެއްގެ ތެރޭގައެވެ. ހުއްދަ ރަނގަޅު ގޮތުގައި ބޮޑެތި ހޭދަތެއްނުކޮށް އުފާކޮށްލާނެ މާހައުލެއް ނެތް ދިރިއުޅުމެކެވެ. ލިބޭ އާމްދަނީން ދެކޮޅުނުޖެހި އުޅެންޖެހޭ ހާލުގައެވެ. ދުވަހަކަށްވުރެ ދުވަހެއް ދިރިއުޅުމުގެ އަގު އުފުލި، ނުތަނަވަސްކަމާއި މާދަމާއާމެދު ފިކުރުބޮޑުވާން މަޖުބޫރުވަނިވި ހާލަތެއްގެ ތާށިކަމުގެ ތެރޭގައެވެ.
ޒުވާނުން މިއަދު މަގުމައްޗަށް ނުކުތީ މިހުރިހާ މައްސަލައަކާމެދު ވަކާލާތުކޮށް އަޑުއުފުލާކަށް ނޫނެވެ. ނަމަވެސް މިހެން ހުރި އެތައް މައްސަލައެއް ހައްލުކުރަން ތެދުވާން ތިބީވެސް އެ ޒުވާނުންނެވެ. އަޅުގަނޑުމެންގެ ޖީލުގެ މީހުން މިތިބީ މި މައްސަލަތައް ހައްލުކުރުމުގައި ނާކާމިޔާބުވެފައެވެ. މިއިން ކަމެއް ރަނގަޅުކުރަން ނުކުޅެދިފައެވެ. އެހެންކަމުން މި މައްސަލަތައް ހައްލުކުރުމަށް ޒުވާނުންގެ ވަކާލާތު މުހިއްމެވެ. އެ ޒުވާނުންގެ އަޑު ބޭނުންތެރިއެވެ.
ޔުމްނަށް އިންސާފު ހޯދައިދިނުމަކީ އެ ޒުވާނުންގެ އެންމެ ބޮޑު އަމާޒެވެ. ނުހަނު މަތިވެރި އަދި ޝަރަފުވެރި އަޒުމެކެވެ. ނަމަވެސް ޔުމްނުއަށް ހޯދައިދެވޭ އިންސާފަކީ އޭނާއަށް އެކަނި ލިބޭ އިންސާފަކަށް ވިޔަނުދީ އެއީ ކޮންމެ ދިވެއްސަކަށްވެސް ލިބޭ އިންސާފަކަށް ހެދުމަށް މަސައްކަތްކުރެވިދާނެއެވެ. މާނައަކީ ޔުމްނުއަށް އިންސާފު ނުލިބުނީ ނިޒާމީ މައްސަލަތަކެއްގެ ސަބަބުންކަން ގަބޫލުކޮށް އެ ނިޒާމު އިސްލާހުކުރެވޭނެ ގޮތްތަކާމެދު ފުންކޮށް ބަހުސްކުރަންޖެހެއެވެ. ބާރުގަދަ މީހުން ކުށްކުރުމުން އިންސާފު ނުލިބުމުގެ މައްސަލައަކީ އިއްޔެއަކު މިއަދަކު ފެންމަތިވި ކަމެއް ނޫނެވެ.
މީގެ ކުރީ ސަރުކާރުތަކުގައިވެސް އެ ސަރުކާރުތަކާ ގުޅުންހުރި ބާރުގަދަ މީހުން ހިންގި ކުށްތައް ނުބެލި، އެކުށްތަކުގެ ޝިކާރައަށްވީ މީހުންނަށް އިންސާފު ނުލިބުނެވެ. ގިނަ އަދަދެއްގެ ބިދޭސީން ވަގުފާރިކުރި ކުންފުނީގެ އޯނަރަކީ އެއިރު ވެރިކަންކުރި ޕާޓީގެ ބާރުގަދަ މަޖިލިސް މެންބަރަކަށްވުމުން ނިކަމެތި ބިދޭސީ މަސައްކަތްތެރިންނަށް އިންސާފު ނުލިބުނެވެ. މަސްތުވާތަކެއްޗާއެކު ދެ ފަހަރެއްގެ މަތިން ހައްޔަރުކުރުމުންވެސް އެތަކެތި ހިފައިގެން އުޅުނީ މަޖިލިސް މެންބަރެއްގެ ދަރިއަކަށްވީތީ އޭނާއާމެދު އެފަދަ އެހެނިހެން މައްސަލަތަކުގައި މުއްތަހަމުންނާމެދު އަމަލުކުރި ގޮތަށް އަމަލުނުކުރެވި ދޫވެގެންދިޔައެވެ. މިއީ ފާއިތުވި ދައުރުގައި ހިނގި ކަންކަމުން ދެ މިސާލެވެ.
އެހެންކަމުން، ޔުމްނުއަށް އިންސާފު ހޯދައިދިނުމުގެ މަގުސަދަކަށް ހަދަންވީ މާދަމާ މިފަދަ ހާލަތެއް މެދުވެރިވާ މީހާއަށް އިންސާފު ލިބޭނެކަން ކަށަވަރުކުރުމެވެ. ނިޒާމުގެ ތެރޭގައި އިންސާފު ލިބުމަށް ހުރި ހުރަސްތަކާއި، މުއައްސަސާތައް ބަލިކަށިވެ ވީރާނާވުމަށް ނިޒާމީ ގޮތުން މެދުވެރިވާ ސަބަބުތައް ދެނެގަނެ އެ ސަބަބުތައް ހައްލުކުރުމެވެ.
ހުރިހާ މައްސަލައަކާމެދު އެއް ލިޔުމެއްގައި ވާހަކަނުދެއްކޭނެތީ ދެތިން މައްސަލައަށް އަލިއަޅުވައިލާނަމެވެ. މި މައްސަލައިން ފާހަގަވި ކަމެކެވެ. ތަހުގީގެއްގެ މައުލޫމާތު ހާމަކުރާއިރު ވަނަވަރު ހާމަކުރުމެވެ. ވަނަވަރު ހާމަކުރުމުގައި ފުލުހުން އަމަލުކުރާ އުސޫލެއް އޮންނަކަމެއް ނޭނގެއެވެ. ބައެއް މައްސަލަތަކުގައި މުއްތަހަމުންގެ ވަނަވަރު ވަރަށް އަވަހަށް ހާމަކުރެއެވެ. އަނެއް ބައި މައްސަލަތަކުގައި ޕީޖީ އޮފީހަށް ދައުވާކުރަން ފޮނުވުމާ ހަމައަށް މައްސަލާގައި ހިމެނޭ މީހުންގެ ވަނަވަރު ހާމަނުކުރެއެވެ. މި މައްސަލާގައި ފުރަތަމަ ހާމަކުރީ އަނިޔާ ލިބުނު ޒުވާނާގެ ވަނަވަރެވެ.
ދެން މައްސަލާގައި ޝާމިލުވާ މީހުންގެ ވަނަވަރު ހާމަކުރީ އެކަން ސިއްރުކޮށްގެން އާއްމުން ރުޅިގަދަވީމައެވެ. މި މައްސަލައިގެ އެއް ހައްލަކީ ވަނަވަރު ހާމަކުރުމުގައި އަމަލުކުރާ އުސޫލު އާއްމުކޮށް ފެންނާނެ ގޮތަށް ޝާއިއުކުރުމެވެ. އެއިރުން އެންމެނަށްވެސް ވަނަވަރު ހާމަކުރާނެ ހާލަތާއި ނުކުރާނެ ހާލަތު އެނގޭނެއެވެ. ވަނަވަރު ހާމަނުކުރާނަމަ، ނުކުރާ ސަބަބުވެސް އެނގޭނެއެވެ. ހާމަކުރާނަމަ ހާމަކުރަންޖެހޭ ސަބަބުވެސް އެނގޭނެއެވެ.
ދެވަނަ މައްސަލައަކީ މައްސަލައިގެ މައުލޫމާތު ހާމަކުރުން ލަސްވުމުގެ މައްސަލައެވެ. ބައެއް މައްސަލަތައް ފެންމަތިވުމާއެކު ތަހުގީގުގެ އެންމެ ކުރީ ކޮޅު ފުލުހުން މައުލޫމާތު ހާމަކުރެއެވެ. މި މައްސަލައިގެ މައުލޫމާތެއް ލިބޭ ވަރުވީ، މައްސަލައިގަ ޝާމިލުވާ މީހުންގެ ވަނަވަރުތައް މީސްމީޑިޔާގައި އާއްމުވެ، ގިނަ ބަޔަކު ރުޅިގަދަވި ފަހުންނެވެ.
މައުލޫމާތު ހާމަކުރުމުގައި ފުލުހުން އަމަލުކުރާނެ ގޮތާއި، ތަހުގީގުގެ އެކި މަރުހަލާގައި މައުލޫމާތު ހާމަކުރާނެ މިންވަރާއި، ތަހުގީގު ހިނގަމުންދާއިރު އާއްމުންނަށް ވާނުވާ އަންގައިދިނުމުގައި ފުލުހުން އަމަލުކުރާނެ ގޮތަކީ އުސޫލެއްގެ ގޮތުން އާއްމުކޮށް ފެންނާނެހެން ލިޔެވި ބަޔާންވެފައި ހުންނަންޖެހޭ ކަންކަން ކަމުގައި ދެކެމެވެ. އެންމެ ކުޑަމިނުން ނޫސްވެރިންނަށް އެކަން އެނގެންވާނެއެވެ.
މިއީ ނިސްބަތުން ކުދި މައްސަލަތެކެވެ. ބޮޑު މައްސަލައެއް ފާހަގަކުރާނަމަ އެހެނިހެން މައްސަލަތަކުގައި އަމަލުކުރި ގޮތާ މި މައްސަލާގައި އަމަލުކުރި ގޮތް ތަފާތުވުމުގެ މައްސަލަ ފާހަގަކުރެވެއެވެ. ހާއްސަކޮށް މަސްތުގެ ހާލަތުގައި ތިބިކަމަށް ޝައްކުވާ ބަޔަކު ކުޑަކަމުދާ ތަކެތި ތަހުލީލުކުރަން ދޭން ދެކޮޅުހަދައި އިންކާރުކުރުމުން އެކަމުގައި އެހެނިހެން މައްސަލަތަކުގައި އަޅާ ފިޔަވަޅު ފުލުހުން ނޭޅުމުގެ މައްސަލައަކީ ބޮޑު މައްސަލައެކެވެ. މައްސަލާގައި ޝާމިލުވާ މީހަކު ކެނަބިސްއަށް ފައްސިވުމުން، އެފަދަ މައްސަލަތަކުގައި އާއްމުކޮށް އަމަލުކުރަމުން އަންނަ އުސޫލަށް މި މައްސަލާގައި އަމަލުނުކުރިއެވެ.
މިފަދަ މައްސަލަތަކުގައި ވާންޖެހޭ ގޮތަކީ، ތަހުގީގުތަކުގައި މިފަދަ އިހުމާލެއް ނުވަތަ އާއްމު އުސޫލުތަކުން ބޭރު ތަފާތުކުރުމެއް ފާހަގަކުރެވުމާއެކު އަވަހަށް ފިޔަވަޅުއެޅޭނެ އިންތިޒާމުތައް ތަރުތީބުވުމެވެ. މި މައްސަލަ މީޑިޔާގެ ސަމާލުކަމަށް އައުމާއެކު ފުލުހުންގެ އެތެރޭގައި ގާއިމުކުރެވިފައި ހުންނަ ޖަވާބުދާރިކުރުވުމުގެ އިންތިޒާމުތަކުގެ ތެރެއިން އެކަންކަން ބެލެންޖެހޭނެއެވެ. އަދި ސަލާމަތީ ބާރުތަކުގެ ނަޒާހަތްތެރިކަން ކަށަވަރުކުރުމުގެ ޒިންމާ މަތިވެފައި އޮންނަ މިނިވަން މުއައްސަސާއިން އެ މައްސަލަތައް ބެލެންޖެހެއެވެ. މިދެންނެވި ގޮތަށް ނިޒާމު ނުހިނގާނަމަ، އެކަމުގެ ޝަކުވާއާއެކު ފަރުވާ ހޯދޭނެ ނިޒާމެއްވެސް އޮންނަންވާނެއެވެ.
މިއީ އަޅުގަނޑުގެ ހިތަށް އަންނަ ހިޔާލުތަކެކެވެ. ނުކުތާއަކީ މި މައްސަލަތަކަށް ނިޒާމީ ހައްލުތައް ހޯދުމަށް ބަހުސްކުރެވެންޖެހޭ ކަމެވެ. ނިޒާމު ހިންގުމާ ހަވާލުވެފައި ތިބި ބަޔަކު މަގާމުތަކުން ދުރުކޮށް ޒިންމާއިން އެކަހެރިކުރި ނަމަވެސް، ނިޒާމަށް ބަދަލެއް ނާންނަނަމަ ޔުމްނަށް އިންސާފު ލިބުމަށް ހުރަހަކަށްވީ ކަންކަން، އަދި ޖިނާއީ އަދުލުގެ އެންމެ މުހިއްމު އެއް މަރުހަލާގެ އިތުބާރު ހީނަރުވި ސަބަބުތައް އެގޮތުގައި ދެމިހުންނާނެއެވެ.
ޒުވާނުންގެ ތެރޭގައި މިއަދު ގުނައިނުލެވޭ އުމުރުގެ މީހެއްގެ ހައިސިއްޔަތުން ޒުވާނުން ކުރަމުންދާ ހިތްވަރަށް ސާބަސް ދެމުން، އަޅުގަނޑު ޒުވާނުންނަށް ގޮވައިލަނީ މިއަދު ޒުވާނުންގެ މެދުގައި ތިޔަ އޮތް އެއްބައެއްވަންތަކަމުގެ ރޫހު، ގައުމުގައި މޫލާފައިހުރި ދުވަސްވީ ގިނަ މައްސަލަތަކެއް ހައްލުކުރުމަށް އަމާޒުކުރުމަށެވެ. އިހުތިޖާޖުތައް ކުރިއަށްގެންދާށެވެ. އިހުތިޖާޖުތަކުގެ ބޭރުން ބަހުސްތައް ކުރެވި ހިޔާލާއި ފިކުރު ބަދަލުކުރެވޭނެ އިންތިޒާމުތައް ތަރުތީބުކުރާށެވެ. ގައުމުގައި ހުރި މައްސަލަތަކާމެދު ޒުވާނުންގެ ތާޒާ ވިސްނުން ހިއްސާކޮށް، އެއް ބަޔަކު އަނެއް ބައެއްގެ މެދުގައި ތަޖުރިބާތަކާއި ހިޔާލުތައް ބަދަލުކުރެވޭނެ މަންސަތައް/ ޕްލެޓްފޯމުތައް އުފައްދާށެވެ. މިއަދު އުފެދިފައި މިއޮތް ޖޯޝާއި އުދާހާއި އިހުސާސްތައް ބިނާކުރަނަވި ބާރަކަށް ހަދާށެވެ. މިއީ ރާއްޖޭގެ މިސްރާބު ބަދަލުކޮށްލަން ތިޔަ ލޮބުވެތި ޒުވާނުންނަށް ލިބޭ ރަނުގެ ފުރުސަތެކެވެ. ތިޔަ ޒުވާނުންނާއި، ތިޔަ ކުދީންގެ ދަރިންނަށްޓަކައި އަދި އެއަށްފަހު އަންނާން ތިބި ހުރިހާ ދިވެހީންގެ ހައްގުގައި މި ފުރުސަތު ނަގައިނުލާށެވެ.