ސަރުކާރުގެ ޑޮލަރު ސިޔާސަތު؛ ދެކޮޅުނުޖެހޭ ގޮތަށް ތަންފީޒުކުރުމުން ޑޮލަރުގެ އަގު ބޮޑުވާނެ

އޭޓީއެމްއަކުން މީހަކު ޑޮލަރު ނަގަނީ --- ފޮޓޯ: ބީއެމްއެލް

ފާއިތުވި އަހަރު އެމްއެމްއޭއިން އަމަލުކުރަމުން އައި ގަވާއިދުތަކަށް ސަރުކާރުން ގެނައި ބޮޑު ބަދަލާއެކު ރާއްޖެއަށް ކުރިމަތިވެފައިވާ ޑޮލަރުގެ ތާށިކަން ހައްލުވާނެ ކަމުގެ ޔަގީންކަން ސަރުކާރުން ދިނެވެ. ކާޑު ލިމިޓު ބޮޑުކުރުމާއި، ޓީޓީ ހަދަން ބޭންކުތަކުން ވިޔަފާރިތަކަށް ދޭ އެހީ އިތުރުކުރުމާއި، ބޭރަށް ފުރާ ދިވެހިންނަށް ބޭންކު ރޭޓުގައި ވިއްކާ ޑޮލަރުގެ އަދަދުވެސް އިތުރުވާނެ ކަމުގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވި އެވެ.

ނަމަވެސް އެ ސިޔާސަތު ތަންފީޒުކުރަން ފެށިތާ ހައެއްކަ މަސް ފާއިތުވިއިރު ނަތީޖާ ފެންނަނީ ރައީސް ކުރައްސަވައިލެއްވި ހިތްގައިމު ތަސްވީރާ މުޅިން ހިލާފަށެވެ. ބޭންކުތަކުން ވިޔަފާރިތަކަށް ޓީޓީ ހަދަން ވެދެމުން އައި އެހީ މަދުވީއެވެ. ބޭރުގައި ތިބޭ ދަރިވަރުންގެ ކާޑުތަކުގެ ލިމިޓަށް ބަދަލުގެނައި ނަމަވެސް އެހެން ބަޔަކަށް އެފަދަ ފައިދާއެއް ނެތެވެ. ބޭރަށް ފުރާ ދިވެހިންނަށް ވިއްކާ ޑޮލަރުގެ އަދަދު އިތުރުވާނެ ދުވަހަކީ އަދި ލައްކަ ޒަމާނެވެ.

ބަދަލުގައި ކުރިއަށްވުރެ ޕެރަލަލް މާކެޓުން ޑޮލަރު ލިބުން ދަތިވެއްޖެ އެވެ. ކުރިން ޑޮލަރު ލިބުނު އަގަށްވުރެ މިހާރު ޑޮލަރު ލިބޭ އަގު އިންތިހާއަށް ބޮޑުވެއްޖެ އެވެ. މިއީ މި ސިޔާސަތު ތައާރަފުކުރި ދުވަސްވަރު އިގުތިސާދީ މާހިރުން ނިކުންނާނެ ކަމުގައި ނިމުތަކުރެއްވި ނުވަތަ އަންދާޒާކުރެއްވި ނަތީޖާ އެވެ.

އަސްލު ބާޒާރަކީ އެވިދާޅުވާ ކަޅު ބާޒާރު:

އިގުތިސާދީ ހަގީގަތަކީ މިނިވަން ވިޔަފާރި ބާޒާރަކީ ތަކެތީގެ އަގު ޑިމާންޑާއި ސަޕްލައިގެ އުސޫލުތަކަށް ބިނާވެފައި އޮންނަ ބާޒާރެކެވެ. އަގު ކޮންޓުރޯލުކޮށްގެން ހިފަހައްޓައިގެން އުޅޭ ބާޒާރަކީ ހަގީގީ މާނާގައި ބާޒާރެއް ނޫނެވެ. އެހެންކަމުން ރާއްޖޭގައި ޑޮލަރުގެ ހަގީގީ އަގު އެނގޭނީ ޑޮލަރަށް އޮތް ޑިމާންޑާއި ސަޕްލައިގެ އުސޫލަށް ޑޮލަރުގެ އަގު ކަނޑައަޅާ ބާޒާރުންނެވެ. ކަޅު ބާޒާރޭ ނުވަތަ ޕެރަލަލް މާކެޓޭ ކިޔަސް ހަގީގަތުގައި ޑޮލަރުގެ އަސްލު އަގު އެނގޭ ބާޒާރަކީ އެއީ އެވެ.

ޕެރަލަލް މާކެޓަކީ ހަގީގީ ބާޒާރުކަމަށް ދަންނަވަންޖެހޭ ދެވަނަ ސަބަބަކީ ޑޮލަރަށް ރާއްޖޭގައި އޮތް ޑިމާންޑަށް ބަލާއިރު ދައުލަތުގެ ކޮންޓުރޯލު ހިނގާ ރަސްމީ މާލީ ނިޒާމުގެ ތެރެއިން އެ ޑިމާންޑާ އެއްވަރަށް ޑޮލަރު ފޯރުކޮށްދެވެން ނެތުމެވެ. ރަސްމީ މާލީ ނިޒާމު އޮތީ ބޭރު ފައިސާގެ ދަރަނީގެ މަޅިއަށް ފެތި ހިރިނުލެވޭ މިންވަރަށް ބަނދެވިފައެވެ.

ތިލަކޮށް ދަންނަވާނަމަ ރަސްމީ މާލީ ނިޒާމުގެ ތެރެއަށް އެތެރެވާ ކޮންމެ ސެންޓަކީ ރާއްޖެއިން އަންނަ އަހަރު އަދާކުރަންޖެހިފައި އޮތް ބިލިއަނެއްހައި ޑޮލަރުގެ ދަރަނި އަދާކުރުމަށް ރިޒާވްގައި ރައްކާކުރަންޖެހޭ ފައިސާއެވެ. މިކަމަށް ދަލީލުކުރާ އެއް ބަދަލަކީ އިހަކަށް ދުވަހު އެމްއެމްއޭއިން ގަވާއިދަށް ގެނައި ބަދަލެވެ. ބޭންކުތަކަށް މާރުކުރާ ޑޮލަރުގެ 90 އިންސައްތަ އެމްއެމްއޭއަށް ވިއްކަންޖެހޭ ގޮތަށް އުސޫލު ބަދަލުކުރުމެވެ.

ބޭންކުތަކަށް ފޯރުކޮށްދޭ ޑޮލަރު އިތުރުކުރުމަކީ މި ބަދަލު ގެނައި ސަބަބުކަމަށް އެމްއެމްއޭއިން ބުނި ނަމަވެސް އިގުތިސާދީ މާލީ ހުރިހާ މާހިރުންވެސް އެއްބަސްވެވަޑައިގަންނަވާ ގޮތުގައި މި ބަދަލުގެ މަގުސަދަކީ މި އަހަރާއި އަންނަ އަހަރު އަދާކުރަންޖެހިފައި އޮތް ދަރަނި އަދާކުރުމަށްޓަކައި ރިޒާވްގެ ހާލަތު ރަނގަޅުކުރުމެވެ.

އެއްވެސް ހާލެއްގައި ބޭންކުތަކަށް އެމްއެމްއޭޢިން ޑޮލަރު ދޫނުކުރާނެ ކަމުގައި ދަންނަވަނީއެއް ނޫނެވެ. ނަމަވެސް ރާއްޖޭގެ އިގުތިސާދީ ހާލަތަށް ބަލާއިރު އޮތް ޑިމާންޑާ އެކަށޭނެ މުނާސަބު މިންވަރަކަށް ޑޮލަރު ދޫކުރުމަކީ ކުރެވޭނެ ކަމެއް ކަމުގައި ނުބެލެވެނީއެވެ.

ސިޔާސަތުން އުފެއްދީ "އަޕްވޯޑް ޕްރެޝާ"އެއް:

ޑޮލަރު މާރުކުރަން ލާޒިމުކުރިއިރު އެ ޑޮލަރުން ބޮޑު ބައެއް ރިޒާވްއަށް ނަގަންޖެހޭނެކަން އެމްއެމްއޭގެ އިގުތިސާދީ މާހިރުންނަށް އެނގެ އެވެ. އެއިން ބައެއް ބޭފުޅުންވަނީ އެކަމުން ނިކުންނާނެ ނަތީޖާއާމެދު އެތެރޭގައި ވަރަށް ބޮޑަށް ވާހަކަދައްކަވާފަ އެވެ. ނަމަވެސް ސަރުކާރުން ބޭނުންވާ ގޮތަށް ހުރިހާ ކަމެއް ކުރުމުގެ އަޒުމުގައި އޮތް ތަނުގެ ލީޑަރޝިޕުން އެ ވާހަކަތަކަށް ސަމާލުކަމެއް ނުދިނެވެ.

އެ ބޭފުޅުން އެއިރު ފާހަގަކުރެއްވި ނުކުތާއަކީ މިފަދަ ސިޔާސަތެއް ތަންފީޒުކުރުމުން ޑޮލަރު ލިބުން ތާށިވެ "އަޕްވޯޑް ޕްރެޝާ"އެއް އުފެދެމުގެ ފުރުސަތު ބޮޑުކަމެވެ. މާނައަކީ ޑޮލަރުގެ އަސްލު ބާޒާރު ނުވަތަ ޕެރަލްލަ މާކެޓަށް ޑޮލަރު ނެރޭ މިންވަރު މަދުވުމާއެކު ޑިމާންޑާ ސަޕްލައިގެ މެދުގައި އޮތް ފަރަގު ބޮޑުވުމާއި، ރަސްމީ މާލީ ނިޒާމުންވެސް އެކަށީގެންވާ މިންވަރަށް ޑޮލަރު ނުލިބުމުގެ ސަބަބުން ޑިމާންޑާއި ސަޕްލައިގެ މެދުގައި އޮންނަ ފަރަގަށް ކޭޓާކުރެވޭނެ ނުވަތަ އެ ފަރަގު ފޫބެއްދޭނެ ގޮތެއް ނެތުމެވެ.

މިހާރު މިއޮތީ އެ ހާލަތު އުފެދިފައެވެ. ޕެރަލަލް ބާޒާރުގައި ޑޮލަރުގެ އަގު ރޮކެޓު ސްޕީޑުގައި އާސުމާނަށް އަރަމުންދާއިރު، ރަސްމީ މާލީ ބާޒާރުން ޑޮލަރު ލިބުން އިހުނަށްވުރެ ތާށިވެއްޖެ އެވެ. ނަތީޖާއަކީ ޑޮލަރުގެ ކަޅު ބާޒާރުގައި 19.50 ރުފިޔާއަށް ޑޮލަރެއްގެ އަގު އަރައިގެންދިއުމެވެ.

މި ނަތީޖާއަށް ވާސިލުވީ ނޭނގިގެންނެއް ނޫނެވެ. ނަމަވެސް ވަގުތީ ހައްލުތަކެއް ހޯދުމުގެ ވިސްނުން އިސްކުރުމުންނެވެ. ރިޒަރވްގެ ހާލަތު ރަނގަޅުކުރުމުގެ މުހިއްމުކަން ބޮޑުވިއިރު މިނޫން ހައްލެއް ހޯދެން ނެތީއެވެ. ހަރަދު ކުޑަކުރުމުގެ ކުޑަވެސް ވިސްނުމެއް ނުގެންގުޅެނީ އެވެ.

މާލީ އިސްލާހުތައް ނުގެނެސް ސަލާމަތްނުވާނެ

މިހުރިހާ މައްސަލައެއްގެ މަދަކީ މާލީ ސިޔާސަތު ފެއިލުވުމެވެ. މި ސަރުކާރު އެކަންޏެއް ނޫނެވެ. ގާތްގަނޑަކަށް ފާއިތުވި ދެތިން ދައުރުގެ ހުރިހާ ސަރުކާރުތަކުން މާލީ ދެމެހެއްޓެނެވިކަމަށް ދޭންވީ މިންވަރުގެ އިސްކަމެއް ނުދިނުމުގެ ނަތީޖާއަކީ ދަރަނި ބޮޑުވެ ތަހައްމަލުނުކުރެވޭހައި އިތުރުވުމެވެ. ބޭރު ފައިސާއިން އަދާކުރަންޖެހޭ ދަރަނި ބޮޑީ އެވެ.

މި ސަރުކާރުގެ ކުރީ ކޮޅުގައި "ހޯމް ގްރޯން ރިފޯމްސް" ނުވަތަ އަމިއްލައަށް އެކުލަވައިލީ މާލީ އިސްލާހީ އެޖެންޑާއެއް އިއުލާނުކުރެއްވިއެވެ. ސަރުކާރުގެ ނުކިއްސަރު ހަރަދުގެ ބޮޑު ބަޔަކީ ރިކަރަންޓު ހަރަދެވެ. އެއީ އާސަންދައާއި ސަބްސިޑީ ފަދަ ނިޒާމުތައް ބައްޓަންކުރެވިފައިވާ ގޮތުގެ ދޯހަޅިކަމުން އިތުރުވަމުންދާ ހަރަދުތަކެވެ.

މިއީ އިގުތިސާދީ މާހިރުން އެއްބަސްވާ ކަމެކެވެ. ބައިނަލްއަގުވާމީ މާލީ އިދާރާތަކާއި ކްރެޑިޓް ރޭޓިން އެޖެންސީތަކުންވެސް މިވާހަކަ އައީ ފާހަގަކުރަމުންނެވެ. ސަރުކާރުން އެކަން ގަބޫލުކޮށް ނިޒާމުގެ ތެރޭގައި ހުރި ހަރަދު ދެމެހެއްޓެނެވި މިންގަނޑުތަކުން ބޭރުވާ ސަބަބުތައް ދެނެގަނެ އެ ވިނދުތައް ބައްދަން ރޭވި އެވެ. އެ ފިޔަވަޅުތައް ދައުލަތުގެ ބަޖެޓުގައި ހިމަނައި، އެކަންކަން ތަންފީޒުކުރެވުމުން ހަރަދުން ސަލާމަތްވާނެ އަދަދުތައްވެސް ހިމެނި އެވެ. ނަމަވެސް ބަޖެޓު ފާސްކުރިތާ ކުޑަ ދުވަސްކޮޅެއް ފަހުން ސަރުކާރުގެ ރާގު ބަދަލުވެ އެ ކަންކަން ތަންފީޒުނުކުރަން ނިންމައިފި އެވެ.

މިހާރު ސަރުކާރުން ބުނަމުންދަނީ ބަޖެޓުގެ ހަރަދު ކުޑަކުރަން ގަސްތުކުރަނީ މަޝްރޫއުތައް ހިންގާ ގޮތް ބަދަލުކޮށް، ހުރިހާ މަޝްރޫއެއް ސަރުކާރު ކުންފުނިތަކާ ހަވާލުކޮށްގެން ކަމަށެވެ. ނަމަވެސް ފެންނަ މަންޒަރަކީ ފުލުފުލުގައި ގިނަ އަދަދެއްގެ މަޝްރޫއުތައް ސަރުކާރު ކުންފުނިތަކާ ހަވާލުކުރި ނަމަވެސް މަސައްކަތް ނުފެށޭ ތަނެވެ.

އަނެއްކޮޅުން އަމިއްލަ ވިޔަފާރިތަކާ މަޝްރޫއުތައް ހަވާލުނުކުރުމުގެ ނަތީޖާއަކީ އިގުތިސާދު ހީނަރުވުމެވެ. ކުދި އަދި މެދުފަންތީގެ ގިނަ ވިޔަފާރިތައް ބަރޯސާވަނީ ސަރުކާރަށެވެ. ސަރުކާރުން ހިންގާ މަޝްރޫއުތައް ތަންފީޒުކޮށްގެންނާއި، ބޭނުންވާ ތަކެތި ފޯރުކޮށްދީގެންނާއި އެނޫންވެސް ގޮތްގޮތުން ސަރުކާރުން ކޮންޓްރެކްޓުތަކުން ލިބޭ އާމްދަނީއަށެވެ. އެ ވިޔަފާރިތަކަށް އެ މަގު ބަންދުވެ މަޑުމަޑުން އެ ވިޔަފާރިތައް ފުނޑެންވަނީ ފަށާފަ އެވެ.

އެހެންކަމުން ހަރަދު ކުޑަކުރުމަށް މިހާރު އަޅާ ފިޔަވަޅުތަކުން އިގުތިސާދަށް ކުރަނީ ނޭދެވޭ އަސަރުތަކެވެ. އަދި ސަރުކާރުން އަންދާޒާކުރާ މިންވަރަށް މަޝްރޫއުތަކުގެ ތެރެއިން ފައިސާ ސަލާމަތްކުރެވޭނެ ކަމާމެދު ޝައްކުތައް ބައިވަރެވެ. މާލީ އިސްލާހުތައް ތަންފީޒުކުރުން ލަސްކުރާނަމަ ރާއްޖޭގެ މާލީ ހާލަތު ވަރަށް ބޮޑަށް ހީނަރުވާނެކަމަށް ފިޗްއާއި މޫޑީސްއިން އިންޒާރުކޮށްފައި އެބައޮތެވެ. ސަރުކާރުން އަންދާޒާކުރާ ނަތީޖާ ނެރެވުނަސް ކުރިން ދެންނެވި ނިޒާމުތައް އެގޮތުގައި ދެމި އޮވެއްޖެނަމަ ފަހުން އެކަމުގެ ނުރައްކާ ކުރިމަތިނުވެނުދާނެކަން ދުނިޔޭގެ ގައުމުތަކުގެ ތަޖުރިބާއިން ފެންނަން އޮތްއިރު އެ އިސްލާހުތައް ތަންފީޒުނުކުރަނީ ކީއްވެހެއްޔެވެ؟ ޖަވާބަކީ ސިޔާސީ ގޮތުން މަގުބޫލުކަމަށް އަތުވެދާނެ ލޮޅުމަކަށް ބިރުގަންނަނީ އެވެ.

ނަމަވެސް ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް ތަންފީޒުނުކުރެވޭނަމަ އެމްއެމްއޭއިން ތަންފީޒުކުރަން ފަށާފައިވާ ބޭރު ފައިސާއާ ބެހޭ ގާނޫނުވާނީ ބޭރު ފައިސާގެ އަގު އުފުލުމަށް މެދުވެރިވާ ސަބަބަކަށެވެ. ދައުލަތުގެ ހަރަދުތައް ކުޑަނުކޮށް ރިޒާވްއަށް އޮތް ބުރަ ކުޑަނުވާނެ އެވެ. އެ ބުރަ ކުޑަނުވާހާ ހިނދަކު އެމްއެމްއޭއަށް ބޭންކުތައް މެދުވެރިކޮށް ގަންނަ ޑޮލަރު އަނބުރާ ބޭންކިން ނިޒާމުގެ ތެރެއަށް ނުވަންނާނެއެވެ. ކުރު ހުލާސާއަކީ ސިޔާސަތެއްގެ އެއްބައި ތަންފީޒުކޮށް އަނެއްބައި ދޫކޮށްލުމުން ސިޔާސަތު ދެކޮޅުނުޖެހޭނެ ކަމެވެ.

ގުޅޭ ޓެގު
comment ކޮމެންޓް