ބޮޑު މަގުބޫލުކަމެއް ހޯދި ކޮމެޑީ ފިލްމު "ޑްރީމް ގާލް"ގެ ޑައިރެކްޓަރު ރާޖް ޝާންދަލިޔާ އުފައްދާ އިތުރު ކޮމެޑީ ފިލްމަކަށް އެކްޓަރު ސިދާތު މަލްހޯތްރާ، އަނަނިޔާ ޕާންޑޭ އަދި ސްރީލީލާ ނަގާފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
ނަން އަދި ހާމަކޮށްފައިނުވާ މި ފިލްމަށް ލީޑް ބަތަލާއަކު ހޮވުމުގެ މަޝްވަރާތައް ކުރެވެމުންދާއިރު ލީޑް ބަތަލާގެ ރޯލުން ފެންނާނީ އަނަނިޔާ ނުވަތަ ސްރީލީލާ ކަމަށް ރިޕޯޓުތައް ބުނެއެވެ. އަނަނިޔާ ޕާންޑޭ ވަނީ މީގެ ކުރިން ވެސް ޑައިރެކްޓަރު ރާޖް ޝާންދަލިޔާއާ އެކު މަސައްކަތްކޮށްފައެވެ. އެއީ، 2019 ވަނަ އަހަރު ރިލީޒްކުރި ފިލްމު "ޑްރީމް ގާލް"ގެ ސީކުއަލް "ޑްރީމް ގާލް 2"ގައެވެ.
ދާދި ފަހުން ރިލީޒްކުރި ފިލްމު "ކޭސަރީ ޗެޕްޓަ 2"ގައި ބަތަލާ އަނަނިޔާ ދެއްކި ޕާފޮމެންސާ އެކު އަނަނިޔާއަށް ފިލްމު ޕްރޮޑިއުސަރުންގެ ގިނަ ފުރުސަތުތަކެއް އަންނަނީ ލިބެމުންނެވެ. އެހެންކަމުން ސްރީލީލާގެ ބަދަލުގައި މި ފިލްމުގެ ލީޑް ރޯލް އަނަނިޔާއަށް ލިބުމުގެ ފުރުސަތު ބޮޑު ކަމަށް ރިޕޯޓުތައް ބުނެއެވެ.

ބަތަލާ ސްރީލީލާ ބޮލީވުޑަށް ތައާރަފްވާ ފިލްމުގެ މަންޒަރެއްގައި އެކްޓަރު ކާތިކް އާރްޔަންއާ އެކު--ފޮޓޯ/މިޑްޑޭ
ހަމައެއާއެކު ސްރީލީލާ އަކީ ސައުތު ސިނަމާގެ އެންމެ މަގުބޫލު އަދި ޑީމާންޑު ބޮޑު ބަތަލާއިންގެ ތެރޭ ހިމެނޭ ފިލްމީ ތަރިއަކަށްވާއިރު ސްރީލީލާ އަންނަނީ ބޮލީވުޑަށް ތައާރަފުވާ ފިލްމުގެ މަސައްކަތް ކުރަމުންނެވެ.
ކޮންމެއަކަސް މި ތިން ތަރިން ހިމަނައިގެން ޑައިރެކްޓަރު ރާޖް ޝަންދަލިޔާ މި ފިލްމު އުފައްދައިފިނަމަ މިއީ ސިދާތާއި އަނަނިޔާ އަދި ސްރީލީލާ އެކީގައި ސްކްރީނުން ފެންނާނެ ފުރަތަމަ ފިލްމަށްވާނެއެވެ.
ސިދާތު ދާދިފަހުން މިތޮލޮޖީ ފިލްމަކަށް ސޮއިކޮށްފައިވާއިރު ދަރުމާ ޕްރޮޑަކްޝަންސްއިން ގެނެސްދޭ ލޯބީގެ ފިލްމު "ޕަރަމް ސުންދަރީ"ގެ މަސައްކަތް ވެސް އެކްޓަރު އަންނަނީ ކުރަމުންނެވެ.