ރައްޔިތުންގެ މަޖިލީހަށް ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ހާޒިރުކުރުމުން އިދިކޮޅު އެމްޑީޕީގެ މެންބަރުން ކުރިމަތިކުރި ހުރިހާ ސުވާލުތަކަކަށްހެން ޖަވާބުދޭން ރިޔާސަތުން ފުރުސަތު ނުދިނުމުން މަޖިލީހުގެ ނިޒާމު މިއަދު ގެއްލިއްޖެއެވެ.
މިނިސްޓަރު ހާޒިރުކުރީ ނ. ޅޮހީ ފެނާއި ނަރުދަމާ ނުނިމި ލަސްވާ މައްސަލައިގައެވެ.
އެ ސުވާލަށް ފަހު، އިތުރު ސުވާލުގެ ވަގުތުގައި އެމްޑީޕީއަށް ނިސްބަތްވާ މެންބަރުން ވަނީ އިތުރު ބައެއް މަޝްރޫއުތަކާއި އަދި އެ މެންބަރުންގެ ދާއިރާތަކުގައި ހިނގާ މަޝްރޫއުތަކާ ގުޅޭ ގޮތުން ސުވާލުތައް އަމާޒުކޮށްފައެވެ. އެކަމަކު، މަޖިލީހުގެ ރިޔާސަތުގައި އިންނެވި ނައިބު ރައީސް އަހުމަދު ނާޒިމް ވަނީ 'ސުވާލުގެ ދާއިރާއާ ގުޅޭ ސުވާލެއް ނޫން' ކަމަށް ވިދާޅުވެ، އެއިން އެއްވެސް ސުވާލަކަށް ފުރުސަތު ދޭން ދެކޮޅު ހަދައިފައެވެ.
އެހެންވެ، އިދިކޮޅު މެންބަރުން ވަނީ ތަޅުމުގައި ނުރުހުން ފާޅުކޮށްފައެވެ. އެ ނިންމުމާ ދެކޮޅަށް އެ މެންބަރުން ވަނީ އަޑުގަދަކޮށްފައެވެ.
އެމްޑީޕީ މެންބަރުން މިނިސްޓަރު މުއްތަލިބާ ކުރި ގިނަ ސުވާލުތަކަށް ފުރުސަތު ނުދިނުމުން އެ މެންބަރުން ވަނީ ނުރުހުން ފާޅުކޮށް، ތަޅުމުގައި އަޑުގަދަކޮށްފައެވެ.

"މި ކުރަނީ މިއަދުގެ ސުވާލާ ގުޅުންހުރި ސުވާލުތައް. އެ ފުރުސަތު ވަޒީރަށް ދެއްވައިފިއްޔާ ރަނގަޅު. ސާދަ ދުވަހުގެ ނޯޓިސްއެއް ދެނީ ވަޒީރު ދަސްކޮށްގެން އަންނަން މި ތަނަށް،" އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕް (ޕީޖީ) ލީޑަރު އިބްރާހިމް ނާޒިލް ނުރުހުން ފާޅުކުރެއްވިއެވެ.
މީގެ އިތުރުން، ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް ވެސް ވަނީ މިނިސްޓަރު ޖަވާބުނުދެއްވާތީ ނުރުހުން ފާޅުކުރައްވައިފައެވެ.
"އެހެން ވަޒީރުން ޖަވާބުދެއްވާއިރު މަނިކުފާނު ކީއްވެތޯ އަޅުގަނޑުމެންގެ ކޯލްތަކަށާއި މެސެޖުތަކަށް ޖަވާބުނުދެއްވަނީ؟ އަޅުގަނޑުމެން ޕާސަނަލް ކަމެއްގައި ނުގުޅަން،" ތަޅުމަށް ހާޒިރުކުރުމުން ވެސް ޖަވާބެއް ނުލިބޭ ކަމަށް ވިދާޅުވެ، މެންބަރު ނުރުހުން ފާޅުކުރެއްވިއެވެ.
އިދިކޮޅުން ކުރި ގިނަ ސުވާލުތަކަކީ 'ސުވާލުގެ ދާއިރާއާ ގުޅޭ ސުވާލެއް ނޫން' ކަމަށް ވިދާޅުވެ، ރިޔާސަތުގައި އިންނެވި ނާޒިމް ވަނީ އެ ސުވާލުތަކަށް ފުރުސަތު ދޭން ދެކޮޅު ހައްދަވައިފައެވެ.
މަޖިލީހުގެ ގަވާއިދު އޮންނަ ގޮތުން މިނިސްޓަރަކު މަޖިލީހަށް ހާޒިރުކުރާ ދާއިރާއަކުން އިތުރު ސުވާލުކުރުމުގެ ފުރުސަތު މެންބަރުންނަށް ލިބެއެވެ.